ކޮންމެވެސް އެއްގޮތަކަށް ނިންމަމާ ހިނގާ

ތުއްތު ކުދިންކޮޅެއް އެއްޗެއް ލިޔަނީ --

އެތައް ފަހަރަކު މި ވާހަކަ ދެކެވިއްޖެއެވެ. ވަރަށް ގިނަ ބޭފުޅުން މި ވާހަކަ ދައްކަވައިފިއެވެ. މިހާރު ވެސް އެބަ ދައްކަވައެވެ. އެތައް ލިޔުންތެރިން ދޭތެރެދޭތެރެއިން ހަމަ މި ވާހަކަ އެކި ގޮތްގޮތަށް ލިޔުއްވާ ވެސްމެއެވެ. އެހެން ނަމަވެސް، އެ ހުރިހާ ވާހަކަޔަކަށް ވެސް ދެވެނީ ބީރު ކަންފަތެއް ކަމުން، އަޅުގަނޑުމެން އަޅުގަނޑުމެންގެ ވާހަކަ ނުހުއްޓައި ދެއްކުން ނޫން އެހެން ގޮތެއް ނޯންނާނެތާއެވެ!

މި ދަންނަވަނީ ދިވެހި ބަހުގެ ވާހަކައެވެ. ދިވެހީން ދިވެހި ބަހަށް ބީރައްޓެހި ވަމުންދާ ވާހަކައެވެ. ވަރަށް ގިނަ މައިންބަފައިން އެމީހުންގެ ދަރީންނަށް ދިވެހި ބަސް ދަސް ކޮށްނުދީ އިނގިރޭސި ބަހުން ކުދީންނާ ވާހަކަ ދައްކާ ވާހަކައެވެ. ކުޑަކުދީން ކިޔައިލާނެ ރަނގަޅު ފޮތްތަކެއް ދިވެހި ބަހުން ނުހުންނަ ވާހަކައެވެ. ދައުލަތުން އެކަމާ އެއްވެސް ވަރަކަށް އަޅައިނުލައްވާ ވާހަކައެވެ. ދިވެހި ބަހުގެ އެކަޑަމީއެއް ހުއްޓަސް، އަދި އެ އެކަޑަމީގެ ފަރާތުން ކިތަންމެ ރަނގަޅަށް މަސައްކަތް ކުރެވޭތޯ ބެއްލެވިޔަސް، މިފަދަ މުހިއްމު މަސައްކަތްތަކަށް އެ އެކަޑަމީއަށް އެއްވެސް ބަޖެޓެއް ނުދެއްވާ ވާހަކައެވެ. ބައެއް ފަރާތްތަކުން ކުޑަކުދީންނަށް އަމާޒު ކޮށްގެން ލިޔެ، ފޮތްފިހާރަތަކަށް އަޅަމުންދާ ވާހަކަތަކަކީ އެއްވެސް ގޮތަކުން އެކަށޭނަ އެއްޗެއްސެއް ނޫން ވާހަކައެވެ. އޭގެ ތެރެއިން ގިނަ ތަކެއްޗަކީ އެއްވެސް ތާކުންކުރެތާކު ނުޖެހޭ އެއްޗެހި ކަމުގެ ވާހަކައެވެ. ހަމައެކަނި ފައިސާ ހޯދުމުގެ ބޭނުމުގައި، ވިޔަފާރިޔަށް އުފައްދައިފައި ހުންނަ އުފެއްދުންތަކެއް ކަމުގެ ވާހަކައެވެ.

