ތިކީގެ ފަރާތުން އެންމެންނަށް ޕްރީލަވްޑް

މީގެ އަހަރުތަކެއް ކުރީއްސުރެ ވަރަށް ފޯރިއާ އެކު މާލޭގެ އެކި ސްކޫލްތަކާއި އަދި އާންމު ޖަމިއްޔާތަކުން ޖަމްބަލް ސޭލްތައް ބާއްވާ އުޅެ އެވެ. ގޭގައި ބޭނުންކޮށްފައި އުކާނުލާ ހުންނަ ގަމީހާއި ޓީޝާޓްތަކާއި، ފޮތްތަކާއި އެކިއެކު ކުޅޭ ސާމާނުތައް ކޮތަޅުކޮތަޅަށް އަޅައި ނިކަން ފޯރީގައި މިފަދަ ސޭލްތަކަށްދެނީ ފަންޑް ރެއިސިންގްއަކަށް އެހީވުމަށްޓަކައި ނުވަތަ އެތަކެތި އުކާނުލުމުގެ މަގްސަދުގަ އެވެ.

ޒަމާން ތަރައްގީވެ، މިފަދަ ޖަމްބަލްސޭލްތަކުގެ އަދަދު މަދުވެފައިވީ ނަމަވެސް މި އާދައަކީ މިފަހަކަށްއައިސް މާ ބޮޑަށް މަގުބޫލުވެފައިވާ ކަމެކެވެ. ބޭނުންކޮށްފައި ހުންނަ، އެހާ ބާނުވެ ހެދުންތަކާއި އެކްސެސަރީޒް އަގުހެޔޮކޮށް ސޯޝަލް މީޑިއާގައި އެބަ ވިއްކަ އެވެ. މިފަދަ އިސްޓޯރުތައް އަންހެނުންގެ މެދުގައި މަގުބޫލެވެ. ކުނި މަދުކޮށް، ހަރަދު ކުޑަކޮށް، ސަސްޓެއިނަބަލް ލައިފްސްޓައިލަކަށް ދިރިއުޅުން ބަދަލުކޮށްލުމަށްޓަކައި މިއީ ހަމަ ވަރަށް ރަނގަޅު ހިޔާލެކެވެ.

ޕްރީ ލަވްޑް އިންސްޓަގްރާމް އެކައުންޓް..

ޕްރީ ލަވްޑް: އަތްފޯރާ ފަށުގައި

އިންސްޓަގްރާމްގައި "ޕްރީ ލަވްޑް" ނަމުގައި ހުޅުވާފައިވާ އޮންލައިން ވިޔަފާރިއަކީ އެއް ފަހަރު ބޭނުންކޮށްފައި ހުންނަ ތަކެތި ނޫނީ ސެކަންޑްހޭންޑް އައިޓަމްތައް ވިއްކުމަށް ހާއްސަ ޕޭޖެކެވެ.

މި ޕޭޖް ހިންގުމުގެ ފަހަތުގައި ހުރީ ދިވެހި ޒުވާނެއް ކަމުގައިވާ، ޝައިފާ އާދަމް (ތިކީ) އެވެ.

ޝައިފާ ބުނާގޮތުން މި ހިޔާލު އޭނާއަށް އައީ މީގެ އަހަރުތަކެއް ކުރީން ރާއްޖެއިން ބޭރުގައި އޭނާ ކިޔަވަން ހުރި ދުވަސްވަރު އެވެ.

"އަބަދުވެސް ވިންޓޭޖް ކްލޯތްސް އަށް ވަރަށް ލޯބިކުރަން. ދެން ބޭރުގައި ކިޔަވަން ހުރިއިރު ތްރިފްޓް ސްޓޯސްތަކުން މިކަހަލަ ހެދުންތައް ކޮންމެ އޮކޭޝަންއަކާއި ގުޅޭހެންވެސް ލިބެން ހުރޭ. އެހެންވެ ވަރަށް ގިނައިން އެގޮތަށް ހެދުން ގަނެއުޅުނިން. ކޮންމެހެން ފާސްޓް ފެޝަންއަށް ލޯބި ނުކުރާތީއެއް ނޫން. ދެން ފަހުން މިކަމާއި ބެހޭގޮތުން ކުޑަކޮށް ކިޔާލުމުން އެނގުނު މިއީ އަމިއްލަ ވޮލެޓަށާއި ތިމާވެއްޓަށް އެންމެ ފަސޭހަ ލުއި ގޮތްކަން،" ތިކީ ކިޔައިދިނެވެ.

