ފޯޅަވަހީގެ މައްސަލައިގައި ރާއްޖެ މޮރިޝަސް މަޝްވަރާތަކަކަށް

ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށް ރާއްޖެއިން ވަނީ އދ.ގެ އާއްމު މަޖިލީހުގައި ވޯޓު ދީފަ -- ފޮޓޯ: ގެޓީ

ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް، ނޫނީ ސަރަހައްދީ އިން ކަނޑައެޅުމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން މޮރިޝަޝް އާއި ރާއްޖެއާ ދެމެދު މަޝްވަރާތަކެއް ފަށައިފި އެވެ.

އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމްކޮށްފައިވާ ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓްގައި ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓްލީ ހަ ގައުމުގެ ތެރޭގައި ހިމެނިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

މިހާރު ކުރިއަށް ދާ އެމްޑީޕީ ޔޫތް ކޮންގްރެސްގައި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ވާހަކަތައް ތިލަކޮށްދެއްވަމުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ، އެ ވޯޓްގައި ރާއްޖެއިން ރަތަށް ފިތަން ޖެހުނީ ފޯޅަވައްސަކީ ރާއްޖެެއާ ބައުންޑަރީއެއް އޮތް ހަމައެކަނި ގައުމަށް ވެފައި، ރާއްޖޭގެ ކޮންޓިނަންޓަލް ޝެލްފް ނޫނީ ސަރަހައްދި އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށެވެ. އަދި ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރަން ރާއްޖެއިން ތާއީދުކޮށް ވޯޓް ދީފި ނަމަ، އދ ގައި އޮތް މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކޮންޓިނަންޓަލް ޝެލުފުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތުމަކީ އެކަމަށް ރާއްޖެއަށް ތާއީދު ނުކުރެވުނު ސަބަބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެގޮތަށް ވޯޓް ދިނީމާ ދުނިޔޭގެ ބޮޑެތި ގައުމުތައް އަޅުގަނޑުމެންނަށް ޝުކުރު އަދާކުރެއްވި. އަޅުގަނޑު އެބޭފުޅުންނަށް ދެންނެވިގެން ޝުކުރު އަދާކުރައްވާނެ ކަމެއް ނެތޭ. ތިބޭފުޅުންނާ ދެކޮޅަށް މި ވޯޓް ލާން ޖެހުނީމާ އަޅުގަނޑުމެން ލާނީ ހަމަ މިހެންނޭ. މި މައްސަލައަށް [ރާއްޖޭގެ ކޮންޓިނަންޓަލް ޝެލްފް ކަނޑައެޅުމުގެ މައްސަލައަށް] ހައްލެއް ނާންނަ ކަމަށްވަންޏާ އަޅުގަނޑުމެން ވޯޓް ލާނީ މިހެންނޭ. އަޅުގަނޑުމެން އެ ސްޓޭންޑް ނެގުމާ އެކު މޮރިޝަސްއިން މިހާރު ވަނީ އަޅުގަނޑުމެންނާ ވާހަކަ ދައްކަން އެއްބަސްވެފައި، އެ ނެގޯޒިއޭޝަން ފަށާފައި،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު ބިންގަލަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުންކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާާޅުވީ، ދިވެހިންނަށް ނިކަމެތިކަން އަންނަ ގޮތަކަށް މި ސަރުކާރުގެ އެއްވެސް ހާރިޖީ ނިމުމެއް ނުނިންމާނެ ކަމަށެވެ. އަދި މި ސަރުކާރުގައި ރާއްޖެ ވެގެން ދާނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ފަހުރުވެރި ކަމާ އެކު، ކެރިތިބެގެން ދިވެހި ދިދަ އުފުލައިލާނެ ގައުމަކަށް ކަމަށް ވެސް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ މަސްލަހަތު ހިމާޔަތް ކުރަން އަޅަން ޖެހުނު ކޮންމެ ނިންމުމެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫތް ކޮންފަރެންސްގައި ވާހަކަ ދައްކަވަނީ: ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރަން ނިންމަން ޖެހޭ ކޮންމެ ނިންމުމެއް ނިންމާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެންގެ ގައުމަކީ ކުޑަ ގައުމެއް ނޫން. ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ފައިދައިން މިއީ ވަރަށް ބޮޑު އޯޝަން ސްޓޭޓްއެއް. ރާއްޖޭގެ ސަރަހައްދު ސައުދީ އަރަބިއްޔާއަށް ވުރެ ބޮޑު. ރާއްޖެއަކީ އެހެންވީމާ ބޮޑު ގައުމެއް. އެ ބޮޑުކަން މަތީ އަޅުގަނޑުމެން ތިބޭނީ. އެ ބޮޑުކަން އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުން ފެންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮތް ގޮތް ސިފަކޮށްދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އޭރު ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ވެފައި އޮތީ؛ "ދޮލަގަކަށް ލައިގެން ތޯއި ގަންނާނެއްތޯއި" ކިޔަމުން ސިޔާސަތު ވިއްކާ ގައުމަކަށް ކަމަށެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ސިޔާސަތާ އެކު ދުނިޔޭގައި ރާއްޖެއަށް އޮތް ހައްގު އިހުތިރާމް ހޯދި، ރާއްޖެއާ މެދު ދުނިޔެ ދެކޭ ގޮތް މިހާރު ބަދަލުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން 10 އަހަރުފަހުން ޕާޓްނަޝިޕް ފޯރަމެއް މި ސަރުކާރުން ބޭއްވީ. އޭގައި 38 ގައުމަކުން 48 ޖަމްއިއްޔާ ޖަމާއަތްތައް ބައިވެރިވި. އެބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިހާރު ރާއްޖޭގެ ސިޔާސަތު ދަނީ ހަރުދަނާ ކަމާ އެކު ވަކި އަޒާމެއް އޮވެގެން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގެ ފަސްޓްލައިން އޮފް ޑިފެންސް، އަކީ ހާރިޖީ ސިޔާސަތު ކަމަށާއި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ތަމްސީލްވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، 41 ގައުމަކަށް ރާއްޖޭގެ ޑިޕްލޮމެޓުން ކަނޑައެޅިފައިވާ ކަމަށެވެ. އެއީ، 16 ގައުމެއްގައި ދިވެހި އެމްބަސީ އާއި 25 ގައުމެއްގައި ނަން-ރެސިޑެންސް އެމްބެސެޑަރުން ކަނޑައެޅުން ކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އިންސާނީ ހައްގުތައް ޕްރޮމޯޓް ކުރުމާއި ކްލައިމެޓް ޗޭންޖް ޑިޕްލޮމެސީގެ ތެރެއިން ރާއްޖެއަށް ފައިދާތައް ހޯދުމަށް ރާއްޖޭގެ ހަރީޖީ ސިޔާސަތު ބައްޓަން ކޮށްފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް