ރޭގެ މެޗުން ވެސް އެއްވަރުވެ ބާސެލޯނާގެ ފެށުން ގޯހުން ގޯހަށް

ބާސެލޯނާއާއި އޮސަސޫނާ ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން ބާސާގެ ފޯވާޑް އެންޓޮއިން ގްރީޒްމަން --- ފޮޓޯ// ޖޯ ރައިޓް

ބޮޑެތި ގިނަ ބަދަލުތަކާ އެކު މިފަހަރުގެ ލީގަށް ކުރިމަތިލި ބާސެލޯނާއިން ރޭ ކުޅުނު މެޗުން ވެސް އެއްވަރުވެ މީގެން އަހަރަކުވެސް އެ ޓީމު ސީޒަންގެ ފެށުން ގޯސް ނުވާ ދަރަޖައަކަށް ގޮސްފި އެވެ.

ބާސެލޯނާގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ އެ ޓީމާ ހަވާލުވި ފުރަތަމަ ސީޒަނަށްފަހު މިފަހުން ލީގުގެ ފެށުން އެ ޓީމުން އެންމެ ގޯސްކޮށް މި ސީޒަނުގައި ފަށާފައިވާ އިރު ރޭ ކުޅުނު މެޗުން އެ ޓީމު އެއްވަރުވީ އޮސަސޫނާ ގާތުންނެވެ. އެ މެޗުން ޕޮސިޓިވް ބައެއް ކަންކަން ފާހަގަވި ނަމަވެސް ޖުމްލަކޮށް ބާސެލޯނާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އޮސަސޫނާއިންނެވެ. ރޮބާޓޯ ޓޮރޭޒް ފޮނުވާލި ބާރު ވޮލީ ގޯލަށް އަމާޒުކޮށްލައި ބާސެލޯނާގެ ގޯލު އެ ޓީމުން ފޫ އަޅުވާލި އިރު ބާސެލޯނާގެ ޑިފެންސް އޮތީ ރޫޅިފަ އެވެ. ގޯލަށް ފަހު ވެސް އޮސަސޫނާއިން ހައި ޕްރެސްގައި ކުޅުމުން ބާސެލޯނާއަށް މާ ގިނަ އިރު ބޯޅަ ހިފެހެއްޓޭ ގޮތް ވަނީ ނުވެފަ އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީއާއި ޓީމުގެ ސްޓަރައިކަރު ލުއިސް ސުއަރޭޒް އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ކުޅެފައި ނުވާ އިރު ޓީމުގެ އެޓޭކަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް އެއްވެސް ބޯޅައެއް ބާސެލޯނާއަށް ފޮނުވާލެވިފައި ނުވާ އިރު އޮސަސޫނާއިން ވަނީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަންއަށް ބާރު ބޮޑު ކޮށްފަ އެވެ.

ދެވަނަ ހާފަށް ބަދަލުތަކަކާ އެކު ބާސެލޯނާއިން ނުކުތް އިރު އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެންމެ 16 އަހަރުގެ އަންސޫ ފަޓީ އެވެ. އެ ގޯލާ އެކު އޭނާ ވެގެން ގޮސްފައި ވަނީ ބާސެލޯނާގެ ތާރީހުގައި ވެސް ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި މުޅި ސްޕެނިޝް ލީގުގައި ވެސް ގޯލު ޖެހި ތިންވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާއަށް ވަނީ ލިބިފަ އެވެ.

ފަޓީގެ ގޯލާ އެކު ބާސެލޯނާއިން ގޭމުގެ ތެރެއަށް ވަދެ އެ ޓީމުގެ ރަސްމީ ކުޅުން ކުޅެވޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން އެ ޓީމުން ކުރި މަސައްކަތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އާތުރް މެލޯ ވަނީ ގޯލެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ. މިއީ އޭނާ ބާސެލޯނާއަށް ބަދަލުވި ފަހުން ޖެހި ފުރަތަމަ ގޯލެވެ.

އާތުރުގެ ގޯލާ އެކު ބާސެލޯނާއިން އުންމީދު އާ ކުރި ނަމަވެސް މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް އެ ޓީމުގެ ހިތްތައް ފުނޑު ފުނޑުވެގެން ދިޔައީ ޖެރާޑް ޕީކޭ އޭރިއާ ތެރެއިން ބޯޅައިގައި އަތުން ޖެއްސި ކަމަށް ނިންމާ ރެފްރީ އިދިކޮޅު ޓީމަށް ދިން ޕެނަލްޓީންނެވެ.

އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައި އޮސަސޫނާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ރޭގެ މެޗުގެ ނަތީޖާއާ އެކު ބާސެލޯނާ މިވަގުތު ތާވަލުގެ ހަތް ވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އެވެ.

comment ކޮމެންޓް