ފެށޭ އަހަރު ވެގެން ދާނީ ކައުންސިލުތަކަށް އުފާވެރި އަހަރަކަށް: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ފެށޭ އަހަރު ވެގެންދާނީ ރަށު ކައުންސިލު ތަކަށާއި އަތޮޅު ކައުންސިލުތަކަށް އުފާވެރި އަހަރަކަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިރޭ ކ.ހުރާ ގައި ކުރިއަށް ދިޔަ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޭ ކަންގަތި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ކައުންސިލުތަކަށް މާލީ މިނިވަންކަމާއި ބާރު ދިނުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކައުންސިލުތައް ބާރުވެރި ކުރުމަށް މުހިންމު ނިންމުންތަކެއް ނިންމަވަމުން ގެންދަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިއަންނަ އަހަރު އިރާދަކުރެއްވިޔާ ވެގެންދާނީ އަޅުގަނޑުމެންގެ އަތޮޅުތަކުގެ ރައްޔިތުންނަށް. ކައުންސިލުތަކަށް އުފާވެރި އަހަރެއްގެ ގޮތުގައި." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ކައުންސިލުތައް ހިންގުމުގައި ވޭތުވެ ދިޔަ ތަކުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

އެ ގޮންޖެހުންތަކުން ކައުންސިލުތައް ސަލާމަތްކޮށް ފުރިހަމަ ލާމަތުކަޒީ ނިޒާމެއް ގެނައުމަށް ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް އެލްޖީއޭ އަދި ރައީސް އޮފީސް ގުޅިގެން ކުރިއަށް ގެންދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައްޔިތުންގެ އުންމީދަކީ މާލޭގެ ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަތޮޅު ތެރެއިންވެސް ލިބުން ކަމަށެވެ. ތައުލީމާއި ސިއްހަތާއި އަދި އިގްތިސާދީ ކަންކަން މާލެއާ އެއްފެންވަރެއްގައި ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް އަތޮޅުތަކުން ލިބިގެން ދިއުމަކީ އުންމީދު ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެކަމަށް މަގުފަހި ވެގެންދާނީ އެކަން ވެގެންދާނީ ކައުންސިލުތައް ބާރުވެރި ކުރެވިގެން. ކައުންސިލުތަކަށް ފުރިހަމަ މަގުތައް ފަހިކޮށްދެވިގެން." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރަތަމަ ފަށަލަ ފެށިގެން ދަނީ ކައުންސިލަރުންނާ ހަމައިންކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ކައުންސިލަރުން ޒިންމާދާރު ވާން ޖެހޭ ކަމަށެވެ. މައި ސަރުކާރުން ރައްޔިތުންނަށް ކިތަންމެ ވަރަކަށް ހިދުމަތް ކުރަން ބޭނުންވި ނަމަވެސް ކައުންސިލުތަކުން ޒިންމާ އަދާ ނުކުރާ ނަމަ ކަންކަން ނުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކަންކަން ކުރިއަށް ގެންދާއިރު މައިސަރުކާރާ ކައުންސިލަރުން ގުޅިގެން ކުރިއަށް ގެންދިއުމަށް އިމްރާން ވަނީ މިރޭ ގޮވާލާފަ އެވެ.

"ވަކިން ހާއްސަކޮށް މިއަންނަ އަހަރުފެށިގެން ދާއިރު ކައުންސިލުތަކަށް ލިބިގެންދާ ބާރުވެރިކަމާއި. ވަކިން ހާއްސަކޮށް މާލީ ފުދުންތެރިކަމަށްޓަކައި މިހާރުއްސުރެ ކުރިއާލާ ތައްޔާރުވުމަށް. އެކަމަށްޓަކައި ޕްލޭންތައް ތައްޔާރުކޮށް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގައި ހަރުދަނާ ނަމޫނާ ބަޔަކަށް ވުމަށް ކައުންސިލަރުންނަށް އިމްރާން އިލްތިމާސް ކުރެއްވި އެވެ.

comment ކޮމެންޓް