ކައުންސިލުތަކަށް މުވައްޒަފުންގެ ދަތިކަން ހުރިކަމުގެ ޝަކުވާ ލިބޭ: އަމީރު

ފިނޭންސް މިނިސްޓަރު އަމީރު-- ފޮޓޯ ފިނޭންސް

ކައުންސިލުތައް ހިންގުމަށް ބޭނުންވާ މުވައްޒަފުން ބޭނުންވަށް އަދަދަށް ނުނެގޭ ކަމުގެ ޝަކުވާ ހުރިހާ ކައުންސިލަކުންވެސް ހުށަހަޅާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކައުންސިލުތަކަށްދޭ "ކަންގަތި" އެވޯޑް ދިނުމަށް މިރޭ ކ ހުރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލުތަކުގެ އޮނިގަނޑުގައި ހިމެނޭ ގިނަ ވަޒީފާތަކަށް މީހުން ނެތްކަމުގެ ޝަކުވާ ލިބުނު ކަމަށެވެ.

"އެ މައްސަލަ ހައްލު ކުރަން ކުރެވުނު މަސައްކަތުން މިދިޔަ 2018 ވަނަ އަހަރު ހަމަޖެއްސުނު މުވައްޒަފުންނަށްވުރެ. 700 މީހުން އިތުރަށް މިއަހަރު ކައުންސިލުތަކަސް ހަމަޖައްސާދީފައި ވާނެ،" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކުގެ އިދާރީ އޮނިގަނޑު މުރާޖައާކޮށް، މުވައްޒަފުން ނެގުމުގައި އިތުރު ފަސޭހަތައް ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ހިންގުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހަގީގަތުގައި އަޅުގަނޑުމެން އެންމެ ބޭނުންވާގޮތަށް ކައުންސިލްތަކުގެ ދުވެލި ފެނިގެންދާނީ 2020 ވަނަ އަހަރުގެ ބަޖެޓުން،" މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަކުރުމާއެކު، މިހާރު ކައުންސިލްތަކަށް ދޭ ބަޖެޓަށް ބަލާއިރު މިއީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

"އަނެއްބަދަލަކީ އިދާރީގޮތުންނާއި ސިޔާސީގޮތުން ރާއްޖެ ލާމަރުކަޒުކުރެވިފައިވާއިރު، މާލީގޮތުން ރާއްޖެ ލާމަރުކަޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް. ކައުންސިލްތަކަށް އެކިއެކި ފީތަކުން ލިބޭ އާމްދަނީ، ކައުންސިލްތަކަށް ލިބޭގޮތަށް ހަމަޖެހިގެންދާނެ. އެއާއެކު ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުވެ، މިހާރަށްވުރެ ބޮޑަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރުސަތު ފަހިވެގެންދާނެ. މީގެ އިތުރުން ދިރިއުޅޭ ރަށުގެ އިހުތިސޯސްގައިވާ ބިމުގެ ކުލީގެ ޕަސެންޓެއް ކައުންސިލްތަކަށް ހަމަޖެހިގެންދާނެ،" މިނިސްޓަރު އަމީރު ވިދާޅުވީ ބިމާއި ފަޅު އަދި ފަރުތަކުން ކުލީގެ ގޮތުގައި ދައުލަތަށް މިހާރު ލިބޭ އާމްދަނީގެ 40 ޕަސެންޓް އަންނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ދޭން ފަށާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ހިސާބުތައް ބެލެހެއްޓުމަށް އެލްޖީއޭ އިން ތައްޔާރުކުރާ ސޮފްޓްވެއާ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ކައުންސިލުތަކަށް ފޯރުކޮށްދޭނެ ކަމަށް އެލްޖީއޭ އާއި ހަވާލާދީ މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ފުރިހަމަކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެންމެ ބޮޑު ރޯލެއް އަދާކުރާނީ ކައުންސިލުތައް ހިންގަން ތިބި ފަރާތްތައް ކަމަށާއި ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ އެއްގޮތަށް ކަންތައްކޮށްގެން ނޫނީ އެ ނިޒާމުގެ ފުރިހަމަކަން ރައްޔިތުންނަށް ނުފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ޒިންމާދާރުކަމާއެކު ކައުންސިލަރުންގެ ޒިންމާ އަދާކުރެއްވުމަށް އެދިލައްވައިފައެވެ.

"ހާއްސަކޮށް ފައިސާ އާއި ގުޅޭކަންކަމުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ހާމަކަން ބޮޑުގޮތެއްގައި ކަންތައްތައް ކުރިއަށްގެންގޮސްދެއްވައި އެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ކައުންސިލްތަކަށް ޖަމާކޮށްދިނުން ހުއްޓަލާފައި ވަނިކޮށް، މި ސަރުކާރުން އެ ފައިސާ ޖަމާކޮށްދޭން ފަށާފައިވާކަމަށެވެ.

ފިނޭންސް މިނިސްޓަރު ވަނީ ކައުންސިލްތައް ރެގިޔުލޭޓްކުރުމުގެ ކަންތައް ހަރުދަނާކަމާއެކު ކުރިއަށްގެންދިޔުމަށް އެލްޖީއޭ އަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް