ރިލްވާންގެ އާއިލާ: ހިތް ފަޅައިގެން ހިނގައްޖެ، ގާތިލުންނަށް މާފެއް ނެތް

24 އޭޕްރީލް 2017: ކިޑްނެޕް ކުރުމަށް ފަހު މަރާލާފައިވާ ނޫސްވެރިޔާ ރިލްވާންގެ މަންމަ އާއި ދައްތަ އިންސާފު ހޯދަން ގޮވާލާ އެއްވުމެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ފަސް އަހަރު ކުރިން ވީ ނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ މަރާލާފައިވާކަން ފުރަތަމަ ފަހަރަށް ސަރުކާރުގެ ރަސްމީ ފަރާތަކުން މި ވަނީ ހާމަކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ގެއްލިފައިވާ މީހުންގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މި ވަނީ އެމަރާ މެދު ނޭނގޭ އެތައް ވާހަކައެއް ތިލަކޮށްފަ އެވެ.

ޔަގީނުން ވެސް އެ ވާހަކަތަކުން އެންމެ ބޮޑު އަސަރެއް ކުރާނީ ރިލްވާނަށް ވީގޮތެއް އޮޅުން ފިލުވަން އާދޭސްކުރަން ތިބި އޭނާގެ އާއިލާ އަށެވެ. ރިލްވާނަށް ވީ ގޮތުގެ ހަގީގަތް ހޯދުމަށް އޭނާގެ އާއިލާ އާއި ގާތް ރަހުމަތްތެރިން މިދިޔަ ފަސް އަހަރު ތިބީ މަގުމަތީގަ އެވެ. ސަރުކާރުގެ އިދާރާތަކަށް ގޮސް ސަލާން ޖެހުމުގަ އެވެ. އެކަމަކު މަރު ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކުން އާއިލާއިން އަހަމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ލިބިއްޖެ އެވެ. އެންމެ ފުރިހަމަ ނޫނަސް ކޮންމެވެސް ޖަވާބެއް ލިބިއްޖެ އެވެ.

އާއިލާގެ ފަރާތުން 'ސަން'އާ ވާހަކަ ދައްކަމުން ރިލްވާންގެ އެއްނބަޑު އެއްބަފާ ދައްތަ ޝެހެނާޒް އާދާމް ބުނީ، މަރު ކޮމިޝަނުން ހާމަ ކުރި ވާހަކަތައް އިވިފައި މުޅި އާއިލާ ވަނީ ބަސް ހުއްޓިފައި ކަމަށެވެ. ފަސް އަހަރަށް ފަހު ދަރިފުޅު ރިލްވާންއަށް ވީ ގޮތެއް އެނގިގެން ގޮސްފައި ވިޔަސް، ރިލްވާންގެ މަންމަގެ ލޮލުން މިއަދު ކަރުނަ ނުހިކެ އެވެ. އެ އާއިލާ ގެބިގެން ގޮސްފައި ވަނީ ފުން ހިތާމަތަކެއްގެ ތެރެއަށެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން. އަދިވެސް މަންމަ ވެސް ހަމަ އެ ހަބަރު ލިބުނީސް ސުރެން [ރޯވަރުން] ހުއްޓާ ނުލައިގެން މި އުޅެނީ. އަޅުގަނޑުމެން އެދޭހާ ވެސް ކަމަކީ އެކަން ކުރި މީހުން އިންސާފްގެ ކުރިމައްޗަށް ގެންނަން،" ގިސްލާ ރޮމުން ޝެހެނާޒް ވާހަކަ ދެއްކި އެވެ.

ދަތި ގޮތަކަށް ވާހަކަ ކުރިއަށް ގެންދަމުން ޝެހެނާޒް ބުނީ، ނިމިގެން ދިޔަ ސަރުކާރުން ރިލްވާން މައްސަލައިގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރު ގެނައުމަށް ރިލްވާންގެ އާއިލާއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރީ ކޮއްކޮ ރިލްވާނަށް ވީ ގޮތް ހޯދި، އިންސާފު ލިބޭނެ ކަމުގެ ކުޑަ ނަމަވެސް އުންމިދު އޮތީމާ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރުވެސް އާއިލާއިން ކުރާ އާދޭހަކީ، ރިލްވާންއަށް އިންސާފު ހޯދައި ދިނުން ކަމަށް ޝެހެނާޒް ބުންޏެވެ. އޭނާ ބުނީ، އެ ނޫން ގޮތަކުން އެ އާއިލާއަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ނެތެވެ.

ރިލްވާންއަށް ވީގޮތް ތަހުގީގުކުރުމަށް އެދި ބޭއްވި މުޒާހަރާއެއްގެ ތެރެއިން---

"އެއްވެސް މީހަކަށް ދުލެއް ނުދޭނަން އާއިލާއިން ބޭނުން ވަނީ މަރަށް މަރު. އެއްވެސް ކުށަކާއި ނުލާ ބޮޑު އަނިޔާއެއް އެ ދިނީ. އެއްވެސް މީހަކަށް މައާފު ދޭކަށް ބޭނުމެއް ނޫން،" ޝެހެނާޒް ބުންޏެވެ.

ރިލްވާން ގެއްލުވާލުމުގެ މައުލޫމާތު ހާމަކުރުމަށް ރިޔާސީ ކޮމިޝަނުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން އައި ފްލެޓް ކައިރިން އޭނާ ރަހީނުކޮށް، ޑިންގީއަކަށް އަރުވައިގެން ދޯންޏަކަށް ގެންގޮސް އޭނާ މަރާލާފައިވާކަން މިހާތަނަށް ހޯދު ހެކިތަކުން އެނގިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ބައެއް ތަފްސީލްތައް ވެސް ސުއޫދު ވަނީ މިއަދު އާންމު ކުރައްވާފަ އެވެ.

ސުއޫދު ވިދާޅުވީ އެކަމުގައި އުޅުނީ އަލްގައިދާއަށް ބައިއަތު ހިފައިގެން ތިބި، ހައްދު ފަހަނަ އަޅާފައިވާ ދީނީ ފިކުރުގެ ދިވެހި ގްރޫޕެއް ކަމަށެވެ. އަދި ރިލްވާން މަރާލުމުގެ ދެ މަހެއްހާ ދުވަސްކުރިން ސީރިޔާގައި އޮންނަ އަލްގައިދާގެ ގޮފި ނުސްރާ ފްރޮންޓާ ގުޅުން އޮންނަ ދިވެހި ގްރޫޕަކުން ރިލްވާންއަށް އިންޒާރުދީ މެސެޖްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައުލޫމާތުތަކަކީ މީގެ ކުރިން ވެސް ފުލުހުންގެ ތަހްގީގަށް ހޯދިފައިވާ މައުލޫމާތު ތަކެއް ކަމަށް އެ ހާދިސާ ހިނގި އިރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އުމަރުގެ އެ ވާހަކަތަކާއި ގުޅިގެން ޝެހެނާޒް ބުނީ، އުމަރު ނަސީރުގެ މިނިސްޓަރު ކަމުގައި ރިލްވާންއަށް ވީ ގޮތެއް އެނގޭ ނަމަ އެ މައުލޫމާތެއް ހިއްސާ ކުރުމަށް އެތައް ފަހަރަކު 'އާދޭސް' ދަންނަވާފައިވާނެ ކަމަށާއި އެހެން ނަމަވެސް އުމަރުގެ ފަރާތުން ލިބިފައިވަނީ 'މަލާމާތުގެ' ޖަވާބުތަކެއް ކަމަށެވެ.

"އަމަރު މީގެ ކުރިން ބުނަނީ ތަހުގީގަށް އިތުރު ކުރިއެރުމެއް އަދި އެއް ނުލިބެއޭ. މިވެނި ރަށެއްގައި މޫނު ބުރުގާ އަޅައިގެން އެބައުޅެއޭ. މިވެނި ތާކު އަންހެނަކަށް ވެގެން އެބައުޅެއޭ. އެކަހަލަ މަލާމާތުގެ ބަސް އޭނާ އަޅުގަނޑުމެންނަށް ބުނެފައި ހުރީ،" ޝެހެނާޒް ބުންޏެވެ.

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ---

އެހެން ނަމަވެސް އުމަރު ވަނީ ރިލްވާންގެ އާއިލާގެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އަދި ވިދާޅުވީ، ރިލްވާންގެ އާއިލާއިން އެދުނު ކޮންމެ ފަހަރަކު ވެސް ބައްދަލު ކޮށްފައިވާނެ ކަމަށާއި އެ ވާހަކަތައް ހިއްސާ ކޮށްފައި ނުވަނީ، އެއީ އިންޓަލިޖެންސްއަށް ލިބިފައިހުރި މައުލޫމާތުތަކެއް ކަމަށް ވުމުން ކަމަށެވެ.

ފަސް އަހަރަށް ފަހު ރިލްވާންއަށް ވީގޮތް އާއިލާއަށް އޮޅުން ފިލި ނަމަވެސް އަދިވެސް އެ މައްސަލައިގައި ތިލަކުރަން ހުރި މައްސަލަތައް ބައިވަރެވެ. އެއްވެސް މައުލޫމާތަކުން އާއިލާއަށް ހަމަޖެހުމެއް ނެތެވެ. އާއިލާއާ ރަހުމަތްތެރިންނަށް ރިލްވާން މުޅިން ގެއްލުނުކަން ޔަގީންވެފައިވާ އިރު، އާއިލާގެ މިހާރުގެ އާދޭހަކީ ރިލްވާނު ގަތުލު ކޮށްލި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމް ކުރުމެވެ. އެ ނޫން ގޮތެއް އެ އާއިލާއިން ބޭނުމެއް ނުވެ އެވެ.

comment ކޮމެންޓް