ޒުހާގެ މަރު: ޝަރީއަތް ދިގުލައިގެންދާތީ ސުމޮން މިއާގެ ރުޅި ގާޒީއަށް!

ޒުހާ މަރާލުމުގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ: ޝަރީއަތް ދިގުލައިގެންދާތީ އޭނާ މިއަދު ކޯޓުގައި ރުޅިގަދަވި --

ދެ ހާސް ސޯޅަ ވަނަ އަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ މަރާލި ކަމުގެ ތުހުމަތުގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާ، އޭނާގެ ޝަރީއަތް ދިގުލައިގެންދާތީ ޝަރީއަތުގެ މަޖިލީހުގައި ރުޅިގަދަވެއްޖެ އެވެ.

ޒުހާ މަރާލި މައްސަލައިގައި ދައުލަތުން ކުރާ ދައުވާގައި ވަނީ، 2016 ވަނަ އަހަރުގެ ޖެނުއަރީ ހަ ވަނަ ދުވަހުގެ ރޭ 12:00 އެހައިކަންހާއިރު ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ސުމޮންމިއާ ޒުހާއާ އެކު ޖިންސީ ގުޅުން ހިންގުމަށްފަހު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ކަނާތުން ޒުހާގެ ކަރުގައި ހިފުމަށްފަހު އޭނާ މަރާލާފައިވާ ކަމަށެވެ. އެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުންނެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ސުމޮން މިއާ ދެއްކި ވާހަކަތަކަށްފަހު މައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވިދާޅުވީ އޭނާއަށް ދައުވާއަށް އިއުތިރާފުވެވިފައިވާ ކަމަށެވެ. އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަން ކަށަވަރު ކުރުމަށްޓަކައި ދައުލަތުން ވަނީ ހެކި ހުށަހަޅާފައެވެ. މިހާރު ސުމޮން މިއާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ދައުލަތުން ހުށަހެޅި ހެކީންގެ ގިނަ ހެކިތައް މިހާރު ވަނީ ނަގާފައެވެ. އެކަމަކު، އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ތިން ހެކިވެރިއެއްގެ ހެކިބަސް އަދިވެސް ނެގިފައެއް ނުވެއެވެ. އެއީ ޒުހާ މެޑިކޯ ލީގަލް ރިޕޯޓު ހެދި އައިޖީއެމްއެޗްގެ ތިން ޑޮކްޓަރުންނެވެ.

މިއަދު މި މައްސަލައިގައި ތާވަލު ކުރި އަޑުއެހުމުގައި މި ތިން ޑޮކްޓަރުންގެ ހެކިބަސް ނަގަން އޮތީ ތާވަލުކޮށްފައެވެ. އެކަމަކު، ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ތިން ޑޮކްޓަރުންގެ ތެރެއިން ދެ ޑޮކްޓަރުން މިވަގުތު ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އަދި އެ ތިންވަނަ ޑޮކްޓަރަކީ ބިދޭސީ ޑޮކްޓަރެއް ކަމަށާއި އޭނާ މިވަގުތު އައިޖީއެމްއެޗްގައި މަސައްކަތް ނުކުރާ ކަމަށް ވަކީލު ފާހަގަކުރެއްވި އެވެ.

ދައުލަތުން އެދުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 148 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިން ރާއްޖެއިން ބޭރުގައި ތިބި ދެ ޑޮކްޓަރުންގެ ހެކިބަސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނަގާށެވެ. ދެ ޑޮކްޓަރުން ތިބީ ކޮން ގައުމެއްތޯ އާއި އެ ގައުމުތަކުގައި ދިވެހި އެމްބަސީ ހުންނަތޯވެސް އަދި ބަލަން ޖެހޭ ކަމަށް ވަކީލު ވިދާޅުވި އެވެ. މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި އެ ދެ ޑޮކްޓަރުންގެ ހެކިބަސް ކޮންފަރެންސް ކޯލު މެދުވެރިކޮށް ނެގުމަށެވެ.

މިއަދު އެ ތިން ޑޮކްޓަރުންގެ ހެކިބަސް ނެގިފައި ނުމުުވުން މައްސަލަ ދިގުލައިގެންދާ ކަމަށް ބުނެ ސުމޮން މިއާގެ ވަކީލު އަދި ސުމޮން މިއާވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޒުހާ މަރާލި މައްސަލައަކީ ޖިނާއީ ބޮޑު މައްސަަލައެއްކަން ފާހަގަކޮށް، ސުމޮން މިއާގެ ވަކީލު ވަނީ ދެ ޑޮކްޓަރުން ތިބީ ކޮން ގައުމެއްތޯ އާއި އެ ގައުމުތަކުގައި ދިވެހި އެމްބަސީ ހުންނަތޯ ދައުލަތުން ސާފުކޮށްފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ. އަދި މައްސަލަ ދިގުލައިގެންދާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ހެކިން ހާޒިރު ނުކުރެވިގެން އެ މައްސަލައިގައި އެއްވެސް އަޑުއެހުމެއް ކެންސަލްވެފައި ނުވާނެ ކަމަށެވެ. އެކަމަކު، ދިފާއީ ވަކީލު ހާޒިރު ނުވެގެން އަޑުއެހުމެއް ކެންސަލްވެފައިވާކަން ފާހަގަކުރެއްވި އެވެ.