މި ވާހަކަ އަނެއްކާވެސް ލިޔެލާން މި ޖެހުނީ މީގެ ދެ ދުވަހެއް ކުރީން ދަރުބާރުގޭގައި ފެށުނު ނޮވެލްޓީ ފޮތް މައުރަޒަށް ޒިޔާރަތް ކޮށްލުމުން ކުރެވުނު ތަޖުރިބާޔާ ގުޅިގެންނެވެ. އިނގިރޭސި ބަހުން ހުރި އެކިއެކި އުމުރުފުރާތަކަށް ޚާއްސަ ކުޑަކުދީންގެ ފޮތް ހާހުން އެތަނުގައި ހުއްޓެވެ. ނަމަވެސް ދިވެހި ބަހުން ހުރީ ވަރަށް މަދު ފޮތްތަކެކެވެ. އަޅުގަނޑު އެ ތަނުގައި ގަޑިއެއްހައި އިރު ވާންދެން އުޅެފައި، އެތައް ފޮތެއް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ނަގައިގެން ބަލައިބަލައިފައި، ނުކުމެގެން އައީ ހިތްހަމަޖެހުމާ އެކު އަޅުގަނޑުގެ ދެ އަހަރުގެ ކުޑަ ދަރިފުޅަށް ގަނެލާނެ ދިވެހި ހަމަ އެއްވެސް ފޮތެއް ނެތް ކަމަށް ގަބޫލު ކުރެވިގެންނެވެ. ހަމަ އެންމެ ފޮތެއް ވެސް ނެތީއެވެ. އެތަނުން ނުކުމެގެން ދިޔަ އިރު، އަޅުގަނޑުގެ ހިތަށް އަރަމުން ދިޔަ އެއްޗަކީ، މި ވަރުން ދިވެހި ބަހޭ، ގައުމޭ، އަމިއްލަވަންތަކަމޭ ކިޔައިގެން ދަރިފުޅަށް ދިވެހި ބަސް ނޫނީ މާދަރީ ބަހެއްގެ ގޮތުގައި ދަސް ކޮށްނުދޭން ގަދަފައި ވިއްދައިގެން ހުރުމުގެ މާނަޔަކީ ކޮބައިހެއްޔެވެ؟ އަހަރެން ވެސް އެހެން މީހުން ހަދާހެން، ދަރިފުޅާ އިނގިރޭސި ބަހުން ވާހަކަ ދައްކައި، އިނގިރޭސި ބަހަކީ ފުރަތަމަ ބަސް ކަމުގައި ދަސް ކޮށްދޭންވީއެވެ.

އަޅުގަނޑުގެ ތަޖުރިބާގައި، ދަރިފުޅަށް ފޮތެއް ގަނެލާން ފިހާރަޔަކަށް ވަންނަ ކޮންމެ ފަހަރަކީ ނަފްސާނީ ތަކުލީފުތަކެއް އުފުލާން ޖެހޭ ފަހަރެކެވެ. ދިވެހި ބަހުން ހުންނަ ރަނގަޅު ފޮތެއް ނުފެންނާތީއެވެ. އަކުރު ދަސް ކޮށްދޭ ފޮތެއް ވިޔަސް، ކިޔާން ފަށައިގަންނަ އުމުރަށް ޚާއްސަ ފޮތެއް ވިޔަސް، އަދި އޭގެ ފަހުގެ އުމުރުފުރާތަކުގެ ފޮތްތަކަށް ބެލިޔަސް ކަން ހުރީ އެއް ގޮތަކަށެވެ. އެހެންޏާ ކުޑަކުދީން ޝައުގުވެރި ވާ ޒާތުގެ ގޮތަކަށް ފޮތް ތައްޔާރު ކުރެވިފައެއް ނުހުންނާނެއެވެ. ނުވަތަ ރަނގަޅު ފެންވަރަކަށް ޗާޕު ކުރެވިފައެއް ނުހުންނާނެއެވެ. މި ކަންކަން ރަނގަޅު ވިޔަސް ނުވަތަ ނުވިޔަސް، އެ ފޮތްތަކުގައި ލިޔެފައި ހުންނަ ގިނަ ތަކެތި ހުންނާނީ ދިވެހި ބަހުގެ ގަވާއިދުތަކާ ޚިލާފަށެވެ. ތާނަ ލިޔުމުގެ ގަވާއިދުތަކާ ވެސް ޚިލާފަށެވެ. އެ އެއްޗެތި ކިޔާ ކުދީންގެ ބަހުގެ ފެންވަރު ރަނގަޅެއް ނުވާނެއެވެ. އެ ކުދީންގެ ބަހުގެ ހިއްސު ހަލާކު ވެ، ބުއްދި ތަރައްގީ ވުމަށް ވެސް ހުރަސް އެޅޭނެއެވެ.

