ލޯންޗުން ސަލާމަތްވި މީހެއްގެ ދުލުން، ފަހު ވަގުތުކޮޅު!

އޮގަސްޓް 30، 2019: ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދުއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިގެން ނިޔާވި ފަސް މީހުންގެ ޖަނާޒާ -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ހދ. ނޮޅިވަރަންފަރާއި، ޖެހިގެން އޮންނަ ހަނިމާދުއާ ދެމެދު ކޮންމެ ދުވަހަކު ވެސް އެތައް ދަތުރެއް ކުރާ "އައި ސްޕީޑް" ލޯންޗު، އިއްޔެ ހެނދުނު 11:20 އެހާކަންހާއިރު ތައްޔާރުވީ އެ ދެ ރަށުގެ ދެމެދުގައި އެ ލޯންޗުން އިއްޔެ ކުރި ތިން ވަނަ ދަތުރަށެވެ. އޭރު ނޮޅިވަރަންފަރުގެ މޫސުން އޮތީ އާާދައިގެ ގޮތަކަށެވެ.

އެ ލޯންޗު ބަންޑުން ޖަހާލި ބާރުގަދަ ކޮޅިގަނޑު ލައްވާލީ ދަތުރުގެ މަންޒިލް ހަނިމާދޫގެ ދެކުނު ކޮޅާ ހިސާބުންނެވެ. ބާރުގަދަ ކޮޅިގަނޑު ލޯންޗާ އަރާ ހަމަވުމުގެ ކުރިން ސަލާމަތްވާނެ ފަސޭހަ މަގެއް ހޯދުމަށް، ލޯންޗު ދުއްވި، ހދ. ނޮޅިވަރަމް/މުނިޔާގެ، ސިރާޖު އަދުނާން (36އ)އަށް މަޖުބޫރުވީ، މިސްރާބު ބަދަލުކޮށް ހަނިމާދޫގެ ދެކުނު ކޮޅުން ފަޅުތެރެއަށް ވަންނާށެވެ. އެ ނިންމުން އޭނާ ނިންމީ، އެންމެ ފަސޭހައިން ހަނިމާދޫގެ ބޮޑު ފަޅުތެރެއަށް ވަދެ، ކޮޅިގަނޑުން ހިމާޔަތް ހޯދޭނީ އެގޮތަށް ކަމަށްވާތީ އެވެ.

ނަމަވެސް ލޯންޗަށް ވުރެ ބާރު ދުވެލީގައި ކޮޅިގަނޑު އައިސް، ލޯންޗާ އަރާ ހަމަކުރީ އެވެ. އަދި ކޮޅިގަނޑުގެ ބާރުގައި ބޮޑުވެ އުފެދެމުން ދިޔަ ރާޅުތައް ލޯންޗުގެ އެއް އަރިއަކަށް ބިންދަން ފެށީ އެވެ. ލޯންޗުގެ އެއްބިތަށް ޖެހި ބޮޑު ރާޅަކުން އަރައިނުގަނެވިގެން އުޅެނިކޮށް ނެގި ދެވަނަ ރާޅުގައި ލޯންޗު އެއް އަރިޔަކަށް އަރިއަޅާލައި ބަންޑުން ޖެހުނީ އެވެ. އެ ހާދިސާގައި މަރުވި ނޮޅިވަރަންފަރު/ އަހިމާގޭ/ ފާތިމަތު ގުރައިޝާ (30އ)ގެ ފިރިމީހާ ގެންދިޔައީ އޭނާގެ ފޯނަށް ގުޅަމުން އެވެ. އޭރުގަނޑިން ހެނދުނު 11:40 އެވެ. ނަމަވެސް އެ ފޯނު ނުނެގި އުޅެނިކޮށް ލޯންޗާ އެކު ގުރައިޝާ ވެސް ގަދަ ކަނޑުގެ ތެރެއަށް ގެނބިގެން ދިޔައީ އެވެ.

