ރަންނަމާރި ރެކަށް 20: މަސްމަހާމެހީގެ ޗާލު ބަގީޗާއެއް

"ރަންނަމާރި ރެކް" ސަރަހައްދު: މިހާރު ވަނީ ރަންނަމާރި ބޯޓު ފެތުނު ފަހުން 20 އަހަރު ވެފަ އެވެ. --- ފޮޓޯ// އަންގްސަނާ އިހުރު ރިސޯޓް

އިރެއްގައި ފަޅުތަކާއި ވިލުތަކުން ވެލިނަގައި، ބައެއް ރަށްރަށް ހިއްކުމަށް އެއް ޒަމާނެއްގައި ބޭނުންކުރި "ރަންނަމާރި" އަކީ މިއަދު އެތައް ހާސް މަސްމަހާމެހީގެ ދިރުންތަކުން ޖަރީވެފައިވާ ބަގީޗާއެކެވެ. ފަތުރުވެރިން ރާއްޖެ އައިސް ބަލާލުމަށް ޝައުގުވެރިވާ "ރަންނަމާރި ރެކް" އަށް މިވަނީ 20 އަހަރު ވެފަ އެވެ.

އެއީ އަންގްސާނާ އިހުރު ރިސޯޓް ކުރިމައްޗަށް ވާގޮތަށް އެ ރަށާއި 20 ވަރަކަށް މީޓަރު ދުރުގައި އޮންނަ ޝިޕްރެކްއެކެވެ. މިއީ ރާއްޖޭގެ ޝިޕްރެކްތަކުގެ ތެރޭގައި ހިމެނޭ ވަރަށް ހާއްސަ ޑައިވް ސްޕޮޓެކެވެ. އަދި މިއީ ސަރުކާރުން ހިމާޔަތްކޮށްފައިވާ، މެރިން ޕްރޮޓެކްޓެޑް ސަރަހައްދަކަށްވާއިރު މިތަން ބަލާލުމަށް އިހުރު ރިސޯޓުން ވަކި ހާއްސަ ހުއްދައެއް ބޭނުންވެ އެވެ. މި ރަމްޒީ ޝިޕްރެކްގައި 20 އަހަރުގެ ކުރީގެ މާޒީއެއް އޮތް އިރު މިތަނާ ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

އޭޕްރީލް 1999 ގެ ރޭ ވީނުވީއެއް ނޭންގި އިހުރު ރިސޯޓް ރަށްބޭރަށް ފެތިގެންދިޔަ ރަންނަމާރި ނަމަކަށް ކިޔުނު ބޯޓަކީ 1982 ވަނަ އަހަރު ސިންގަޕޫރުން ބަނދެގެން ގެނައި ވެލި ނަގައި ބޯޓެކެވެ. ރާއްޖޭގެ އާބާދީ އިތުރުވާން ފެށި ފެށުމާ އެކު ރަށްރަށުގެ ބިން ހިއްކާ ބޮޑު ކުރުމަށް އޭރުގެ ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ރަންނަމާރި އަކީ ވެލި ނެގުމަށް ހާއްސަކޮށްގެން ރާއްޖެ ގެނައި ތިންވަނަ ބޯޓެވެ.

"ރަންނަމާރި ރެކް" ސަރަހައްދު: މިހާރު ވަނީ ރަންނަމާރި ބޯޓު ފެތުނު ފަހުން 20 އަހަރު ވެފަ އެވެ. --- ފޮޓޯ// އަންގްސަނާ އިހުރު ރިސޯޓް

ރަންނަމާރީގެ ފެށުން

ކުޑަ ކުޑަކޮށް އޮތް މާލެ މިއަދު މި ފެންނަ ބިޔަ ބޮޑު ރަށަކަށް ބަދަލުކުރުމުގައްޔާއި، މާލެ ކައިރީ މިއޮތް ތިލަފުށި ކަނޑުގެ އަޑިން މައްޗަށް ނަގައި ރަށެއްގެ ގޮތުގައި ހެދުމުގެ މަސައްކަތުގައި ބޭނުން ކުރި ރަންނަމާރި 17 އަހަރު ވަންދެން ބިން ހިއްކުމުގެ މަސައްކަތުގައި ރާއްޖޭގެ އެތަން މިތަނަށް ދަތުރުކުރި އެވެ.

އެދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަން ފުލް ގިޔަރުގައި ފުޅާވަމުން އައި ދުވަސްވަރެވެ. އަދި 1993 ވަނަ އަހަރު މާލެއާ މާ ދުރު ނޫން ހިސާބެއްގައި، އިހުރު ރިސޯޓް ހުޅުވައި އެ ރިސޯޓުގެ މެނޭޖްމެންޓުން ދިޔައީ ފަތުރުވެރިންކަން ކުރިއެރުވުމަށް އާ ކަމެއް ކުރުމުގެ ގޮތުން ބޭނުން ނުކުރާ ބޯޓެއް ރަށުގެ ކައިރިއަށް ފައްތާލުމަށް ގަސްތު ކުރަމުންނެވެ. އެއީ ޒަމާންތަކެއް ފަހުން އެ ފައްތާލި ބޯޓަށް ދިރުން އަންނާނެ ކަމުގެ ޔަގީންކަން ކަމާއި ތަޖުރިބާ ވެސް އެ ކުންފުނީގެ މެނޭޖްމެންޓަށް ދީފައި އޮތުމުންނެވެ.

އެހެން ގޮސް، ކުރި މަސައްކަތުން އެމީހުންނަށް އެނގުނީ ތިލަފުށީ ފަޅުގައި ބޭނުން ނުކުރާ "ރަންނަމާރި" ނަމަކަށް ކިޔާ ބޯޓެއް ވިއްކާލަން ބޭނުންވެފައި އޮތް ކަމެވެ. ލަސްނުކޮށް އެ ރިސޯޓުގެ މެނޭޖްމެންޓުން އޭރުގެ ސަރުކާރުގެ ލޭބަރު އަދި ކޮންސްޓްރަކްޝަން މެނޭޖްމެންޓާއި އެވާހަކަ ދެއްކުމުން ސަރުކާރުން ވެސް އެ އުޅަނދު އެ ރިސޯޓަށް ވިއްކާލުމަށް އެއްބަސްވީ އެވެ. ސަބަބަކަށްވީ، ރަންނަމާރި ބޯޓަކީ އެވަގުތު އެހާ މުހިންމު ބޯޓަކަށް ނުވާތީއާއި އެ ބޯޓު ބާ ވެފައި އޮތީމަ އެވެ.

ވީނުވީއެއް ނޭންގި ބޯޓު ފެތުން

އޭޕްރީލް 25، 1999 ވަނަ ދުވަހު ދެފަރާތުގެ ދެމެދުގައި ވާން ޖެހޭ ހުރިހާ އެއްބަސްވުމެއް ނިމުމުން "ރަންނަމާރި" ބޯޓް ވަނީ ފައްތާލުމަށްޓަކައި ކަފު ޖަހައިގެން ގެނެސް، އިހުރު ރިސޯޓު ބޭރުގައި ބާއްވާފަ އެވެ. އޭގެ އިންޖީނާއި ބެޓެރި އަދި ހުރިހާ ތެލެއް ހުސްކުރުމަށް ފަހު، ނަގިލި ވައްޓާލައި ރަށް ބޭރުގައި އަޅާފައި ބޭއްވި ނަމަވެސް އެ ބޯޓް ފައްތާލަން ރިސޯޓުގެ މެނޭޖްމެންޓުން ރޭވީ އޭގެ ދެ ދުވަސް ފަހުން 27 ވާ އޭޕްރީލްގަ އެވެ.

"ރަންނަމާރި ރެކް" ސަރަހައްދު: މިހާރު ވަނީ ރަންނަމާރި ބޯޓު ފެތުނު ފަހުން 20 އަހަރު ވެފަ އެވެ. --- ފޮޓޯ// އަންގްސަނާ އިހުރު ރިސޯޓް

ތިމާވެއްޓަށް ގެއްލުން ލިބިދާނެ ފަދަ ހުރިހާ ތަކެއްޗެއް ބޯޓުން ބޭރު ކުރުމަށް ފަހު، ފައްތާލަން ރެޑީ ކުރީ ރިސޯޓުގައި ތިބި ހުރިހާ ގެސްޓުންނަށް ވެސް ފެންނާނެ ގޮތަށް ރަށް ކުރިމައްޗަށެވެ. ބޮޑު ހަފްލާއަކާ އެކު ބޯޓް ފައްތާލަން ރިސޯޓުން އައީ ތައްޔާރުވަމުން އެވެ.

އެކަމަކު ރިސޯޓުގެ މެނޭޖްމެންޓުން ރާވަމުން ދިޔަ ރޭވުން ފެއިލްވެ، ރަންނަމާރި ވީނުވީއެއް ނޭންގި ކަނޑުގެ އެންމެ ފުނަށް އެރޭން ރެއަށް ފެތުނީ ކީއްވެކަން ދެނަހުރި މީހެއް އަދި އަދަށްދާން ދެން ވެސް ނެތެވެ. ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން އަތިރި މަތީގައި މޭޒު ޖަހައިގެން ތިބި ގެސްޓުންގެ ލޯ ކުރިމަތިން ރަންނަމާރި ފިލައިގެން ދިޔައީ އެވެ. ބޯޓު އަޑިއަށް ދިޔަކަން އެއްގަަމަށް ރެއަކާ ވެސް ލީ، ބޮކި ޖަހާފައި ބޯޓް އަޑިއަށް ދިޔަ އަޑުފައްގަނޑު އިވިގެން އެވެ.