ދިވެހި ދައުލަތުން މި ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ނަމަ ހާދަ ރަނގަޅެވެ. ހަގީގަތުގައި، މިއީ މާކަ ބޮޑު ޚަރަދެއް ހިނގާނެ ވެސް ކަމެއް ނޫނެވެ. ހަމަ ވަރަށް ކުޑަކުޑަ ޚަރަދަކުން، ވަރަށް އަވަހަށް ވެސް މި މައްސަލަޔަށް އެކަށޭނަ ހައްލު ނެރެވޭނެއެވެ. މިސާލަކަށް، އުމުރުން ތިން އަހަރުން ފެށިގެން ފަނަރަ އަހަރާ ހަމަޔަށް، ކޮންމެ އަހަރަކީ އުމުރުފުރައެއް ކަމަށް ބަލައިގެން ބާރަ އުމުރުފުރަޔަށް ފޮތް ތައްޔާރު ކުރުމުގެ ޚަރަދަށް ކުރު ގޮތަކަށް ބަލައިލަމާ ހިންގަވާށެވެ. ކޮންމެ އުމުރުފުރަޔަކަށް ވިހި ފޮތް ތައްޔާރު ކުރާ ނަމަ، އެއީ ޖުމުލަ ދުއިސައްތަ ސާޅީސް ފޮތެވެ. ދުއިސައްތަ ސާޅީސް ފޮތް، ކޮންމެ ފޮތެއްގެ ދިހަ ވަރަކަށް ހާސް ކޮޕީ ޗާޕު ކުރާ ގޮތަށް ލިޔުއްވުމާއި، ކުރެހުމާއި، ޗާޕު ކުރުމުގެ ޚަރަދަކަށް ދާނީ އެންމެ ގިނަ ވެގެން ވެސް ފަންސާހަކަށް މިލިޔަން ދިވެހި ރުފިޔާއެވެ. ފަސް އަހަރުގެ މަޝްރޫއެއްގެ ގޮތުގައި މަސައްކަތް ރާވައިލައިފި ނަމަ، އަހަރަކު ޚަރަދު ވާނީ ހަމަ އެންމެ ދިހަ ވަރަކަށް މިލިޔަން ރުފިޔާއެވެ. މި މަޝްރޫއަށް ޓަކައި ސަރުކާރުން ދިވެހި ބަހުގެ އެކަޑަމީއަށް މިހައި ފައިސާކޮޅެއް ކޮންމެ އަހަރަކު ވެސް ދެއްވަވާން ވީނޫންތޯއެވެ؟

މިހާރަކަށް އައިސް ވަރަށް ގިނަ މައިންބަފައިންނަށް ހީ ވެފައި އޮންނަނީ، އެމީހުންގެ ދަރީންނަށް ދިވެހި ބަސް ކިޔަވައިދިނުމުގެ، އަދި ދިވެހި ބަހަކީ މާދަރީ މަހުގެ ގޮތުގައި އުނގަންނައިދިނުމުގެ އެއްވެސް ފައިދާއެއް ބޭނުމެއް ނެތް ކަމުގައެވެ. މިއީ ވަރަށް ހިތާމަވެރި ކަމެކެވެ. އެއްވެސް ބޭފުޅަކު ދެބަސް ވެވަޑައިނުގަންނަވާނެ ފަދައިން، އަޅުގަނޑުމެން ދިވެހީންގެ ދިވެހިވަންތަކަމުގެ އަސާސަކީ އަދި ބިންގަލަކީ ދިވެހި ބަހެވެ. ދިވެހި ބަސް ނޫނީ، މި ސަރަހައްދުގެ އެހެން މީހުންނާ އަޅުގަނޑުމެން ތަފާތު ކޮށްދޭ، އަޅުގަނޑުމެންގެ އިޖުތިމާއީ ޝަނާޚަތު ނުވަތަ ސޯޝަލް އައިޑެންޓިޓީ ކަނޑައަޅައިދޭ އެއްވެސް އެހެން އެއްޗެއް ނެތެވެ. އެހެންކަމުން، ދިވެހި ބަސް ދޫ ކޮށްލުމަކީ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އުންސުރެއް ދޫ ކޮށްލުމެވެ. އަމިއްލަވަންތަކުގެ ބިންގާ އެއްލައިލުމެވެ. އަޅުގަނޑުމެންގެ ސަގާފީ އެންމެ ބޮޑު ތަރިކަ ގެއްލުވައިލުމެވެ.

ދިވެހި ބަސް އުނގެނުމަކީ ދަރީންނަށް ބޭރުގެ ބަސްތައް ދަސް ކުރުމަށް އޮންނަ ހުރަހެއް ނޫނެވެ. އެއާ މުޅީން ޚިލާފަށް، ދިވެހި މާހައުލުގައި އުޅޭ ކުއްޖަކު، އެ މާހައުލުގެ ބަސް ކަމަށް ވާ ދިވެހި ބަހަށް މޮޅު ވުމަކީ ބޭރު ބަސްބަހަށް ވެސް އެ ކުއްޖަކު މޮޅު ވުމަށް މެދުވެރި ކުރާނެ ކަމެއްކަން، ބަހާއި ނަފްސިއްޔާތުގެ އިލްމުވެރީންގެ އިއްތިފާގީ ރައުޔުތަކަށް ބެލުމުން އެނގެއެވެ. ބަހުގެ އިލްމުވެރީން ވިދާޅުވަނީ މާދަރީ ބަހަށް މޮޅު ވުމަކީ، ބިދޭސީ ބަސްތަކަށް ކުދީން މޮޅު ވާ ސަބަބެއް ކަމުގައެވެ. އަނެއްކާ، ދިވެހި ތާރީޚަށް ބައްލަވައިލެއްވިޔަސް ފެނިވަޑައިގަންނަވާނެ ހަގީގަތަކީ ދިވެހި ގައުމު ދުށް ބިދޭސީ ބަސްބަހަށް އެންމެ މޮޅު ބޭފުޅުންނަކީ، މާދަރީ ދިވެހި ބަހަށް ވެސް އެންމެ ކުޅަދާނަ ބޭފުޅުން ކަމެވެ. މުޙައްމަދު އަމީނަށް ބެލިޔަސް، ޝައިޚް ޖަލާލުއްދީނަށް ބެލިޔަސް، ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނަށް ބެލިޔަސް، އަދި ފަހުގެ ބޭފުޅުންނަށް ބެލިޔަސް މި ބަހުގެ ހެކި ފެނިވަޑައިގަންނަވާނެއެވެ.

