މިދިޔަ ހަފްތާ މާލޭގައި 51 އެކްސިޑެންޓު

--- ފޮޓޯ ފުލުހުން

މިދިޔަ ހަފްތާ މާލޭގައި 51 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ޓްރެފިކް މެނޭޖުމެންޓް ޑިޕާޓްމެންޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މި 51 އެކްސިޑެންޓްގެ ތެރެއިން 10 އެކްސިޑެންޓުގައި އެކިމީހުންނަށް ވަނީ އަނިޔާވެފައެވެ. އެކްސިޑެންޓުތަކާ ގުޅިގެން ފަސް މީހެއްގެ ލައިސެންސް ވެސް ފުލުހުން ވަނީ ހިފަހައްޓައިފައެވެ.

މިދިޔަ ހަފްތާ ފުލުހުން ވަނީ 658 އުޅަނދުގައި ޓްރެފިކް ވަޔޮލޭޝަން ސްޓިކާ ޖަހައިފައެވެ. އަދި މި މުއްދަތުގައި 487 އުޅަނދު ޗެކުކޮށް، 45 ވެހިކަލް ޓޯ ކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވި 33 މައްސަލައާއި ޓްރެފިކް ނިޝާންތަކަށް ނުބަލައި ދުއްވި 29 މައްސަލައެއްވެސް މިދިޔަ މަހު ފާހަގަވިކަމަށް ފުލުހުން ބުންޏެވެ.

މި މުއްދަތުގައި ލައިސެންސް ނެތި އުޅަނދު ދުއްވި 152 މައްސަލައަކާއި އަތުގައި ލައިސެންސް ނެތި ދުއްވި 92 މައްސަލައެއް ފާހަގަކުރެވުނުއިރު، 18 އަހަރުން ދަށުގެ ކުދިން އުޅަނދު ދުއްވި މައްސަލައެއް މިދިޔަ ހަފްތާ ފާހަގަވެފައެއް ނުވެއެވެ.

ހެލްމެޓު އަޅައިގެން ދުއްވަންޖެހޭ ސަރަހައްދުތަކުގައި ހެލްމެޓު ނާޅާ ދުއްވި 46 މައްސަލައަކާއި ވެހިކަލްގެ ލައިޓު ދިއްލައިގެން ދުއްވަންޖެހޭ ވަގުތުތަކުގައި ލައިޓް ނުދިއްލާ ދުއްވި 10 މައްސަލައެއްވެސް ފުލުހުންވަނީ ފާހަގަކޮށްފައެވެ.

comment ކޮމެންޓް