ރާއްޖެއަށް ވެހިކަލް ސްމަގުލް ކުރި މައްސަލައިގެ ބޮޑު ތަހުގީގެއް ފަށައިފި

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ -- ސަން ފައިލް ފޮޓޯ

އޮޅުވާލައިގެން ވަގަށް ރާއްޖެއަށް ވެހިކަލް އެތެރެ ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަސްޓަމްސްއިން ބަލަން ފަށައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް، އަހުމަދު ނުއުމާން މިއަދު ވިދާޅުވީ، ރާއްޖެއަށް ވެހިކަލް ސްމަގުލް ކުރި މައްސަލަ ކަމާ ގުޅުން ހުރި އެހެން ގައުމުތަކުގެ ކަސްޓަމްސް އާއި މުއައްސަސާތަކާ ގުޅިގެން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް ކަމެއް ނުބަލާ ދޫނުކޮށްލާނެ ކަމަށާއި އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް ސިއްރުވެސް ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

ލަކުޑި ކޮންޓޭނަރެއްގެ ނަމުގައި ރާއްޖެ އެތެރެކުރި، 21 އުޅަނދެއް ކަސްޓަމްސްއިން ވަނީ މިދިޔަ ހަފްތާ ތެރޭ ހޯދައި އަތުލައިގެންފަ އެވެ. ލަކުޑީގެ ނަމުގައި މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ގެނައި ދެ ކޮންޓެއިނަރެއްގެ ތެރެއިން ފެނިފައި ވަނީ، ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭން އަދި 14 ސައިކަލެވެ.

އެ މައްސަލައިގެ މައުލޫމާތު ހާމަކުރަމުން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކަސްޓަމްސްގެ ހިދުމަތްތަކާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދި ނަޒާހަތްތެރިކަން ގެއްލޭ ގޮތަށް ހިނގާ ކޮންމެ ކަމަމާ މެދު އިދާރީ ގޮތުން އަޅަން ޖެހޭ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

comment ކޮމެންޓް