ޕްރިމިއާ ލީގުގައި ރެއަކީ ބޮޑު ރެޔެއް، ވީ ކިހިނެއް؟

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// ކުރިސްޓޮފާ ޑޭވް

ދުނިޔޭގައި އެންމެ މަގުބޫލް ފުޓުބޯޅަ ލީގުގެ ގޮތުގައި ފާހަގަވެފައި އޮންނަ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފޯރި ގަދަ މެޗުތަކެއް ކުޅުނު އިރު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަދި ދެވަނަ ހޯދި ލިވަޕޫލް ވަނީ މޮޅުވެފަ އެވެ. އަދި ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅުނު މެޗުތަކުން އެ ޓީމުތައް ވަނީ އެއްވަރުވެފަ އެވެ.

ފޯރިގަދަ ޓްރާންސްފާ މާކެޓަކަށްފަހު މިފަހަރުގެ އިނގިރޭސި ލީގުގެ ކުޅުން ގިނަ ޓީމުތަކުން ފެށީ ބޮޑެތި ބަދަލުތަކާ އެކު އެވެ. އެގޮތުން ބޮޑު ޙަރަދުތަކަކާ އެކު މިފަހަރުގެ ލީގަށް ކުރިމަތިލީ ޔުނައިޓް ރޭ ލީގުގެ ހަތަރުވަނަ މެޗު ކުޅުނު އިރު ސައުތަމްޓޮން އިން ވަނީ އެ ޓީމު ހިފަހައްޓައިފަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑާއި ސައުތަމްޓޮން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// މެޓް ޑޯމަން

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ޔުނައިޓެޑުން މެޗުގެ ކުރީ ކޮޅު ވަނީ ލީޑު ނަގައިފަ އެވެ. ޓީމަށް އަލަށް ގުޅުނު ޒުވާން ފޯވާޑް ޑެނިއަލް ޖޭމްސްގެ ހިތްގައިމު އެ ގޯލާ އެކު ޔުނައިޓެޑުން އުންމީދީ ކުޅުމެއް ދެއްކި ނަމަވެސް ޖުމްލަ ގޮތެއްގައި ގިނަ ހަމަލާ އުފައްދަމުން ދިޔައީ އިދިކޮޅު ސައުތަމްޓޮންއިންނެވެ.

ޔުނައިޓެޑުގެ އެއް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށުނުތަނާހެން ސައުތަމްޓޮންގެ ވެސްޓްގާޑް ވަނީ ޔުނައިޓެޑްގެ ގޯލު ފޫ އަޅުވާލައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗު ނިމުމުގެ ކުރިން ނަތީޖާ އަނބުރާލަން ޔުނައިޓެޑުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އިދިކޮޅު ޓީމުގެ ޑިފެންޑަރުން ވަނީ އެ ބޯޅަތައް ދިފާއު ކުރުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި ނަތީޖާއާ އެކު ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ ހަތް ވަނައިގަ އެވެ. އެ ޓީމާ ދެކޮޅަށް ރޭ ކުޅުނު ސައުތަމްޓޮން ހަތަރު ޕޮއިންޓާ އެކު އޮތީ 13 ވަނައިގަ އެވެ.

އުމުރުން 18 އަހަރު ނުވާ ކުޅުންތެރިން ގަވާއިދާ ޚިލާފަށް ގަނެ ވިއްކި މައްސަލައިގައި ކުޅުންތެރިން ނުގަނެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ޗެލްސީއިން ރޭ ކުޅުނު މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ.

ޓީމުގެ ކުރީގެ ކެޕްޓަން ފްރޭންކް ލަމްޕާޑް ކޯޗަކަށް ހަމަޖައްސައި މިފަހަރުގެ ލީގަށް ޗެލްސީ ކުރިމަތިލީ ގިނަ ގޮންޖެހުންތަކަކާ އެކު އެވެ، ޓީމުގެ ބާނީ އެޑެން ހަޒާޑް ޓީމު ދޫކޮށްލުމުގެ މާޔޫސްކަމާ އެކު ވެސް ޒުވާން އުންމީދީ ކުޅުންތެރިންތަކެއް ހިމަނައިގެން ޗެލްސީއިން ލީގަށް ކުރިމަތިލީ އިރު އެ ޓީމުން ރޭ އެއްވަރުވީ މިފަހަރުގެ ލީގަށް ދެވަނަ ޑިވިޝަނުން ކޮލިފައިވި ޝެފީލްޑް ޔުނައިޓެޑް ގާތުންނެވެ.

ޗެލްސީ ރޭ ކުޅުނު މެޗުގެ ތެރެއިން އެ ޓީމުގެ ކޯޗު ލަމްޕާޑާއި ޑިފެންޑަރު ޒޫމާ --- ފޮޓޯ// މެޓް ޑޯމަން

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ޒުވާން ފޯވާޑް ޓެމީ އަބްރަހަމް ވަނީ ދެ ގޯލު އެ ޓީމަށް ޖަހައިދީ ލީޑު ފުޅާ ކޮށްފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށުމާ އެކު ޝެފީލްޑް ޔުނައިޓެޑުން ވަނީ ޓީމު ކުރިއަށް ޖައްސައި ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާ ތަކެއް އުފައްދާފަ އެވެ.

