ވަޒީފާއާ ބެހޭގޮތުން ދެއްކި ވާހަކަ އޮޅުނީތީ، މާފަށް އެދެން: ނަޝީދު

ރައީސް ނަޝީދު އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ސަރުކާރުގައި މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރި އެންމެނަށް ސަރުކާރުން ވަޒީފާ ހަމަ ނުޖެހޭނެ ކަމަށް ބުނެ ދެއްކެވި ވާހަކަފުޅު އޮޅުން އަރާ ނަމަ މާފަށް އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޒުވާނުންގެ ކޮންގްރެސް ރަސްމީކޮށް ފެއްޓެވުމަށް އިއްޔެ ހުޅުމާލޭ ހުރަވީ ސުކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެކްޓިވިސްޓުންނަށް ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެންނަށް ސަރުކާރުން ވަޒީފާ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހިތްހަމަނުޖެހުން ދަނީ ފާޅު ކުރަމުންނެވެ.

މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އިއްޔެ ދެއްކި ވާހަަކަ ވަރަށް ބޮޑަށް އޮޅިފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ބަހުރުވަ ހުރިގޮތުން އޮޅުނު އޮޅުމެއް ކަމަށް ވަނީ ނަމަ ވަރަށް ބޮޑަށް މާފަށް އެދެން. އަޅުގަނޑުގެ ނުކުތާއަކީ އެންމެނަށް ސަރުކާރު ވަޒީފާ ހަމަޖެއްސުމަކީ ވާނެ ކަމެއް ނޫންކަން ފާހަގަކޮށްލުން،" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ވަޒީފާ ހަމަޖެހެން ޖެހޭނީ ސިޔާސަތުތައް ހިންގައިގެން އުފެދޭ ދެމެހެއްޓެނިވި ވަޒީފާއެއްކަން ފާހަގަ ކުރުމަކީ އެމަނިކުފާނުގެ ބޭނުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިއްޔެ ވިދާޅުވީ މުޒާހަރާތަކަށް ނިކުމެ، ޕެޕާ ސްޕްރޭގައި ޖެހުނު އެންމެންނަށް ވަޒީފާ ލިބެން ޖެހޭ ކަމަށް ދެކޭ ނަމަ އެއީ ކުށް ހީއެއް ކަމަށާއި އެއީ ލަދުވެތި ވާހަކަ އެއް ކަމަށެވެ. ނަޝީދު ވިދާޅުވީ؛ "ޕެޕާ ސްޕްރޭ ޖެހުނު މީހުންނަށް ވެސް ގޮތްތަކެއް އޮންނަންވާނެ" ކަމަށާއި އެކަމަކު އެ ގޮތް ހޯދަން ވާނީ "އެ މީހަކު އަމިއްލައަށް" ކަމަށެވެ.

https://sun.mv/123682

އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ނުރުހުން ފާޅުކޮށްފަ އެވެ. އެ މީހުން ބުނަނީ، މައްސަލައަކީ، އެމްޑީޕީގެ މެމްބަރުން ނިމިދިޔަ ފަސް އަހަރު މަގުތަކަށް ނުކުމެ އަނިޔާވެރި ކަމާ ދެކޮޅަށް އަޑު އުފުލި ނަމަވެސް، މި ސަރުކާރުގެ ބައެއް ވަޒީފާތައް ރައީސް ޔާމީންގެ އަރިހުގައި ތިބި ފަރާތްތަކަށް ލިބެމުން ދާތީ ކަމަށެވެ.

comment ކޮމެންޓް