ކުރު ދަތުރެއް، ހިތްދަތި ނިމުމެއް، އެތައް ފިލާވަޅެއް!

ލޯންޗް ބަންޑުން ޖަހާލައިގެން މަރުވި ފަސް މީހުންގެ ޖަނާޒާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

"ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ހޭލާކަން ނުވޭތަ. ފަސިންޖަރުން އުފުލާ ކަނޑުއުޅަނދުތަކުގައި ދަތުރުކުރާ ފަސިންޖަރުން ލައިފްޖެކެޓް އެޅުމަކީ ނުވަތަ އެޅުވުމަކީ ލާޒިމް ކަމެއްކަމުގައި ހަދާފައި އޮތްނަމަ މިއަދު އެދިމާވި ފަދަ ހާދިސާއެއްގައި އެވަރު ނުވީސް،" އިއްޔެ ހދ. ނޮޅިވަރަންފަރުން ފުރައިގެންގެ އެރަށާ ޖެހިގެން އޮންނަ ހަނިމާދޫއަށް ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލައި ފަސް މީހުން މަރުވި ހާދިސާއާ ގުޅިގެން "ސަން" ގެ ހަބަރަކަށް ކިޔުންތެރިޔަކު ހިޔާލުފާޅުކުރި އެވެ.

އިއްޔެ މުޅި ރާއްޖެ ސިއްސުވާލީ ލޯންޗް ބަންޑުން ޖަހާލައި، ތިން އަހަރުގެ އަންހެން ކުއްޖަކާއި އެ އާއިލާގެ ތިން މެންބަރަކާ އަދި އިތުރު އަންހެނެއްގެ މަރުގެ ހިތާމަވެރި ހަބަރުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ އިން އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނިކޮށް ދަތުރުކުރި ލޯންޗަށް ޖެހި ރާޅަކާއެކު ފަސް ފުރާނަ މިދުނިޔެއާ ވަކިވާން ޖެހުން އެއީ އާދައިގެ ކަމެއް ނޫނެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ.

ބޯމަތިވަމުން ދިޔަ ކޮޅިގަނޑަށް ބެލުމެއް ނެތި 10 މިނެޓްގެ ދަތުރަކަށް ނިކުތް އެ ލޯންޗްގެ ދަތުރުވެރިން ތިބީ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެ މީހުންގެ ލައިފް ޖެކެޓެއް ނެތެވެ. އެއީ ކިތަންމެ ކުރު ދަތުރެއް ނަމަވެސް އެ ދަތުރުން ފަސް މީހުންގެ ހަޔާތުގެ ދަތުރު ކުރުކޮށްލަން ޖެހުނީ، ކުޑަ ހިދުކޮޅެއްގެ ތެރޭގައި ބިންދާލި އެ ރާޅުންނެވެ.

ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި 23 ފޫޓު ހުރި "އައި ސްޕީޑް" ލޯންޗް 10 މިނެޓުން ދެވޭހާ ކައިރީގައިވާ ހަނިމާދުއަށް ކުރި ދަތުރުން، ފަސް މީހަކު މަރުވެގެން ދިޔުން މި ވަނީ ހިތްދަތި ކަރުނައިން ފުރިގެންވާ ނިމުމަކަށެވެ. މި ހިތާމަވެރިން ހާދިސާއިން ދިވެހިންނަށް އިއްޔެ ނަގައިދިނީ އަނެއްކާ ވެސް ބޮޑެތި ފިލާވަޅުތަކެކެވެ. ފަސް މީހުންގެ ކުއްލި މަރު މުޅި ރާއްޖެއާ ބައްދަލު ކުރީ އެތައް އިބުރަތްތަކަކާ އެކު ދިވެހި ހޭލައްވާލަމުން އެވެ. އެތައް ބަހުސެއް ފަށަމުން އެވެ.

އިއްޔެ ބަންޑުން ޖަހާލި ލޯންޗް -- ފޮޓޯ/ އެމްއެންޑީއެފް

"ކަނޑު ކިރިޔާ ވެސް ގަދަކަމަށް ވަންޏާމުން، ލައިފްޖެކެޓް ފަދަ ފްލޯޓިން ޑިވައިސް އެއް އަޅައިގެން ތިބުމުގެ މުހިއްމުކަން މި އެނގެނީ. ކިތަންމެ ކުޑަ ދަތުރެއް ނަމަވެސް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅު ނޭޅިއްޖެ ކަމަށްވަންޏާ ވަރަށް ހިތާމަވެރި ހާދިސާއެއް ދިމާވެދާނެކަން މީގެ މި ފާހަގަ ކުރެވަނީ،" އިއްޔެގެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުހައްމަދު ސަލީމް ވިދާޅުވި އެވެ.