ނަމަވެސް ކިޔަވާ ނިންމުމަށްފަހު މާލެ ބަދަލުވިއިރު، މިފަދަ ގޮތަކަށް ސެކަންޑްހޭންޑް ހެދުންތަކެއް ލިބޭނޭ އެއްވެސް ރަސްމީ އިންތިޒާމެއް ހަމަޖެހިފައެއް ނުވެ އެވެ. އެހެންވެ، އޭނާ ގަސްތުކުރީ އަމިއްލައަށް ތްރިފްޓް ސްޓޯ ކޮންސެޕްޓްގެ އޮންލައިން ވިޔަފާރިއެއް ފެށުމަށެވެ.

މިގޮތުން ޕްރީލަވްޑްގެ ނަމުގައި އިންސްޓަގްރާމް ޕޭޖެއް ތިކީ ހުޅުވީ މި އަހަރުގެ މެއި މަހު އެވެ. އަދި ރަސްމީކޮށް މި މަސައްކަތްކުރަން ފެށުނީ ޖުލައި މަހުގެ މެދެއްހާ ހިސާބުގަ އެވެ.

މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ޕްރީ ލަވްޑް ޕޭޖުގައި މިހާތަނަށް ސަތޭގަ އައިޓަމެއް ވަނީ ވިކިފަ އެވެ. މި އައިޓަމްތަކުގެ ތެރޭގައި އެކި ވައްތަރުތަކުގެ އަންހެން ޓޮޕްތަކާއި، ހެދުމާއި، ޝޯލްތަކުގެ އިތުރުން ފިރިހެން ޓީޝާޓާއި ކުޑަކުދިންގެ އަންނައުނުވެސް ހިމެނެ އެވެ.

ޝައިފާ އާދަމް (ތިކީ) ރުށްގަނޑު ފެސްޓިވަލްގައި.... ފޮޓޯ:ޝައިފާ އާދަމް

ފެންނަ ފެނުމަށް، ރަނގަޅު ފެންވަރުގެ އަދި ވަރަށް އާ ތަކެތި މި ޕޭޖުގައި ހުރިއިރު މައިގަނޑު ގޮތެއްގައި އެއްޗެހީގެ އަގު 100 ރުފިޔާއަށްވެސް ނާރަ އެވެ.

ތިކީ ބުނާގޮތުން ޕޭޖު ހުޅުވުމުގެ ކުރިންވެސް މިފަދައިން އެކަކުގެ ހެދުން އަނެކަކަށް ބަދަލުކުރުމަކީ އޭނާގެ އާއިލާގެ ތެރޭގައިވެސް ކޮށްއުޅޭ ކަމަކަށްވުމުން ވިޔަފާރިއެއްގެ ގޮތުގައި މިކަން ކުރިއަށްދިއުމުގައި އާއިލާގެ ވަރަށްބޮޑު ތަރުހީބެއް ލިބެ އެވެ. ހަމައެޔާއެކު، ރަހުމަތްތެރިންނާއި، އާންމުންގެ އެހީވެސް އޭނާއަށް އެބަ އޮތެވެ.

ޕޭޖުގައި ވިޔަފާރި ކުރުމުގެ ފުރުސަތު އެންމެނަށް

ޕްރީ ލަވްޑް ޕޭޖުގައި ހެދުމެއް، ދަބަހެއް އަދި މިފަދަ ކޮންމެއެއްޗެއް ވިއްކުމުގެ ފުރުސަތު އެންމެނަށްވެސް ވަނީ ހުޅުވާލެވިފަ އެވެ. މިގޮތުން ބޭނުންވާ ވަކި އެއްޗެއް އޮތްނަމަ އެ އެއްޗެއް ޗެކް ކުރުމަށްފަހު އަގެއް ކަނޑައަޅައި، ވިއްކަން ޖަހައިދޭ އިރު އައިޓަމްގެ ވެރިފަރާތަށް ފަސް ރުފިޔާ ލިބެ އެވެ. އަދި އެ އައިޓަމެއް ޕޭޖުގައި ވިއްކަނީ ދޮވެ ސާފުކުރުމަށްފަހުގަ އެވެ.

އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗްލާސް ހާސިލްކޮށް އެމްޕްލޯއީމަންޓް ދާއިރާގައި ވަޒީފާއަދާކުރަމުންދާ ތިކީގެ ޕްރީލަވްޑްގެ އެންމެ ބޮޑު އެއް މަގްސަދަކީ، އެއް ފަހަރު ބޭނުންކޮށްފައި ހުންނަ ތަކެތި ބޭނުންކުރުމުގެ އާދަ ދިވެހިންގެ ތެރޭގައި ހަރުލެއްވުމެވެ.

ސެކަންޑްހޭޑް އައިޓަމްތަކާއި ބެހޭގޮތުން ހޭލުންެރިކުރާ ޕޯސްޓަރެއް ..ފޮޓޯ/ތިކީ

ލަދު ކަމެއް ނޫން، ސަޅި ކަމެއް!

ދާދިފަހުން ބޭއްވުނު ރުށްގަނޑު ފެސްޓިވަލްގައި ތިކީވަނީ މިތަކެތި ވިއްކުމަށް ޕްރީލަވްޑްގެ ސްޓޯލެއްވެސް ބަހައްޓާފަ އެވެ. އާންމުންގެ ތަރުހީބު ލިބުނުކަމުގައިވިޔަސް، މިއީ ކޮންތަކެއްޗެއްކަމާއި، މި ތަކެތި ވިއްކަނީ ކީއްވެގެންކަން ބުނުމުން ބައެއް ފަރާތްތަކުން އެއްޗެހި ގަންނަން ފަސްޖެހުނު ކަމަށް ތިކީ ބުންޏެވެ. ބައެއް މީހުންނަށް އެއީ ލަދުވެތި ކަމަކަށް ވަނީ އެވެ.

"ރުށްގަނޑު ފެސްޓިވަލްގައި ބައެއް މީހުންނަށް މިއީ ކީއްވެ ވިއްކާ ކޮންކަހަލަ އެއްޗެހިތަކެއްކަން ކިޔައިދިނީމަ މި އެއްޗެހި ގަންނަން ފަސްޖެހޭ. އެހެންވީމަ އަދިވެސް މިފަދަ ތަކެތި (އެއްފަހަރު ބޭނުންކޮށްފައި ހުންނަ ތަކެތި) ބޭނުންކުރުމާއި ދެކޮޅު ސްޓިގްމާއެއް އެބައޮތްކަންނޭނގެ،" ތިކީ ބުންޏެވެ.

ޕޭޖު ހުޅުވުމަށްފަހު ތިކީވަނީ ހާއްސަ ކޮމިއުނިޓީ ޕްރޮޖެކްޓެއްގެ ގޮތުގައި ކުޑަކުދިންގެ ހިޔާއަށްވެސް މިފަަދަ ތަކެތި ހަދިޔާކޮށްފަ އެވެ. ތިކީ އުންމީދަކީ، ސެެކަންޑް ހޭންޑެޑް ތަކެތި ގަތުމާ ދެކޮޅަށް އުފެދިފައިވާ ފިކުރު ނައްތާލައި އެފަދަ ތަކެތި ބޭނުންކުރުމުގެ އާދަ ދިވެހިންގެ ކިބައިގައި ހަރުލުމެވެ. ހަމަގައިމުވެސް މިއީ، ހަރަދު ކުޑަކޮށް، ކުނި މަދުކޮށް އަހަރެމެންނަށާއި އަހަރެމެންގެ ވެއްޓަށް ރައްކާތެރި ފަހި މާހައުލެއް ގާއިމްކޮށްދިނުމުގައި ފަރުދީގޮތުން އަދާކުރެވޭނެ މުހިންމު ޒިންމާއަކަށްވާނެ އެވެ.

comment ކޮމެންޓް