ލޯންޗު ބަންޑުންޖަހައިގެން ފަރުވާ ދެމުންދިޔަ 3 މީހުން، ފަރުވާއަށް ފަހު ދޫކޮށްލައިފި

ހަނިމާދޫ ހޮސްޕިޓަލު ކައިރީ ބަޔަކު މަޑުކޮށްލައިގެން: ފަސް މީހުން ވެސް މިހާރު ވަނީ ދޫކޮށްލައިފައި --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު(އެއްޕަސް)

ހދ. ނޮޅިވަންފަރުން ފުރައިގެން ހދ. ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި އޭގެ ދަތުރު ކުރި ތިން މީހުން ފަރުވާ ދިނުމަށް ފަހު ހަނިމާދޫ ސިއްހީ މަރުކަޒުން ދޫކޮށްލައިފި އެވެ.

އިއްޔެ ހެނދުނު 11:40 އެހާކަންހާއިރު ބަންޑުން ޖަހާލި، "އައި ސްޕީޑް" ލޯންޗުން 10 މީހުން ދަތުރު ކުރި އިރު، އޭގެ ތެރެއިން ފަސް މީހުން ވަނީ މަރުވެފަ އެވެ. ފުރާނަ ސަލާމަަތްވި ނަމަވެސް ބާކީ ތިބި ފަސް މީހުންނަށް ހަނިމާދޫ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. ރޭ އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު، ދޫކޮށްލި އެވެ.

ހަނިމާދޫ ސިއްހީ މަރުކަޒާ ހަވާލާދީ، އެ ރަށު ކައުންސިލްގެ ރައިސް އަބްދުއްސަލާމް މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު އެ ހާދިސާގައި ގެއްލުންވެގެން ފަރުވާ ދެމުންދިޔަ ފަސް މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

"އެންމެ ފަހުން ފަރުވާ ދެމުންދިޔަ ތިން މީހުން މިއަދު ހެނދުނު ވަނީ މަރުކަޒުން ދޫކޮށްލާފައި. އެންމެންގެ ހާލުވެސް ރަނގަޅު،" އަބްދުއްސަމަދު ވިދާޅުވި އެވެ.

އިއްޔެ ހިނގި ހިތާމަވެރި ހާދިސާގައި، ފަސް މީހުންގެ ޖަނާޒާ ބާއްވާފައި ވަނީ ހަނިމާދޫގަ އެވެ. ޖަނާޒާއަށް ނޮޅިވަންފަރާއި މާލެ އިން ގިނަ ބަޔަކު ހަނިމާދޫއަށް ދަތުރުކުރި އެވެ.

ލޯންޗު ބަންޑުން ޖަހާލައި މަރުވެފައި ވަނީ، އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އިތުރު މީހެކެވެ. އެއް އާއިލާއެއްގެ ހަތަރު މީހުންނަކީ ދެމަފިރިން ކަމުގައިވާ، ހުސައިން އަބްދުﷲ (55އ)، އަހިމާގެ/ ނޮޅިވަރަންފަރު އާއި މަރިޔަމް މައުސޫމާ (48އ) އަހިމާގެ/ ނޮޅިވަރަންފަރު، އެ ދެމަފިރިންގެ ދަރި، ފާތުމަތު ގުރައިޝާ (30އ)، އަހިމާގެ/ ނޮޅިވަރަންފަރު އަދި ގުރައިޝާގެ ދަރި، އީރާ ހަސަން ޝީފާޒު (3) ސީވީޑް/ ނޮޅިވަރަންފަރު އެވެ. ހަތަރު މީހުންގެ އިތުރުން ދެން މަރުވެފައި ވަނީ، އައިޝަތު އަލީ (51އ) ވީނަސް/ ނޮޅިވަރަންފަރު އެވެ.

comment ކޮމެންޓް