ދިވެހިން ކަނޑަށް ކިތަންމެ ގަދަ ނަމަވެސް، މޫސުން ގޯސް ދުވަސް ދުވަހު ދަތުރު ކުރުމަކީ އެހާ ލުއިކޮށް ނަގާވަރުގެ ކަމެއް ނޫނެވެ. ކާނަލް ސަލީމް ވިދާޅުވި ގޮތުގައި، ކަނޑުގަދަ ދުވަސް ދުވަހު ކުދި އުޅަނދުތަކުގައި މާކަނޑަށް ނުކުތުމަކީ، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެކަން ކުރަން ދިވެހިން އާދަވެފައި ތިއްބަސް، އަދި ކަނޑުމަތީގައި ހިތާމަވެރި ބޮޑެތި ހާދިސާތައް ކިތަންމެ މަދު ނަަމަވެސް، ސަލާމަތީ ފިޔަވަޅުތައް ނެތި ދަތުރަށް އެރުމަކީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަކަށް ވައްޓާލުމެކެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް މުޙައްމަދު ސަލީމް ލޯންޗް ހާދިސާއާ ގުޅޭ މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ކުޑަވަގުތުކޮޅެއްގައި ހިނގާ ކަމެއްގައި އަމިއްލަ ފަރުދުން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅައިކަމުގައިވާ ނަމަ ހިތާމަވެރި ހާދިސާއެއް ކުރިމަތިވުމަކީ ގާތްކަމެއް. އެހެން ވީމާ، އަމިއްލަ ފަރުދުންގެ ލެވަލްގައި ނަގަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅު ނެގުން އައީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެއް،" ކާނަލް ސަލީމް ވިދާޅުވި އެވެ.

އެ ހާދިސާގެ ހިތާމައިގައި ސޯޝަލް މީޑިއާޔަށް ހިޔާލުފާޅު ކުރަން ނިކުތް އެތައް ބަޔަކު ކުރި ސުވާލަކީ އެންމެން ކަނޑުވި އިރުވެސް، ލައިފް ޖެކެޓް ކޮބައި ހެއްޔެވެ؟ ކަނޑުމަތީގައި ހާދިސާތަކުގައި ފުރާނަ ސަލާމަތްކޮށްދޭ އެންމެ މުހިންމު އާލާތަކީ ލައިފްޖެކެޓާއި ރިންގެވެ. އެއީ އެންމެ އަސާސީ ވަސީލަތެވެ.

"ލައިފްޖެކެޓް އަޅެނާޅާތަ އެކަކުވެސް. އެހެން ނޫނީ ފުރާނަ ސަލާމަތްވީސް ކަން ނޭނގެ. ހެލްމެޓް އަޅަން ޖެހޭ ގޮތަށް އެބަ ޖެހޭ ލައިފްޖެކެޓް އެބަ ޖެހޭ މަޖުބޫރު ކުރަން. އެހެން ނޫން ނަމަ މިކަހަލަ ހާދިސާތަކުގައި އެތައް ބަޔަކު އަދިވެސް މަރުވުމުގެ ފުރުސަތު އޮންނާނެ،" ސޯޝަލް މީޑިއާގައި ހިޔާޅުފާޅުކުރި އާންމު މީހަކު ބުންޏެވެ.

އެމްއެންޑީއެފްއިން އިއްޔެ އާންމުކުރި މައުލޫމާތުތަކުން ޔަގީން ކުރެވޭ ގޮތުގައި ކަނޑުމަތިން ނެގި އެއްވެސް މީހަކު ލައިފް ޖެކެޓް އަޅާފައެއް ނެތެވެ. ބައެއް މީހުންގެ ނަޒަރުގައި ލައިފް ޖެކެޓް އަޅައިގެން ތިބި ނަމަ ބައެއް މީހުން މަރުނުވެ ސަލާމަތް ކުރެވޭނެ އެވެ.

ލޯންޗް ބަންޑުން ޖަހާލައިގެން މަރުވި، (ވ-ކ) ހުސެއިން އަބްދުﷲ، އޭނާގެ އަންހެނުން މަރިޔަމް މަނިކެ އަދި ދެމަފިރިންގެ ހަމައެކަނި އަންހެން ދަރިފުޅު ގުރައިޝާ އަބްދުﷲ

އެމްއެންޑީއެފްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ކާނަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި، ލައިފް ޖެކެޓް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ދިވެހިން ނުދެކެ އެވެ. އަދި އެއީ ދިވެހިން އަޅާލާ ކަމެއް ވެސް ނޫނެވެ.

އެކަމަކު، ކިތަންމެ ކުރު ދަތުރެއް ނަމަވެސް ލައިފްޖެކެޓް އަޅަން ޖެހެނީ ފުރާނައިގެ ރައްކަލަށް ޓަކަ އެވެ. އެކަމަކު އެކަން ވިސްނޭން ދިވެހީންނަށް މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ. އެކަމާ މެދު ދިވެހީން ވިސްނާނީ ކިތައް ފުރާނަ އަދި ގެއްލިދާ ފަހުން ހެއްޔެވެ.