މި ހާދިސާގައި ނިޔާވި ފާތުމަތު ގުރައިޝާ (30އ)، އަހިމާގެ/ ނޮޅިވަރަންފަރު އަދި ގުރައިޝާގެ ދަރި، އީރާ ހަސަން ޝީފާޒު (3) ސީވީޑް/ ނޮޅިވަރަންފަރު އަދި ކުއްޖާގެ ބައްޕަ

މިއީ އިއްޔެ ފަސް މީހުންގެ މަރާ ކުރިމަތިލާން ޖެހުނު ހިތާމަވެރި ހާދިސާގެ ފެށުން، އެ ހާދިސާއިން ސަލާމްވި ފަސް މީހުންގެ ތެރެއިން ނޮޅިވަރަންފަރު/ރެޑް ރޯސް، މަރިޔަމް އާސިމާ (29އ) ކިޔައިދިން ގޮތެވެ.

އަދި ވެސް ކުއްލި ސިހުމެއްގައި ހުރި އާސިމާ އަންނަނީ އޭނާގެ ކޮއްކޮ މުހައްމަދު އާސިމްއަށް އެ ހާދިސާއިން އޭނާގެ ހަނދާނަށް މަޑުމަޑުން އަންނަ ވާހަކަތައް ކިޔައިދެމުން އެވެ. ދައްތަގެ އެ ވާހަކަތައް "ސަން" އާ އޭނާ ހިއްސާކުރި އެވެ.

"ލޯންޗު ފުރިއިރު [ކަނޑު] ވަރަށް މަޑު. އޭގެ ކުރިން ދެ ބުރު ޖަހައިފި ހަނިމާދުއަށް. ފަތިހު ބުރެއް، ހެނދުނު ބުރެއް. ކަނޑު ވެސް މަޑުކޮންނޭ [އޮތީ] ކައްޕިވެސް ބުނި. އެކަމަކު ދާ ކަހަލަ ދުވަހެއް ވެސް ނޫނޭ ކައްޕި ބުނިކަމަށް ވަނީ ފުރަމުން ވެސް،" 10 މީހުންނާ އެކު ދަތުރުކުރި ލޯންޗުން ޖާގަ ނުލިބުމުގެ ސަބަބުން އެ ދަތުރުގައި ބައިވެރި ނުވި އާސިމް ކިޔައިދިނެވެ.

"[ދައްތަ] ބުނާ ގޮތުން ހަނިމާދުއަށް ދިޔަ އިރު، ކޮޅިގަނޑެއްގައި ޖެހިގެން ކަނޑިންމައިން ވަންނަން ދިޔައީ. ވަނީ ރަށުގެ ކޮޅުން [ހަނިމާދޫގެ ދެކުނު ކޮޅުން]. ކަނޑު ގަދަވީމަ އާންމުކޮށް އެހެން ވަންނާނެ. ފަޅަށް ވަނީމަ ކަނޑު މަޑުވާނެތީވެ [ކައްޕި އެދިމާލުން ވަންނަން ހިފީ] ނަމަވެސް އެތަނަކީ ވަރަށް ގަދަ ތަނެއް ވަންނަ އިރު. ހަނިމާދޫ ދެކުނު ކޮޅުން ވަންނަން އުޅެނިކޮށް އެއް ރާޅުގައި ހިޔާގަނޑު އެއްކޮށް އަރިއަޅާލައިފައި ލޯންޗު ތެދުނުވެ އުޅެނިކޮށް، ދެވަނަ ރާޅު ޖެހީ،"

ލޯންޗު ބަންޑުން ޖަހާލީ ދެވަނަ ރާޅުންނެވެ.

"ދައްތަ ބުނީ އެއްވެސް ތަނެއް ނުފެނެޔޭ ފުރަތަމަ ބަންޑުން ޖަހާލުމުން. އެއްކޮށް އަނދިރި ވިއްޔޭ. އަތުގައި ވެސް ގައިގައި ވެސް ހިފަޔޭ މީހުން. ލޯންޗު ދަށުން ނިކުމެވުނު ގޮތެއް ނޭގެޔޭ. ނަރުތަކެއް ފެނުމުން އޭގައި ހިފައިގެން އެދިމާލުން ނިކުމެވުނީއޭ،" ލޯންޗު ބަންޑުން ޖަހާލުމާ އެކު އާސިމާ ލޯންޗު ދަށުގައި ތާށިނުވެ، ނުކުތް ގޮތް އާސިމް ކިޔައިދިނެވެ.

އޭރު އާސިމާއަށް ނިކުމެވުނީ، ލޯންޗުގެ ފަހަތުކޮޅުން ބުރަފައްޗާވީ ދިމާލަށެވެ. އޭރު ކައްޕި ސިރާޖުއާއިި ފަޅުވެރިޔާ، ނޮޅިވަރަންފަރު/ތޯތާގެ، އަލީ އާދަމް (43އ) ތަންކޮޅެއް ދުރުގައި އޮތް ކަމަށްވެ އެވެ. އަދި އިތުރު ދެމީހަކު ވެސް މަތީގައި އޮތް މަންޒަރު އާސިމާ އަށް ފެނުނެވެ. އޭރު ވެސް ރާޅުތައް ބިންދަމުން ދިޔަ އިރު، ބާކީ ތިބި ފަސް މީހުން އޭނާއަކަށް ނުފެނުނެވެ.

ސަލާމަތްވި މީހުންނަށް ތެލުގެ އަސަރުކޮށްފައި!

އާސިމާ ލޯންޗުގެ ދަށުން ނުކުމެ، ފެނުން މައްޗަށް އެރި ވަގުތު ތެލުގެ އަސަރު ވަރަަށް ބޮޑަށް ކޮށްފައި ހުއްޓެވެ. އިންޖީނާ ދިމާލުން މުޅި އެ ސަރަހައްދުގައި އޮތީ ތެލެވެ. އާސިމާ އޮތީ އިންޖީނުގެ ބުރަފައްޗާ ދިމާލުން ލޯންޗުގެ ތަންގަނޑެއްގައި ހިފަހައްޓައިގެން އެވެ. އޭރު ފަހަރަކު މީހަކު މައްޗަށް އަރާތަން އާސިމާއަށް ފެނެ އެވެ. ބައެއް މީހުންގެ ހަރަކާތް ހުއްޓިފައި އޮތް ހަށިގަނޑު މައްޗަށް އެރިއިރު އަނެއް ބަޔަކު ފެން މައްޗަށް އަރައި ފުން ނޭވާއެއްލުމަށް ފަހު އަވަހަށް އައިސް ލޯންޗުގެ ހިފުނުތަނެއްގައި ހިފައި އޮޅުލައިގަންނަނީ އެވެ.

"ހުރިހާ ދަތުރުވެރިންގެ މޫނުތައް ހުރީ ތެލުގެ ސަބަބުން ވަރަށް ބޮޑަށް އަނދާފައި. އެ މީހުންގެ އަތުން ވެސް ވަނީ ހަން ނޮޅިފައި،" އާސިމް ކިޔައިދިނެވެ. "ބޮޑަށް ބެލެވެނީ، މަރުވެގެން ދިޔަ މީހުން މަރުވީ، ތެޔޮ ބޮވިގެން ނޫނީ އަގަތެރަޔަަށް ތެޔޮ ދިޔުމުގެ ސަބަބުން [ކަމަށް]،"

ހަނިމާދޫ ސިއްހީ މަރުކަޒާ ހަވާލާދީ އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، ސަލާމަތްވި ފަސް މީހުންނަށް ވެސް ކޮންމެވެސް ވަރަކަށް ތެލުގެ އަސަރު ކޮށްފައިވާ ކަމަށާއި ފިހިފައި ހުރިކަމުގެ ނިޝާންތަކެއް ވެސް ހުރި ކަމަށެވެ.

ބޮޑު ޓީޗަރު މަރުވީ ޝޮކެއްގައި!

ހާދިސާގައި ނިޔާވި އާއިލާގެ ބައްޕަ ހުސައިން އަބްދުﷲ(55އ) އައިހާގެ/ހދ. ނޮޅިވަރަންފަރު (ބޮޑު ޓީޗަރި): އޭނާގެ އަންހެނުންނާއި ހަމައެކަނި އަންހެން ދަރިފުޅު އަދި ކާފަ ދަރިފުޅުވެސް ވަނީ މި ހާދިސާގައި މަރުވެފައި --

ލޯންޗު ބަންޑުން ޖަހާލުމަށް ފަހު އިރުކޮޅެއްތެރޭގައި ނޮޅިވަރަންފަރު ސުކޫލުގެ "ބޮޑު ޓީޗަރު"، ހުސައިން އަބްދުﷲ (55އ) މައްޗަށް އެރި މަންޒަރު އާސިމާއަށް ފެނުނެވެ. ބޮޑު ޓީޗަރު މައްޗަށް އެރީ ލޯންޗުގެ ކުރީކޮޅުންނެވެ. އަދި ބޮޑު ޓީޗަރު ފެނުމުން ކައްޕި ސިރާޖު އޭނާ އަތުލަފިކޮށްގެން ގެނެސް ލޯންޗުގެ ފެންޑަރު ކައިރީގައި ބޭއްވިކަމަށް، އާސިމާގެ ކޮއްކޮ ބުންޏެވެ.

