ދަތުރަށް ފުރާއިރު ލައިފްޖެކެޓް އަޅުވާތޯ ޓްރާންސްޕޯޓުން ބަލަން ފަށައިފި

ލޯންޗެއްގައި ތިބި ފަސިންޖަރުން ލައިފްޖެކެޓް އަޅައިގެން--- ފޮޓޯ/ ޓްރާންސްޕޯޓް އޮތޯރިޓީ

ކަނޑު އުޅަނދުފަހަރުތަކުގައި ދަތުރުކުރާ ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ޓްރާންޕޯޓް އޮތޯރިޓީން ބަލަން ފަށައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީއިން ބުނީ އެ އޮތޯރިޓީިން ރަށްރަށުގައި ތަމްރީނުކޮށްފައިވާ ސާވެޔަރުން އެ ރަށްރަށުން ފުރާ އުޅަނދުފަހަރުން ފަސިންޖަރުން ލައިފް ޖެކެޓް އަޅުވާތޯ ބަލަން ފަށައިފައިވާ ކަމަށެވެ.

ރަށްރަށުންފުރާ މީހުން އުފުލާ ހުރިހާ އުޅަނދެއްގައި ލައިފްޖެކެޓް އެޅުމަށް އެ އޮތޯރިޓީއިން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ކެޕްޓަނުންނާއި ފަޅުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ލައިފްޖެކެޓް އަޅާނެ ގޮތް ކިޔައިދީ ލައިފް ޖެކެޓް ހުރިހާ ފަސިންޖަރުންނަށް ފޯރުކޮށްދިނުމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓި އިން ވަނީ ހަނދާންކޮށްދީފަ އެވެ.

އެކަމާ ގުޅިގެން މިއަދު ފުރި ގިނަ ލޯންޗްތަކުގައި ވަނީ ލައިފްޖެކެޓް ބޭނުންކޮށްފަ އެވެ.

އެކަން ޓްރާންސްޕޯޓް އޮތޯރިޓީ އިން ބަލަން ފަށާފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހދ. ނޮޅިވަރަންފަރުން ހދ. ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަނޑުން ޖަހާލައިފަ އެވެ. އަދި އެ ލޯންޗުގައި ތިބި 10 މީހުންގެ ތެރެއިން ފަސް މީހެއްގެ ފުރާނަވަނީ ގެއްލިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުންނެވެ.

އެ ހާދިސާ އަށް ފަހު ކަނޑު ދަތުރުކުރާއިރު ލައިފްޖެކެޓް އަޅަން މަޖުބޫރުކުރަން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ގޮވާލައިފައިވެ އެވެ.

comment ކޮމެންޓް