އެގޮތުން ދެވަނަ ހާފު ފެށިގެން އެންމެ މިނަޓެއްގެ ތެރޭގައި ޝެފީލްޑުން ވަނީ ގޯލެއް ޖަހައިފަ އެވެ. ގޯލަށްފަހު ވެސް ފުލު ފުލުގައި އެ ޓީމުން އުފެއްދި ހަމަލާތަކާ އެކު ޗެލްސީގެ ޑިފެންސަށް ވަނީ ބާރު ބޮޑުވެފަ އެވެ.

އެގޮތުން މެޗު ނިމެން މިނަޓަކަށް ވެފައި ވަނިކޮށް ޗެލްސީއަށް މެޗު ގެއްލުނީ އެ ޓީމުގެ ޑިފެންޑަރު ކާޓް ޒޫމާ އަތުން ބައި ކޮޅަށް ވަތް ގޯލަކާ އެކު އެވެ.

އިއްޔެގެ މެޗުގެ ނަތީޖާއާ އެކު ޗެލްސީ މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.

ޗެލްސީގެ އުންމީދީ ކުޅުމަށް ލިބުނު ހިތްދަތި ނިމުމަށްފަހު ދެން ކުޅުނު މެޗުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީން ވަނީ އަނެއްކާވެސް އެ ޓީމުގެ ފެންވަރު ދައްކާލައިފަ އެވެ.

ޖެހިޖެހިގެން ތިން ވަނަ އަހަރަކަށް ޕްރިމިއާ ލީގުގެ ތަށި ދިފާއު ކުރުމަށް ނުކުތް ސިޓީއިން މި ސީޒަނުގައި ވެސް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރޭ ކުޅުނު މެޗުގައި ބްރައިޓޮން ގާތުން އެ ޓީމު ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ރޭގެ މެޗުގައި ގޯލު ޖެހުމަށްފަހު --- ފޮޓޯ// މެޓް ޑޯމަން

އެ މެޗުގައި ސިޓީއަށް ގޯލުތައް ޖަހައިދިނީ ކެވިން ޑެ ބުރުއިނާއާއި ބާނޭޑޯ ސިލްވާގެ އިތުރުން ސާޖިއޯ އަގުއޭރޯ އެވެ. އަގުއޭރޯ ރޭގެ މެޗުގައި ދެ ގޯލު ޖެހި އިރު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މެޗު ނިމުމަށްފަހު އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

"އަގުއޭރޯ މަރުވެގެން ދާނީ ވެސް ގޯލު ޖަހަމުން" ގާޑިއޯލާ ބުންޏެވެ.

ސިޓީން ރޭގެ މެޗުގައި ހޯދި މޮޅާ އެކު މިވަގުތު އެ ޓީމު އޮތީ 10 ޕޮއިންޓާ އެކު ތާވަލުގެ ދެވަނައިގަ އެވެ. މެޗުން ބަލިވި ބްރައިޓޮން އޮތީ 14 ވަނައިގަ އެވެ.

މީގެ އިތުރުން އެންމެ ޕޮއިންޓެއްގެ ތަފާތުން ވޭތުވެ ދިޔަ ސީޒަނުގެ ލީގު ގެއްލުނު ލިވަޕޫލުން ރޭ ކުޅުނު މެޗުން ވެސް މޮޅުވެ މިފަހަރުގެ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ 100 ޕަސެންޓު މޮޅު ވުމުގެ ސިލްސިލާއަށް ރޭ ވަނީ އިތުރު ބޮޅެއް ހޯދައިފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގޮން ކުލޮޕް --- ފޮޓޯ// ޓިމޮތީ އަބްރަހަމް

ވޭތުވެ ދިޔަ ސީޒަނުގައި ވެސް އޮތް ޓީމާ އެކު ރޭގެ މެޗަށް ލިވަޕޫލުން ނުކުތް އިރު އެ ޓީމުން ވަނީ އެ މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ ސާޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނިއޯ އެވެ. ބާކީ ގޯލަކީ އިދިކޮޅު ޓީމު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުން ލިބުނު މޮޅާ އެކު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ލިވަޕޫލުން އެންމެ ފަހުން އެ ޓީމުން ލީގުގައި ކުޅުނު 13 މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.

މިރޭ ވެސް ޕްރިމިއާ ލީގުގައި ވާދަވެރި ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗުތަކަކީ އެވަޓޮންއާއި ވެލްވާހަމްޓޮން ބައްދަލު ކުރާ މެޗާއި އާސެނަލް އަދި ވާދެވެރި ޓޮޓެންހަމް ބައްދަލު ކުރާ ލަންޑަން ޑާބީ މެޗެވެ.

comment ކޮމެންޓް