އެ ވާހަކަތަކަށް ފަހު ގާޒީގެ އިޒުނައާ އެކު ތެދުވެ ސުމޮން މިއާ ވަނީ ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ އޭނާގެ އަނބިދަރިން ބަންގްލަދޭޝްގައި އެބަ ތިބި ކަމަށެވެ. މައްސަލަ ލަސްވާތީ އެ މީހުންގެ ހައްގުތަކަށް އުނިވާ ކަމަށް އޭނާ ބުންޏެވެ. އަޑު ގަދަކޮށް ވާހަކަ ދައްކަމުން ސުމޮން މިއާ ވަނީ އޭނާގެ ދެ ދަރިންގެ ހައްގު ކޮބައިތޯ ގާޒީއާ ސުވާލުކޮށްފައެވެ.

"އަހަރެންގެ ކުޑަ ދަރިން ކާކު ބަލަނީ؟" ސުމޮން މިއާ ބުންޏެވެ.

މައްސަލަ އަވަހަށް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ގާޒީ މީގެ ކުރިން ވިދާޅުވި ވިޔަސް، އެގޮތަށް ކަންތައް ކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"އިއްޒަތްތެރި ގާޒީ ހުންނަނީ އޭސީ ރޫމްގައި. އަހަރެން އޮންނަނީ ގޮޅީގައި. ގޮޅީގަ މަދިރި ހުންނަނީ،" ރުޅިގަދަވެ ސުމޮން މިއާ ބުންޏެވެ.

މާ އަޑުގަދަކޮށް ވާހަކަ ދައްކަން ފެށުމުން ސުމޮން މިއާ އިށީންނަން ގާޒީ އެންގެވި އެވެ. އެކަމަކުވެސް އޭނާ ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. އޭނާ އިށީނީ ކަރެކްޝަންސްގެ އޮފިސަރާއި އޭނާގެ ވަކީލު އޭނާ ގާތުގައި އިށީންނަން ބުނުުމުންނެވެ.

މިއަދު ގާޒީ ވިދާޅުވީ، މައްސަލަ އަވަހަށް ނިންމަން މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން މުޅި މައްސަލައިގެ އަޑުއެހުންތައް ތާވަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ތާވަލުކޮށްފައި ވާނީ އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ހުކުމް ކުރެވޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި ޒުހާގެ ވާރިސުންވެސް ހާޒިރު ކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހައްވާ ޒުހާ މަރުވެފައި އޮއްވައި ނަގާފައިވާ ފޮޓޯއެއް ---

ޝުމޮން މިއާގެ އިއުތިރާފު

ސުމޮން މިއާއަށް ދައުވާއަށް އިއުތިރާފުވެވިފައިވާ ކަމަށް ޝަރީއަތުން ނިންމީ 2016 ވަނަ އަހަރުގެ އޭޕްރިލް 25 ވަނަ ދުވަހު އޮތް އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވަމުން ޝުމޮން މިއާ ދެއްކި ވާހަކަތަކުންނެވެ.

އެ ދުވަހު ތަރުޖަމާނެއްގެ އެހީތެރިކަމާ އެކު ޝުމޮން މިއާ ބުނީ ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ޒުހާގެ ކަރުގައި ހިފި ކަމަށާއި ނަމަވެސް ޒުހާ މަރުވި ކަމެއް ނޭނގޭ ކަމަށެވެ.

ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ޒުހާއާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އޭނާ ވަނީ އެއްބަސްވެފަ އެވެ. ޒުހާއާއެކު ބަދުއަހުލާގީ އަމަލު ހިންގީ ފައިސާ ދީގެން ކަމަށާއި އެގޮތުން ޒުހާއަށް 700 ރުފިޔާ ދީފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެއަށްފަހު އިތުރަށް ފައިސާ ހޯދަން ޒުހާ އުޅުނު ކަމަށާއި ލާލުކުރި ގޭގެ ކޮޓަރިން ނުކުމެގެން ދާން އުޅުމުން އަވަގުރާ ގޮވުމަށްފަހު ލާރިގަނޑު ނުދީ ނުދެވޭނެ ކަމަށް ޒުހާ ބުނި ކަމަށް ސުމޮން މިއާ ބުންޏެވެ.

ސުމޮންމިއާ ބުނީ ލާރިގަނޑު ހޯދަން ޒުހާ އޭނާގެ އަތުގައި ހިފި ކަމަށާއި އެވަރުން ވެސް ލާރިގަނޑު ނުލިބުމުން ޒުހާގެ ކަރުގައި ހިފި ކަމަށެވެ.

އޭގެފަހުން ޒުހާ ސިޓިން ރޫމަށް ވެއްޓުމުން އޭނާ ނަގައިގެންގޮސް ލާލުކުރި ގޭގެ ގޯޅިގަނޑުގެ ތެރޭގައި ބޭއްވުމަށްފަހު ލާރިގަނޑު ހިފައިގެން ދިޔައީ ކަމަށް ވެސް ސުމޮން މިއާ ބުންޏެވެ.

މި މައްސަލައިގައި ވާރިސުން ގިސާސް ހިފަން ބޭނުން ނަމަ ޝުމޮން މިއާގެ މައްޗަށް އަންނާނީ މަރުގެ ހުކުމެކެވެ. ގިސާސް ހިފަން ބޭނުން ނޫން ނަމަ އަންނާނީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް