މުޑަހަންޖެއްގެ ބަނޑުގައި އޮތީ ދެ ޔޯގަޓް ތައްޓާއި ކަޕްނޫޑްލްސް ތައްޓެއް!

ޝިރުހާން ބޭނި މުޑަހަނދީގެ ގޮހޮރުން ފެނުނު ކުނި ނަގަނީ --

ހުސައިން ޝިރުހާން އާއި އޭނާގެ އެކުވެރިންނަކީ ރިސޯޓުތަކުން ލިބޭ އޯޑަރަށް މަސް ބާނަން ގޮސް އުޅޭ ބަޔެކެވެ. އާދައިގެ މަތިން އެފަދަ އޯޑަރެއް ލިބި، މިދިޔަ ހަފްތާގެ ތެރޭގައިވެސް އޭނާގެ ބޭބެ އާއި ރަހުމަތްތެރިޔަކު މަސް ބާނަން ދިޔަ އެވެ. އެ ދުވަހު އެ ތިން މީހުންނާ ލައްވާލީ އާންމު ކަމެއް ނޫނެވެ.

އެ ދުވަހު މަސް ބާނަމުން ގޮސް ޝިރުހާނަށް ބޭނުނީ ބަރުދަނުގައި ވިއްސަކަށް ކިލޯ ހުރި މުޑަހަންޖެކެވެ. ދިގުމިނުގައި ތިން ފޫޓު ހުރި އެ މަހުގެ ބޭރުފުށަށް ބަލާލާފައި އެއީ އާދައިގެ މަހެއް ނޫންކަން އޭނާއަށް ގަބޫލު ކުރެވުނެވެ.

"އޭތި އިންނަނީ ސިފަ ގެއްލިފައި. ވަރަށް މުސްކުޅި ގޮތަކަށް. އަހަރެމެން ހިތަށް އެރީ ހާދަ މުސްކުޅިއޭ. ކޮންމެވެސް ކަހަލަ ގޯހެއް އެބަ އުޅެޔޭ ހިތަށް އެރީ،" ޝިރުހާން ބުންޏެވެ.

ޝިރުހާން ބޭނި މުޑަހަނދި: އޭގެ ގޮހޮރުން ވަނީ ޕްލާސްޓިކް ކުނި ފެނިފައި ---

އެ މަސް އެ ހާލެއްގައި އޮތީ ކާނެ އެއްޗެއް ނުލިބިގެން ކަމަށް ބުނެ ޑިންގީގައި ތިބި ޝިރުހާންގެ ބޭބެ އާއި އެކުވެރިޔާ ސަމާސާ ކުރި އެވެ. އެކަމަކު، ރަނގަޅަށް ބަލައިލި އިރު މަހުގެ ބަނޑު އޮތީ ފުފިފަ އެވެ. އޭގެ ރޫފަ ނިކަން ރަނގަޅެވެ. ބަނޑު ފަޅާލައި ގޮހޮރު ބަލައިލި އިރު، ގޮހޮރުވެސް އޮތީ ފުއްޕާފަ އެވެ.

ގޮހޮރު އެހާ ބޮޑަށް ފުއްޕާފައި އޮތް ސަބަބެއް ބަލަން ވަޅިއަކުން ގޮހޮރު ފަޅާލުމުން ތިން މީހުންނަށްވެސް ލިބުނީ ހައިރާން ކަމެވެ.

"ފަޅާލި އިރު ކަމަކު ދާކަށް ނެތް. މިހިރީ ޔޯގަޓު ތަށީގެ ދެ ތައްޓާއި، ކަޕް ނޫޑްލްސް ތައްޓަކާއި، ސުޕާރީ ޕެކެޓާއި، ސިނގިރެޓު ފޮއްޓެއްވެސް އޮތް،" ޝިރުހާން ކިޔައިދިނެވެ.

އެ މަހުގެ ގޮހޮރުން ޕްލާސްޓިކާއި ކުނީގެ އިތުރުން ކުޑަކުޑަ ރޮނޑުތަކެއްވެސް ފެނުނުކަމަށް ޝިރުހާން ބުންޏެވެ. އެ ކުދި މަސްތައް ހުރީ ހަޖަމު ނުވެ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެ މަސްތައް ހަޖަމުނުވެ ހުރީ ގޮހޮރުގެ ތެރޭގައި ކުނި ގިނަވެ ފުރިގެން އެވެ.

ޝިރުހާނު ލަފާކުރާ ގޮތުގައި އެ މަހަށް ކެވިފައި ވަނީ ކައިރީގައި އޮންނަ ރިސޯޓަކުން މޫދަށް އަޅާ ކުންޏެވެ. ރިސޯޓުތަކުން ބޯޯޓުތަކުގައި ގޮސް މޫދަށް ކުނި އަޅާ މަންޒަރު ޝިރުހާނަށް މީގެ ކުރިން ހުރީ ފެނިފަ އެވެ.

"ރިސޯޓުތަކުން ޑަސްބިން އަޅާ ގަޑީގައި އަޅުގަނޑަށް ފެނިފައި ހުރީ ކުޑަ މުޑަހަނދިތައް އެ ކުނި ކާތަން،" ޝިރުހާން ބުންޏެވެ.

ޝިރުހާން ބޭނި މުޑަހަނދީގެ ގޮހޮރުން ފެނުނު ކުނި ނަގަނީ --

ރިސޯޓުތަކުން މޫދަށް ކުނި އަޅާ މައްސަލައަކީ މީގެ ކުރިން ފެންމަތިވެފައިވާ މައްސަލައެކެވެ. އެކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ތިމާވެށި ހިމާޔަތްކުރަން ވަކާލާތު ކުރާ މީހުން ފާހަގަކުރެ އެވެ.

ރާއްޖޭގައި މީގެ ކުރިން ޕްލާސްޓިކާއި ކުނި ކެވިފައި ހުރި މަސްތައް ފެނިފައި އެބަ ހުއްޓެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ފަހަކަށް އައިސް މިފަދަ ކަންކަން ފެނެ އެވެ. އެގޮތުން މަރުވެގެން ލެއްގި ބޮޑު މަހެއްގެ ބަނޑުން ގިނަ އަދަދެއްގެ ޕްލާސްޓިކް ފެނުނު ވާހަކައަކީ ވަރަށް ވައިރަލްވި ވާހަކައެކެވެ. މިފަދަ ކަންކަމަކީ އިންސާނުންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ހާމަވާ ކަމެއް ކަމަށް ތިމާވެއްޓަށް ލޯބިކުރާ މީހުން ބުނެ އެވެ.

މީގެ އިތުރުން، ޕްލާސްޓިކް ކެވިފައިވާ މަސް އިންސާނުން ކެއުމުން އޭގައި ހުންނަ ކެމިކަލްގެ އަސަރު އިންސާނުންނަށް ކުރުމުގެ ނުރައްކާ ވެސް ބޮޑެވެ. އެ ހުރިހާ ނުރައްކަލަކާ ހުރެ ރާއްޖެ ވެސް ހިމެނޭ ގޮތުން މުޅި ދުނިޔެވެސް އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކަށް ނޫނެކޭ ބުނަމުންނެވެ.

comment ކޮމެންޓް