ރަންނަމާރި އަކީ މިއަދު މޫދުގެ ބަގީޗާއެއް

ރަންނަމާރި ފެތުނު ގޮތާ މެދު އެކި މީހުން ދައްކަނީ އެކި ވާހަކަ އެވެ. ނަމަވެސް ފައްތާލަން ގެނައި ބޯޓެއް ފެތުމަކީ އިއްތިފާގެއް ނޫނެވެ. ހާސިލް ކުރަން ބޭނުންވި ކަމަކީ މިއަދު އެ ބޯޓުގެ ސަބަބުން ވެއްޓަށް ލިބުނު މުއްސަނދިކަމެވެ.

ބޯޓު ފެތުނުތާ އަހަރެއް ނުވަނީސް ފެތުނު ސަރަހައްދުގެ މާހައުލު މުޅިން ބަދަލުވެ ރަންނަމާރި ވެފައި ވަނީ، މަސް މަހާ މެހީގެ ބަގީޗާއަކަށެވެ. ބޭނުން ކެނޑި ބާވެ، ދަނބަރަށްވާން ތިލަފުށީ ފަޅަށް ދޫކޮށްލާފައި އޮތް "ރަންނަމާރި" އަށް މިއަދު ދިރުން ލިބި މުޅި ރާއްޖެ ފަހުރުވެރިވާނެ ފަތުރުވެރިންގެ މަންޒިލަކަށް އެ ބޯޓް ވަނީ ބަދަލުވެފަ އެވެ.

އިންޖީނު ރޫމާއި އެ ބޯޓްގެ ވަތްތަކަކީ އެތައް ހާސް މަހަކާއި މޫދުގައި ދިރިއުޅޭ އެކި އެކި ސޫފިތަކުގެ ގެދޮރުކަމުގައި ވީ އިރު އެތަނަކީ ކަނޑުގައި ބައިބަޔަށް އުޅޭ މަންޓާއާއި ހަނދި ފަދަ ތަކެތި ވެސް ޒިޔާރަތް ކުރާތަނަކަށް މިހާރު ވަނީ ވެފަ އެވެ.

"ރަންނަމާރި ރެކް" އަށް މިއަދު 20 އަހަރުވުން ކުލަގަދަކޮށް ފާހަގަ ކުރަމުން އަންނަ އިރު 24 ގަޑިއިރުގެ ލައިވް ޑައިވެއް ވެސް ދަނީ އެތަނަށް ކުރަމުންނެވެ. މި ޑައިވްގައި ގިނަ ފަތުރުވެރިންނާއި ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އަންގްސާނާ އިހުރު އަދި ބަންޔަން ޓްރީ ވައްބިންފަރު ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުރަކަ އިންދުމާއި ތިމާވެށީގެ އެކި ދާއިރާތަކުން ހުށަހަޅާ ޕްރެޒެންޓޭޝަންތައް ވެސް ދަނީ ކުރިއަށެވެ.

އަންގްސާނާ އިހުރުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނައީމް ވިދާޅުވީ މި ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ ތިމާވެށި ޕްރޮމޯޓް ކުރުން ކަމަށެވެ. މިފަދަ ކަންތައްތަކަށް ތަޖުރިބާކާރު ދިވެހިންނާއި ބޭރުގެ ފަރާތްތައް އެ ރިސޯޓުގައި ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުން ރާއްޖެއަށް އަންނައިރު މިބަލަނީ މޫދާއި ދޮންވެލި ބީޗްތަކަށް. މިއިން އަސްލު މި ބުނެދެނީ އެ ފަރާތްތަކުން ބަލަނީ ތިމާވެއްޓަށްކަން. އެގޮތުން އަޅުގަނޑުމެން މިއަދު މި ފެށި 24 ގަޑިއިރުގެ މި ހަރަކާތަކީ ތިމާވެށި ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި ފެށި އިވެންޓެއް،" މުހައްމަދު ނައީމް ވިދާޅުވި އެވެ.

ރާއްޖޭގެ މޫދުގެ ރީތިކަން ދެކިލަން އަންނަ ކޮންމެ ޓޫރިސްޓެއްގެ ފުރަތަމަ މަންޒިލަކަށް، "ރަންނަމާރި" ރެކް ޔަގީނުން ވެސް ވާނެ އެވެ. މިއީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ދިރުންތަކުން މުއްސަނދިވެގެންވާ ކަނޑުއަޑީގެ ބަގީޗާއެކެވެ.

comment ކޮމެންޓް