އޭރު ވެސް ބޮޑު ޓީޗަރުގެ އަންހެން ދަރިފުޅު ފާތިމަތު ގުރައިޝާ އާއި އޭނާގެ ތިން އަހަރުގެ ކާފަދަރި، އީރާ ހުސައިން ޝިފާޒު އާސިމާއަށް ނުފެނެ އެވެ. ނަމަވެސް ބޮޑު ޓީޗަރުގެ އަންހެނުން، ނޮޅިވަރަންފަރު/އަހިމާގެ، މަރިޔަމް މައުސޫމާ(48އ) ހަށިގަނޑު ގެބިގެން މަރުވެ މައްޗަށް އަރާފައިވާތަން އާސިމާއަށް ފެނުނެވެ.

"އޭރު ބޮޑު ޓީޗަރުގެ އަންހެނުން ކުރިމަތީ އޮތް މަރުވެގެން މައްޗަށް އަރާފައި ބަންޑުން. އޭރު ބޮޑު ޓީޗަރަށް [އެމަންޒަރު ފެނައިފައި] ކެތްނުވީ. އޭނަ އެއްބުރު އަޑިއަށް ވެސް ފީނިކަމަށް ވެސް ވަނީ. ފީނުމުން އޭނާގެ ދަރިއާއި ކާފަ ދަރި ފެނުނު ކަމެއް ނުފެންނަ ކަމެއް ނޭނގެ،" އާސިމާގެ ވާހަކަތަކުގެ އަލީގައި އާސިމް ކިޔައިދިނެވެ.

ލޯންޗް ބަންޑުން ޖަހާލައިގެން މަރުވި، (ވ-ކ) ހުސެއިން އަބްދުﷲ، އޭނާގެ އަންހެނުން މަރިޔަމް މަނިކެ އަދި ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ.

ބޮޑު ޓީޗަރު އަޑިއަށް ފީނުމަށް ފަހު އެރި ވަގުތު މޫނުމަތިން ހާސްކަމާއި ސިހުން، އާސިމާއަށް ފެނުނެވެ.

"ދައްތަ ބުނަނީ، ހީވަނީ ފީނާލި ގަޑީގައި އަނެއް ދެމީހުން ވެސް [ދަރިފުޅާއި ކާފަދަރިފުޅު] ފެނިގެން ހާސްބޮޑުވެ، ދެލޯ ބޮޑުވެ ޝޮކެއް ޖެހުނު ކަހަލަ ގޮތެއް ވީހެން. ދައްތަމެން ހިފަހައްޓައިގެން ތިއްބާ އެއްފަހަރު ފުންނޭވާއެއް ލާފައި ހަބަރު ހުސްވީ،" އާސިމާއަށް ދާދި ގާތުން ފެނުނު މަންޒަރުތައް އޭނާގެ ކޮއްކޮ ކިޔައިދިނެވެ. ބޮޑު ޓީޗަރު މަރުވެ ދިޔައީ ވެސް އާސިމާގެ ކުރިމަތީގަ އެވެ.

ދެ އަންހެނުން ސަލާމަތްވީ ޝުކޫރުގެ ހިތްވަރުން!

އާސިމާގެ އިތުރުން ލޯންޗުގައި ދަތުރުކުރި ދ. ކުޑަހުވަދުއަށް އުފަން އެ ރަށު ފޮގެޓްމީނޯޓް، އައިޝަތު ޝެހެނާޒް(29އ) ސަލަމާތްވީ، ނޮޅިވަރަންފަރު/ ވީނަސް، އަބްދުލް ޝުކޫރުގެ ހިތްވަރުންނެވެ. އެ ދެ އަންހެނުން އަޑިޔަށް ނުގޮސް އޮތީ ޝުކޫރުގެ ގައިގައި ހިފެހެއްޓުމުގެ ސަބަބަބުން އެވެ. ޝޫކުރު ދެ މީހުންގެ ފުރާނަ ސަލާމަތްކުރި އިރު، އޭނާގެ އަންހެނުން ނޮޅިވަރަންފަރު/ ވީނަސް، އާއިޝަތު އަލީ(51އ) ހިމެނެނީ މަރުވި ފަސް މީހުންގެ ތެރޭގަ އެވެ. އަންހެނުން އާއިޝަތު އަލީގެ ހަރަކާތް ނެތް ހަށިގަނޑު ފެނުން މަތީގައި އޮތްތައް ޝުކޫރަށް ފެނުނެވެ.

"ޝުކޫރު އޮތީ ލޯންޗުގެ އިންޖީނު އަޅުވާ ހިސާބުގައި އޮންނަ އަޑި ތަންގަނޑުގައި ދެފަރާތަށް ދެފައި ބާލައިގެން ދެ އަންހެނުން ހުރީ ޝުކޫރުގެ ގައިގައި ހިފަހައްޓައިގެން. އޭރު އޭނާގެ އަންހެނުން ގެނބިގެން މަރުވެ އޮޔާދާ މަންޒަރު އޭނާ ފެނޭ،" އާސިމް ބުންޏެވެ.

ލޯންޗު މިހާރު އޮތް ހާލަތު: ލޯންޗު ބަންޑުޖަހާލައި ފަސް މީހަކު ވަނީ މަރުވެފައި --

އެންމެން ސަލާމަތްކުރަން ކައްޕި މަސައްކަތްކުރި!

އާސިމާ ކިޔައިދިން ގޮތުގައި ލޯންޗު ބަންޑުން ޖަހާލުމުން އެންމެން ސަލާމަތްކުރުމަށް ކައްޕި ސިރާޖު ވަރަށް މަސައްކަތް ކުރި އެވެ. މައްޗަށް ނާރާ ތިބި މީހުން ހޯދަން ފީނައިގެން ވެސް އެ މީހުން ފެނޭތޯ ކައްޕި މަސައްކަތް ކުރި އެވެ. އަދި ސަލާމަތުން ފެން މައްޗަށް އަރަމުން ދިޔަ މީހުން ގެނެސް ލޯންޗު ކައިރީގައި އެމީހުން ބޭތިއްބި އެވެ.

ކަނޑުގަދަކަމުން ލޯންޗުގެ ދެފަރާތުގައި ސަތަރި ދަމާފައި ހުރުމުން ލޯންޗުގެ ތެރެއިން ނިކުމެވޭނެ ގޮތެއް ފުރަތަމަ އެކަކަަށް ވެސް ނުވި އެވެ. އެކަމަކު ކައްޕި، ސިރާޖް ވަރަށް މަސައްކަތުން ސަތަރިގަނޑު ފޫއަޅުވާލީ އެވެ. ގިނަ މީހުން ނިކުތީ އެ ބާގަނޑުގެ ތެރެއިން ދެމިގަނެގެން އެވެ.

ނިޔާވި ފަސް މީހުންގެ ޖަނާޒާ ހަނިމާދޫގައި ބޭއްވުން: ނިޔާވީ ލޯންޗުން ދަތުރު ކުރި އެއް އާއިލާގެ ހަތަރު މީހަކާއި އިތުރު އަންހެނެއް -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ގެއްލުނު ލޯންޗު ބަންޑުން ޖަހާލިކަން އެނގުނީ ކައްޕި ސިރާޖު ވެސް ހަނިމާދުއަށް ފަތާފައި ގޮސް އަރާ އެ ހަބަރު ދިނުމުންނެވެ. އެ ހިސާބުން މީހުން ހޯދުމުގެ މަސައްކަތް ހަނިމާދޫގައި ތިބޭ ސިފައިންނާއި އާންމުން ގުޅިގެން ފެށި އެވެ.

"ކައްޕި ހަމަ ވީވަރަކުން އެންމެން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ކަމަށް ދައްތަ [އާސިމާ] ބުނި. އެންމެ ފުކެއް ވެސް ކައްޕި ދުލެއް ނުކުރި. ހާދިސާގެ ވާހަކަ ދެންތިބި މީހުންނަށް އެންގުމަށް އެއްގަމަށް ދިޔައީ ވެސް އެންމެން ކައިރީ އަހާފައި ކަމަށް ދައްތަ ބުނި،" އާސިމް ބުންޏެވެ.

comment ކޮމެންޓް