"ކުދި އޯޕަން އައުޓްބޯޑް ލޯންޗްތަކުގައި ނުވަތަ ޑިންގީގައި ލައިފް ޖެކެޓް އަޅައިގެން ތިބެން ގާނޫނަކުން މަޖުބޫރު ކުރަން ޖެހޭ ކަމަށް ދެކެން. ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރި ވާން ޖެހޭ،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.

ކަނޑު ދަތުރުތަކުގައި މިހާރު ލައިފް ޖެކެޓް ބޭނުން ކުރަނީ ރިސޯޓްތަކަށް ޓޫރިސްޓުން އުފުލާ ދަތުރުތަކުގަ އެވެ. ނޫނީ ފުލުހުންނާއި ސިފައިން ކަނޑުމަގުން ކުރާ ދަތުރުތަކުގަ އެވެ. އެހެން ނޫނީ ލައިފް ޖެކެޓް އެޅުމަކީ ދިވެހީން ކުރާ ކަމެއް ނޫނެވެ.

ޓްރާސްޕޯޓް އޮތޯރިޓީއިން އިއްޔެ ބުނި ގޮތުގައި، ދަތުރުވެރިން ލައިފްޖެކެޓް އެޅުވުމަކީ އުޅަނދުގެ ކެޕްޓަންގެ ޒިންމާ އެކެވެ. އެކަމަކު އެއްވެސް ގާނޫނެއްގައި ސީދާ ބަހުން އެކަން މަޖުބޫރެއް ނުކުރެ އެވެ. އެކަމަކު މިހާރު އޮތް ހަމައެކަނި ގޮތަކީ ގާނޫނަކުން ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރުމެވެ. ލައިފް ޖެކެޓް އަޅަން ބާރު އެޅުވުމެވެ.

އިބްރާހިމް ދީދީ އިތުރަށް ހިޔާލު ފާޅުކުރައްވަމުން ވިދާޅުވި ގޮތުގައި ފަތަން އެނގުމަކުން ހަމައެކަނި ނުފުދެ އެވެ. ނުރައްކާތެރި ހާދިސާތައް ހިނގާނީ ބުނަފައެއް ނޫނެވެ. އަދި ކިތަންމެ މޮޅަށް ފަތަން ދަންނަ ކަނޑުދަތުރު ކުރަން މޮޅު މީހެއް ހުއްޓަސް ރައްކާތެރި ކަމުގެ ފިޔަވަޅު ނާޅާ ނަމަ، އެފަދަ ހާލަތުގައި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ އެވެ.

މޫސުން ގޯސްވެ ދުވަހެއްގައި ކަނޑުމަތި. -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިއްޔެގެ ހާދިސާގައި ވެސް ދިމާވީ އެކަހަލަ ގޮތެކެވެ. ލޯންޗް ދުއްވަން ހުރީ އެ ދޭތެރޭ ދަތުރުކުރާތާ އެތަކެއް ޒަމާންވީ ތަޖުރިބާ ބޮޑު ކައްޕިއެކެވެ. އެކަމަކު ފަސް މީހެއްގެ ފުރާނަ ގެއްލިގެން އިއްޔެ އެ ދިޔައީ އެކަށީގެންވާ ވަރާ ގާތަށް ވެސް ސަލާމަތީ ފިޔަވަޅުތައް ނޭޅުނީމަ އެވެ. ކަމާ ބެހޭ ފަރާތްތަކުން ނެރޭ އިންޒާރުތަކަށް ސަމާލު ނުވެވުނީމަ އެވެ. މޫސުމާ ބެހޭ އިދާރާއިން ނެރޭ އިންޒާރުތައް ކުޑަކަމެއްގެ ގޮތުގައި ދެކެވޭ ދެކުން ދޫކޮށްލަން ވެއްޖެ އެވެ.

ދިވެހިންނަށް އަބަދުވެސް ފިލާވަޅެއް ލިބެނީ، ބޮޑު ހާދިސާއެއް ދިމާވެ، ބައެއްގެ ފުރާނަ ގެއްލުނީމަ އެވެ. ކަފިހިހުރަހުގެ މުހިންމުކަން ދިވެހިންނަށް ވިސްނުނީ، އެކްސިޑެންޓެއް ހިނގައި އަންހެނަކުގެ ކޯމާއަށް ދިޔައިމަ އެވެ.

ނޮޅިވަރަންފަރާއި ހަނިމާދުއާ ދެމެދު އިއްޔެ ކުރި ދަތުރަކީ ވެސް ކުރު ދަތުރެކެވެ. އެކަމަކު އެ ދަތުރުގެ ނިމުން ކިތަންމެހާ ވެސް ހިތްދައްޗެވެ. އެ ހިތްދަތި ނިމުމުން އެތައް ފިލާވަޅުތަކެއް ނަގައިދީފި އެވެ. ކަނޑުމަތީގެ ރައްކާތެރި ކަމަކީ ކުޑަކަމެއް ނޫނެވެ. އެއީ އަޅާނުލާ ދޫކޮށްލާ ވަރުގެ ކަމެއް ނޫނެވެ.

comment ކޮމެންޓް