ކޮންމެ އިންސާނެއްގެ ކިބައިގައި ވެސް ގުދުރަތުން ވަނީ ޅައުމުރުގައި އެއްވެސް ދަތި ކަމެއް ނެތި ދެތިން ބަސް އުނގެނުމުގެ ގާބިލުކަން ލައްވަވައިފައެވެ. އިލްމީ ގޮތުން އެނގި ސާބިތު ވާ ގޮތުގައި، ދެތިން ބަސް ޅައުމުރުގައި ދަސް ކުރުމަކީ ކުއްޖާގެ ސިކުނޑީގެ ގާބިލުކަން އިތުރު ވެސް ކޮށްދޭ ކަމެކެވެ. އެހެންކަމުން، ދިވެހި ބަސް ދަސް ކޮށްފައި، އޭގެ އިތުރުން ބިދޭސީ ބަސްބަހުގެ ގޮތުގައި ޢަރަބި ބަހާއި އިނގިރޭސި ބަސް ކުދީންނަށް ދަސް ކޮށްދިނުމަކީ ހަމަ ވަރަށް ރަނގަޅު ގޮތެކެވެ. އެހެންކަމުން، އެއްވެސް ކަމަކާ ނުލައި އަޅުގަނޑުމެންގެ އަމިއްލަ ބަސް، އަޅުގަނޑުމެންގެ ސަގާފަތުގެ އަސާސު އެއްލައިނުލަމާތޯއެވެ! ދައުލަތާއި އާއްމު ފަރުދުން ގުޅިގެން، ކޮންމެ ދިވެހި ކުއްޖަކީ މާދަރީ ބަހަށް އަހުލުވެރި، މާދަރީ ބަހަށް ކުޅަދާނަ، މާދަރީ ބަހުން ރިވެތިކޮށް ވާހަކަ ދައްކައި، ލިޔެކިޔާ ކުއްޖަކަށް ހެދުމުގެ މަސައްކަތް ހަރުދަނާ ކުރަމާތޯއެވެ؟ ދިވެހި ބަހުން ކުދީން ކިޔާނެ ރަނގަޅު ލިޔުންތަކާއި ފޮތްތައް ގިނަ ކުރަމާތޯއެވެ؟ ޓީވީ އާއި ރޭޑިޔޯ ފަދަ ވަސީލަތްތަކުން ވެސް ކުޑަކުދީންނަށާއި ބޮޑެތި މީހުންނަށް އަމާޒު ކޮށްގެން ގެނެސްދޭ އެންމެހައި ޕްރޮގްރާމްތަކުގައި ރިވެތި ދިވެހި ބަސް ރިވެތި ގޮތުގައި ބޭނުން ކުރެވޭކަން ކަށަވަރު ކުރަމާތޯއެވެ؟

އެހެން ނޫންނަމަ، އަޅުގަނޑުމެން ކަހަލަ ބޯދާ ވިސްނުމުގެ މީހުން މި ދައްކާ ދޯހަޅި ވާހަކަތަކަށް އެއް ފަހަރުން ރައްދު ދެއްވައި، ދިވެހި ބަސް އެއްލައިލައި، އިނގިރޭސި ބަހަކީ ގައުމީ ބަސް ކަމަށް ހެދުމުގެ ނިންމުމެއް، ނުވަތަ ގަރާރެއް، ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ރައްޔިތުންގެ މަޖިލިހުން ވިޔަސް، ސުޕްރީމް ކޯޓުން ވިޔަސް ދެއްވާށެވެ. ކޮންމެވެސް އެއް ގޮތަކަށް މިކަން ނިންމާން ވެއްޖެތާއެވެ!

comment ކޮމެންޓް