އެލައިޑުގެ ގްރީން ފޯ ގުޑް އިނިޝިއޭޓިވް ތައާރަފްކޮށްފި

އެލައިޑު އިންޝުއަރެންސުން ތިމާވެއްޓާ ރައްޓެހި ގޮތްތަކާ އެކު "ގްރީން ފޯ ގުޑް" އިނީޝިއޭޓިވް ލޯންޗުކުރުން -- ފޮޓޯ: އެލައިޑް

އެލައިޑު އިންޝުއަރެންސުން ތިމާވެއްޓާ ރައްޓެހި ގޮތްތަކާ އެކު "ގްރީން ފޯ ގުޑް" އިނީޝިއޭޓިވް ލޯންޗުކޮށްފި އެވެ.

އަންސާނާ އިހުރުގައި މިއަދު ކުރިޔަށް ދިޔަ 10-10 ޑައިވް އިވެންޓް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި އެލައިޑްގެ އިނީޝިއޭޓިވް ލޯންޗްކޮށްދެއްވީ ބަންޔަން ޓްރީ ގްރޫޕްގެ ސަސްޓެއިނަބިލިޓީ ޑިރެކްޓަރު އަދި ބަންޔަން ޓްރީ ގްލޯބަލް ފައުންޑޭޝަންގެ
ކޯޑިނޭޓިން ޑިރެކްޓާ ސްޓީވް ނިއުމަން އެވެ.

މި އިނީޝިއޭޓިވްގެ ދަށުން އެލައިޑުން މިފަހަރު ތައާރަފުކޮށްފައި ވަނީ ތިމާވެއްޓާ ރައްޓެހި ކޮތަޅާއި ފުޅި އަދި އޮފީސް މާހައުލުގައި ކަރަންޓާއި ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމާއި އޮފީސް މާހައުލަކީ ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކެވެ.

އެލައިޑުން ވަނީ އަލަށް ތައާރަފުކުރި ތަކެތި ލޯންޗުކުރުމަށް ފަހު ޑައިވް ހަރަކާތުގެ ޝަރަފުވެރި މެހެމާނު، ބަންޔަން ޓްރީ ގްރޫޕްގެ ސަސްޓެއިނަބިލިޓީ ޑިރެކްޓަރ ސްޓީވް ނިއުމަން އަށް ހަދިޔާކޮށްފަ އެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރަންސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަފާޒު ވިދާޅުވީ މިއިވެންޓްގެ ޕްރައިމް ޕާޓްނަރަކަށްވެ، އަމަލީ ގޮތުން ޑައިވްގައި ބައިވެރިވުމުގެ ފުރުސަތު ދިންކަމަށް ޓަކައި އިވެންޓުގެ އޯގަނައިޒަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޝަފާޒު ވިދާޅުވީ "ގްރީން ފޯ ގުޑް" އަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރިޔަށްގެންދިޔުމަށް ރާވާފައިވާ ޕްލޭނެއް ކަމަށާއި ގައުމަށާއި ރައްޔިތުން އަދި ވަށައިގެންވާ މާހައުލާއި ކަނޑުގެ ދިރުންތަކަށް ވެސް ރައްކާތެރިކަމާއި އަޅާލުން ކަށަވަރުކުރުމަށް ގިނަ ކަންތައްތަކެއް މުސްތަގުބަލުގައި ތައާރަފުވެގެންދާނެ ކަމަށެވެ.

މިއީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ
މަސައްކަތްތައް ކުރުމަށް ޓަކައި ބްރޭންޑް ކުރެވިފައިވާ ޕްރޮޖެކްޓެވެ. މިޕްރޮޖެކްޓްގެ ދަށުން ކުރެވިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި މަލަހިނި ސޭންޑީ މިޝަން، ސްކޫލްތަކުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި އުރީދޫ އަދި ޔޫއެންޑީޕީ ގުޅިގެން މާޅޮހުގައި ގާއިމްކުރެވުނު ކޮމިއުނިޓީ ޑިވެލޮޕްމަންޓް ހަބް ސެންޓަރު ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް