ދަގަނޑު ޖަހައިގެން މަސްހިފުން ހުއްދަ ކުރެވޭނެ ގޮތަކާ މެދު މަޝްވަރާކޮށްފި

ދޫކުރާ ދަގަނޑު ބޭނުން ކޮށްގެން މަސް ހިފަނީ --- ފޮޓޯ// މުހައްމަދު ޝިފާއު (މޯލްޑިވިއަން ސްޕެއަރޯ)

ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހުން ހުށަހަޅާފައި މަސްވެރިކަމާ ބެހޭ ބިލުން ދަގަނޑު ޖަހައިގެން މަސް ހިފުން މަނާ ކުރާތީ އެކަމުގައި ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާ ހިއްސާ ކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަސްވެރިކަމުގެ ބިލުގައި ބުނާގޮތުން ، ދޫކުރާ ދަނގަޑު ބޭނުންކޮށްގެން މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.

ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން ކުރާ ޒުވާނުންގެ ގުރޫޕެއް މިނިސްޓަރު މަހުލޫފާ ބައްދަލުކޮށް މަޝްވަރާ ކުރީ މަސްވެރިކަމުގެ ބިލުގައި ދަގަނޑު ޖަހައިގެން މަސްވެރިކަން ކުރުން މަނާކޮށްފައިވާތީ އެކަން ބިލުން އުނިކުރުމަށް ނުވަތަ އެކަމަށް ހައްލެއް ހޯދުމާ ގުޅޭ ގޮތުންނެވެ.

ދަގަނޑު ޖަހައިގެން މަސްހިފާ ޒުވާނުންނާއި މިނިސްޓަރު މަހްލޫފް ބައްދަލު ކުރައްވަނީ --- ފޮޓޯ// މުހައްމަދު ޝިފާއު (މޯލްޑިވިއަން ސްޕެއަރޯ)

އެ ބައްދަލުވުމުގައި ބައިވެރިވި މޯލްޑިވިއަން ސްޕެއަރޯ ގުރޫޕުގެ މެމްބަރަކު 'ސަން' އަށް ބުނީ ދަގަނޑު ޖަހައިގެން މަސް ހިފުން ހުއްދަ ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މިނިސްޓަރު މަހުލޫފާއި ވާހަކަ ދެކެވުނު ކަމަށެވެ.

"މިއަދު މާލޭގައި ތިބި ޒުވާނުންތަކެއް ވަނީ މިނިސްޓަރު މަހްލޫފާއި ބައްދަލު ކުރައްވާފަ. މި ބައްދަލުވުމުގައި ދަގަނޑު ޖަހައިގެން މަސް ހިފުން ހުއްދަ ކުރެވިދާނެ ގޮތަކާ މެދު ވަނީ މަޝްވަރާ ކުރެވިފަ." މިރޭގެ ބައްދަލުވުމުގައި ބައިވެރިވި މޯލްޑިވިއަން ސްޕެއަރޯ ގުރޫޕުގެ މެމްބަރަކު ބުންޏެވެ.

އޭގެ އިތުރުން ދަގަނޑު ޖަހައިގެން މަސް ހިފުމުގައި ޒުވާނުންނަށް ހުރި ފުރުސަތުތަކާ ބެހޭގޮތުންވެސް އެ ބައްދަލުވުމުގައި ވާހަކަ ދެކެވުނު ކަމަށް އޭނާ ބުންޏެވެ.

"ބޮޑަށް ވާހަކަ ދެކެވުނީ އަހަރަމެން މަސް ހިފަން މި ބޭނުން ކުރާ މެތަޑަކީ އެންމެ ރަނގަޅު ގޮތް ކަން މަހްލޫފްގެ ސަމާލުކަމަށް ގެނައުމާ ބެހޭ ގޮތުން. އެބޭފުޅާ އަށް ކިޔައިދިނިން މިގޮތަށް މަސްވެރިކަން ކުރުމުން ފަރުތަކަށް ވެސް ގެއްލުން ނުލިބޭނެ ކަން. މިއީ މަސް ހިފުމަށް އެންމެ ސަސްޓެއިނަބަލް އެއްގޮތް." އޭނާ ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު ޒިޔާޒު ވިދާޅުވާގޮތުން ދޫކުރާ ދަގަނޑު ބޭނުންކޮށްގެން މަސްވެރިކަން މަނާ ކުރަން ނިންމާ އެ މަސްވެރިކަމުގެ ސަބަބުން ފަރުތަކުގައި އުޅޭ މަސްތައް އެއްކޮށް ނެތި ދިޔުމުގެ ބިރު އޮތުމުންނެވެ.

"ބިލްގައި އޮތް ގޮތަކީ، ދޫކުރާ ދަގަނޑު ބޭނުންކޮށްގެން ކުރާ މަސްވެރިކަން. ދޫކުރާ ދަގަނޑު އަޅުގަނޑުމެން ވާނެ މާނަ ކުރާ ބައިގައި މާނަ ކޮށްފައި. އޭގެ މާނަ ކުރެވެނީ، އެއްވެސް ކަހަލަ ޕްރޮޕާޝަން މެކޭނިޒަމް ނުވަތަ އެއަށް ބާރެއް ދީގެން، [ނުވަތަ] ހަމައެކަނި އަތް ނޫން ގޮތަކަށް ކޮންމެވެސް ކަހަލަ މެކޭނިކަލް ސިސްޓަމެއް ބޭނުންކޮށްގެން ދަގަނޑު ދޫކުރާ ނަމަ އެއީ މަނާވާނެ މަސްވެރިކަމެއް،" ޒިޔާދު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ބިލު ބުނާގޮތުން އެ ބިލު ގާނޫނަކަށްވެ ތަންފީޒު ކުރަން ފަށާ ފަހުން ބިލުގައި ބަޔާންކޮށްފައިވާ މަނާ ބާވަތެއްގެ މަސްވެރިކަން ކުރާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން ބިލުގައި މަނާ ކަމަށް ބުނެފައިވާ މަސްވެރިކަމެއް ކުރަނިކޮށް ތަންފީޒީ އިދާރާއަކަށް ފެނިއްޖެ ނަމަ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. މަސްވެރިކަމުގެ ބިލު މިހާރު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.

comment ކޮމެންޓް