އަލީ ހާޝިމް ގަވަރުނަރަކަށް ހަމަޖައްސަން ކޮމިޓީއިން ރުހުން ދީފި

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ އަލީ ހާޝިމް: އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އޭނާއަށް ރުހުން ދިނުމަށް ކޮމެޓީން ވަނީ ފާސްކޮށްފައި --- ފޮޓޯ: މަޖިލިސް

މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމަށް ރުހުން ދިނުމަށް ފެންނަ ކަމަށް އެ މައްސަލަ ދިރާސާ ކުރާ މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަލީ ހާޝިމް، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް މަޖިލީހުގެ ލަފަޔަކަށް އެދި ފޮނުވާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމުމަށް ވަނީ މާލިއްޔަތު ކޮމެޓީއަށް ފޮނުވާފަ އެވެ.

މިއަދު މެންދުރު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި އަލީ ހާޝިމްއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވަނީ ހާޒިރުވެވަޑައިގަތް ހުރިހާ މެންބަރުން އިއްތިފާގުވެފަ އެވެ. ވޯޓުގެ ކުރިން މާލިއްޔަތު ކޮމެޓީން ވަނީ އަލީ ހާޝިމްއާ އިންޓަވިއު ވެސް ކުރައްވާފަ އެވެ.

އޭނާ ގަވަރުނަރުކަމަށް ގެންނަން އާންމުންގެ ހިޔާލަށް ވެސް މަޖިލީހުގެ އިދާރާއިން ހުޅުވާލި އެވެ.

އަލީ ހާޝިމްއާ އިންޓަވިއު ކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް

ގަރަވަރުނަރުކަމުގެ މަގާމު ހުސްވެފައިވަނީ، އެމަގާމުގައި ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހު ނަސީރު އިސްތިއުފާދެއްވި އިރު އެމްއެމްއޭގެ ފައިނެންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތަށް އޭނާ ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަނު ކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 24 އޮގަސްޓު 2017 ގަ އެވެ. އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމު ހުސްވެފައި އޮންނަތާ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ.

comment ކޮމެންޓް