ސިންގަޕޯ އެއާލައިންސް، ޑްރީމްލައިނާގައި ރާއްޖެއަށް ދަތުރުތައް ފަށައިފި

ސިންގަޕޯ އެއާލައިންސްއިން ރާއްޖެއަށް ޑްރީމްލައިނާގައި ދަތުރުތައް ފެށުން -- ފޮޓޯ/ އެމްއޭސީއެލް

ސިންގަޕޯ އެއާލައިންސްއިން ރާއްޖެއާ ސިންގަޕޫރާ ދެމެދު ކުރާ ދަތުރުތަކުގައި، އެ އެއާލައިނުގެ ފްލީޓުގައި ހިމެނޭ ބޮއިންގް 10-787 ޑްރީމްލައިނާ އެއާކްރާފްޓު ބޭނުންކުރަން ފަށައިފިއެވެ.

ސިންގަޕޯ އެއާލައިންސްގެ ޑްރީމްލައިނާގައި ރާއްޖެއަށް ކުރި އެންމެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ރޭގައެވެ. އެ އެއާކްރާފްޓުގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް އެރުވިއެވެ. އަދި އެ ފްލައިޓުގެ ކްރޫއިންނަށް މަރުހަބާ ކިޔުމުގެ ގޮތުން އެއާޕޯޓުގެ ވީއައިޕީގައި ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންދިޔައެވެ.

ބޮއިންގް 10-787 މަރުކާގެ ބޯޓުތަކަކީ ޖާގަ ތަނަވަސް، ފަސިންޖަރުންނަށް ހިތްހަމަޖެހޭ ދަތުރުތަކަށް ބޭނުންވާނެ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ބޯޓެކެވެ. މި މަރުކާރުގެ ބޯޓުތައް އެންމެ ފުރަތަމަ ބޭނުން ކުރަން ފެށީވެސް ސިންގަޕޯ އެއާލައިނުންނެވެ.

ރޭ ފެށި ދަތުރުތަކާ ގުޅޭގޮތުން ސިންގަޕޯ އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ ވިދާޅުވީ މިރެއިން ފެށިގެން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ރޭގަނޑު ބާއްވާ އެ އެއާލައިންގެ SQ452, SQ451ގެ ފްލައިޓުތައް ބާއްވާނީ ޑްްރީމްލައިނާ އެއާކްރާފްޓުގައި ކަމަށެވެ.

ސިންގަޕޯ އެއާލައިންސްއިން ރާއްޖެއަށް ޑްރީމްލައިނާގައި ދަތުރުތައް ފެށުން -- ފޮޓޯ/ އެމްއޭސީއެލް

ބޮއިންގް 10-787 މަރުކާގެ ބޯޓުތަކުގައި 337 ސީޓު ހުންނައިރު އޭގެ ތެރެއިން 36 ސީޓަކީ ބިޒްނަސް ކްލާހަށް ހާއްސަ ސީޓުތަކެވެ. އިކޮނޮމީ ކްލާހުގައި 301 ސީޓު ހުންނައިރު މިއީީ ފަސިންޖަރުންނަށް އަރާމުކޮށް ތިބެވޭނެ، އަދި ދިގު ދަތުރުތައް ކުރާއިރު ފަސޭހަވާނެގޮތަށް ފަރުމާކޮށްފައިވާ ސީޓުތަކެކެވެ.

އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ސިންގަޕޯ އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ކުރާތާ 36 އަހަރުވެފައިވާ ކަަމަށާއި ރާއްޖޭގެ ފަތުރުވެރިކަމުގައި ސިންގަޕޯ އެއާލައިނުން އަދާކުރާ ދައުރު ބޮޑުކަމަށެވެ.

"އެންމެ ފުރަތަމަ ޔޫރަޕު ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ސިންގަޕޯ އެއާލައިނުން. ރާއްޖޭގެ ފަތުރުވެރިކަމުގައި ސިންގަޕޯ އެއާލައިނުން އަދާކުރަމުންދާ ދައުރު ވަރަށް ބޮޑު،" އޭނާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ސިންގަޕޯ އެއާލައިންސްއާ ގުޅިގެން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުން ދާއިރު، މި ކެމްޕޭނުގެ ނަތީޖާ މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ.

"ހަ މާކެޓެއްގައި ސިންގަޕޯ އެއާލައިންސްގެ ދައުރު ވަރަށް މުހިންމު. އެއީ ޗައިނާ، ޖަޕާން، އޮސްޓްރޭލިއާ، އެމެރިކާ، ކޮރެއާ އަދި ސިންގަޕޫރު. ޓޫރިސްޓުން އެންމެ ގިނައިން ރާއްޖެ އަންނަ މާކެޓުތަކުން ފަތުރުވެރިން އުފުލުމުގައި ސިންގަޕޯ އެއާލައިންސްގެ ދައުރު ބޮޑު،" ތޮއްޔިބު ވިދާޅުވިއެވެ.

comment ކޮމެންޓް