ޒުވާނުން ޖަލަށް ލާކަށް ނޫޅެން، އެމީހުން ރިހިބިލިޓޭޓް ކުރާނަން: ރައީސް

އެމްޑީޕީ ޔޫތް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގެ އިޖުތިމާއީ ނިޒާމު އޮތްގޮތުން ޒުވާން އާބާދީގެ ގިނަ ބަޔަކު ކުށުގެ ވެއްޓަށް ހުށަހެޅިފައިވާކަމަށާޢި، ސަރުކާރުން ބޭނުންވަނީ އެކުދިން ޖަލަށް ލުމުގެ ބަދަލުގައި ރިހިބިލިޓޭޓުކޮށް އަނބުރާ މުޖުތަމައަށް ނެރެންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޒުވާނުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަން ކަމަށާއި އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާއެއް ބަޔަކީ ޒުވާނުން ކަމަށެވެ.

"އެކަމުގެ ސަބަބުން ނިދުމަށް، ޑިއުޓީއަށް ގަޑިބަހައިގެން ބޮޑެތިވާ ކުދިން މިއަދު މާލޭގައި މަދެއް ނޫން. އެކުދިން ކަންމަތީ ގްރޫޕުތަކާއެކު ބޮޑެތިވަމުން އައިތަން އަޅުގަނޑުމެން ދެކެމު. ސްކޫލަށް ނުދެވި، އާއިލާއިން ދޭންޖެހޭ ސަމާލުކަން ނުދެވި ޒުވާން އުމުރު ހޭދަކުރަން ޖެހެނީ މަގުމަތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގޭންގްތަކުގެ ޝިކާރައަށްވެ، ކުށްކުރުމާއި ކުށުގެ ވެށިން ބޮޑުވާ މިފަދަ ޒުވާނުން އަނބުރާ މުޖުތަމައަށް ގެންނަން ޖެހޭ ކަމަށާއި، އެކަމުގެ ހައްލަކީ އުމުރު ދުވަހަށް ޖަލަށްލައި ބަންދުކުރުން ނޫން ކަމަށެވެ. ޖަލުތަކަކީވެސް ރިހިބިލިޓޭޓް ކުރެވޭ ތަންތަނަށް ކަމަށާއި ރިހިބިލިޓޭޝަން ބޭނުންވާ 800 އަށްވުރެ ގިނަ ޒުވާނުން މިހާރުވެސް އެބަތިިބި ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުން އެކަމުން ސަލާމަތްވުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަމުންދާކަމަށާއި، ޖަލުތަކުގެ އާބާދީގެ 65 ޕަސެންޓަކީ ޑްރަގްގެ މައްސަލަތަކުގައި ޖަލަށްލާފައިތިބި މީހުން ކަމަށާއި އޭގެ ތެރޭ ގިނައީ ޒުވާނުން ކަމަށެވެ.

"އަމާޒަކީ ޖަލުތަކުގެ ނިޒާމަށްވެސް ރިހިބިލިޓޭޝަން ތައާރަފު ކުރުން. އަމާޒަކީ ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހެދުން. ބޭއިންސާފުގެ ޝިކާރައަކަށް ވެފައިތިބި ކުދިންނަށް އިންސާފު ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 29 ޕަސެންޓަކީ ވަޒީފާނެތް މީހުންކަމަށެވެ. އެގޮތުން އާބާދީގެ 31 ޕަސެންޓަކީ 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން ކަމަށާއި، މި އުމުރުފުރާއަށް ދިމާވެފައިވާ އެންމެބޮޑު ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައްކަމަށް ރައީސް ވިދާޅުވިއެވެ.

"ވަޒީފާ ނެތް ޒުވާނުން ނިސްބަތުން ގިނަ. ހިސާބުތައް ދައްކާގޮތުން 18 އަހަރާ 34 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން 29 ޕަސެންޓަކީ ވަޒީފާ އަދާނުކުރާ، އަދި ތައުލީމް އަދި ތަމްރީނުގައިވެސް ޝާމިލްވެގެން ނޫޅޭ ޒުވާނުން،" ރައީސް ވިދާޅުވިއެވެ.

އެމްޑީޕީ ޔޫތް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ:ރައީސް އޮފީސް

މި އުމުރުގެ އަންއެމްޕްލޯއިޑް ރޭޓް، ވަޒީފާ ނެތް އަދި ނަމަވެސް ވަޒީފާ ބޭނުންވެ ވަޒީފާ ހޯދުމަށް މަސައްކަތްކުރާ މީހުންނަކީ އަށް ޕަސެންޓުކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއިން މި ދައްކައިދެނީ ޒުވާނުންގެ ތެރޭގައި ވަޒީފާ ހޯދަން އުޅެ، ނުލިބިފައިވާ ފަރާތްތައް މަދުނަމަވެސް، އެކިއެކި ސަބަބުތަކާ ގުޅިގެން ވަޒީފާގެ ބާޒާރަށް ނުނިކުމެވިފައި، އަދި އެއްވެސް ގޮތަކަށް ވަޒީފާ ހޯދުމުގައި ޝާމިލްނުވާ ގިނަ ބަޔަކުވެސް ވާކަން،" ރައީސް ވިދާޅުވިއެވެ.

ވަޒީފާގެ ބާޒާރަށް ނުނިކުމެ ތިބި އަންހެނުންގެ ނިސްބަތް ފިރިހެނުންނަށްވުރެ ގިނަކަން ފާހަގަކުރައްވާ، އަންހެނުންނަށް "ފްލެކްސިބްލް"، ފަސޭހަ ގޮތަކަށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަށް ރައީސް ވަނީ ވިޔަފާރިތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ މައިންބަފައިންނާއި ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަދި ވިޔަފާރިވެރިންނަށް ސަލާން ނުޖަހާ، މަތީ ތައުލީމާއި ތަމްރީން ލިބޭނެ ގޮތަށް ކަމަށެވެ.

ރައީސް މިހެން ވިދާޅުވިއިރު، މި ސަރުކާރުން ވަނީ ރާއްޖޭގައި ތިބެގެން ހިލޭ ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

comment ކޮމެންޓް