ލަންކާއިން ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާ އެކު --

ލަންކާއިން ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެއްބަސްވުމެއްގައި ލަންކާ ސަރުކާރާއި ދިވެހި ސަރުކާާރާ ދެމެދު ސޮއި ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މާދަމާ ރާއްޖެވަޑައިގަންނަވާނެއެވެ. ރަނިލްގެ ދަތުރުފުޅުގައި ރާއްޖެއާ ލަންކާއާ ދެމެދު ހާއްސަ އެމްއޯޔޫތަކެއްގައި ސޮއި ކުރެވިގެންދާނެ އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ރަނިލްގެ ދަތުރުފުޅުގެ ތެރެއިން ވިސާގެ ލުއިތަކެއް ލިބޭ އެއްބަސްވުމެއްގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޔޫތް ޑިވޮލޮޕްމެންޓާ ގުޅޭ އެމްއޯޔޫއަކާއި ސޯޝަލް ޕްރޮޓެކްޝަނާ ގުޅޭ އެމްއޯޔޫއެއްގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުުގައި ލަންކާއާ އެކު ސޮއި ކުރަން ހަމަޖެހިފައިވާ ވިސާގެ އެއްބަސްވުމަކީ ލަންކާއިން ދިވެހީންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭ އެއްބަސްވުމެކެވެ.

މިހާރު ދިވެހީންނަށް ލަންކާއިން ލިބެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރަނިލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމުގެ އިތުރުން، މަޖިލީހުގައި ތަގުރީރުވެސް ކުރައްވާނެ އެވެ.

comment ކޮމެންޓް