ލައިފްޖެކެޓު އެޅުން ލާޒިމުކުރާ ގަރާރެއް ހުށަހަޅައިފި

މަޖިލީހުގެ ގެލަރީ -- ފޮޓޯ/ މަޖިލިސް

ކަނޑު ދަތުރުކުރާއިރު އަބަދުވެސް ލައިފްޖެކެޓު އެޅުން ލާޒިމުކުރުމަށާއި، "ރީނދޫ އިންޒާރު" ނެރެފައި ވަނިކޮށް، މަރުފުރުނު ކަމެއްގައި މެނުވީ ދަތުރުފަތުރު ނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވައިފައި ވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

މެމްބަރު ޝަރީފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިއީ ކަނޑުދަތުރު ކުރުމުގައި، ސަލާމަތާއި ރައްކާތެރިކަަމަށް ކޮންމެހެން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި، ކަނޑުދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވާޅުތައް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރުމަށްޓަކައި ހުށަހަޅާ ގަރާރެއް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަންވާ މިންވަރަށް ނުބެލުމާއި ދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދޭ ލަފަޔާއި އިރުޝާދާއި އިންޒާރަށް ބެލުމެއް ނެތި ދަތުރުފަތުރު ކުރުމުގެ ސަބަބުން، މީހުންގެ ފުރާނަ ގެއްލި، މުދަލާއި އުޅަނދުފަހަރު ޣަރަގުވުންފަދަ ވަރަށް ހިތާމަވެރި ކަންކަން ރާއްޖޭގައި ހިނގަމުންދާކަން މެމްބަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ހާއްސަކޮށް، މިދިޔަ ބުރާސްފަތި ދުވަހު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން މަރުވި ހާދިސާ ޝަރީފް ވަނީ ފާހަގަކުރައްވައިފައެވެ.

އެ ހާދިސާގައި ކަނޑުން ނެގި އެއްވެސް މީހެއްގެ ލައިފް ޖެކެޓް ނެތް އިރު، އެ ލޯންޗުން ދަތުރުކޮށްފައި ވަނީ އެ ހިސާބަށް ޔެލޯ އެލާޓް ނެރެފައި ވަނިކޮށެވެ.

ޝަރީފް ހުށަހެޅުއްވި ވަނީ ކަނޑުދަތުރު ކުރުމުގައި "އެންމެ ފުރަތަމަ ރައްކާތެރިކަން" އިސްކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް