އެމްޑީޕީ ބައިބައިވާނެ ކަމެއް ނުކުރާނަން: ނަޝީދު

އެމްޑީޕީގެ ރައީސް ނަޝީދު--- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޑީޕީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށާއި، އަދި އެ ޕާޓީ ބައިބައިވެދާނެ ކަމެއްވެސް ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޔޫތު ކޮންގްރެސްގެ ހަވާސާގައި މިއަދު ދިޔަ ވޯކްޝޮޕެއްގައި ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އޮންނާނީ ވަރުގަދަކޮށް ކަމަށެވެ.

"މި ޕާޓީ ބައިވާނެ ކަމެއްވެސް އަޅުގަނޑު ނުކުރާނަން. މި ޕާޓީއަށް ގެއްލުންވާނެ ކަމެއްވެސް ނުކުރާނަން. މި ޕާޓީ އަބަދުވެސް މިގޮތަށް ގަދަކޮށް ބޮޑުކޮށް ވަރުގަދަކޮށް އޮންނާނެ،" މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މައްސަލައެއް ކުރިމަތިވެއްޖެނަމަ، މަޝްވަރާކޮށްް، ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީ ނޫން ޕާޓީއަކުން ނަޝީދު ފެނިގެން ހިނގައިދާނެތޯ ބައިވެރިއަކު ސުވާކު ކުރުމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ނޫން ޕާޓީއަކުން ނުފެންނާނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއްޗަކީ އެމްޑީޕީ ނޫން ޕާޓީއެއްގައި އަޅުގަނޑެއް ހަމަ ޔަގީން ނުހުންނާނެކަން، އެއަކު އަޅުގަނޑުގެ މައްސަލައެއްނެތް ކަރު ކަނޑާލިޔަސް ނުހުންނާނެ. ކޮންމެ ކަމެއް ވިޔަސް، އެކަމެއް އަޅުގަނޑު ނުކުރާނެ،" ނަޝީދު ވިދާޅުވިއެވެ.

މި ސެޝަންގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ބޭރުގެ އެހީ އެންމެ ބޮޑަށް ލިބިލެއްވީ އިނގިރޭސިވިލާތާއި ސްރީލަންކާއިން ކަމަށެވެ. ލަންކާގައި ކޮންމެ ސަރުކާރެއް އޮތްނަމަވެސް އެ ގައުމުގެ އެއްބާރުލުން ލިބިލެއްވި ކަމަށާއި ސިޔާސީ މަސައްކަތުގައި އެކުގައި އުޅުއްވި ބޭފުޅުންނަށާއި ރައީސް ނަޝީދަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ދިންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓިޕާޓީ އިލެކްޝަން ކާމިޔާބު ކުރެއްވި ރައީސް ވިދާޅުވީ ޑިމޮކްރަސީ ގެނެވޭނީ ގިނަ ބަޔަކު އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

"އަޅުގަނޑު ދެކެނީ ޑިމޮކްރެސީ ގެންނަން ވެއްޖެއްޔާ، ނުވަތަ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް، ވީހާވެސް ގިނަ ބަޔަކު މިކަމުގެ ތެރޭގައި ހިމަނަން އެބަޖެހޭ،" ހުރިހާ މީހުންނަކީ އެންމެ ޑިމޮކްރެޓިކް ތަނަށް ނުވެދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

comment ކޮމެންޓް