ހަނިމާދުއަށް މޯލްޑިވިއަންގެ އުދުހުންތައް އަލުން ފަށައިފި

މޯލްޑިވިއަން ފުލައިޓެއް: އަލުން އުދުހުންތައް ވަނީ ފަށައިފައި --- ފައިލް ފޮޓޯ

މޫސުން ގޯސްވެގެން ހަނިމާދޫ އެއާޕޯޓަށް ހުއްޓާލި، ގައުމީ އެއާލައިން މޯލްޑިވިއަން ދަތުރުތައް އަލުން ފަށައިފި އެވެ.

މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ހަނިމާދުއަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް މެދުކަނޑާލިކަން މިއަދު މެންދުރު މޯލްޑިވިއަން ވަނީ އިއުލާންކޮށްފަ އެވެ.

މޯލްޑިވިއަން ކުރި ޓްވީޓެއްގައި ބުނީ، ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް މިހާރު ފަށާފައިވާ ކަމަށެވެ.

މިއަދު އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައިވަނިކޮށް، ހދ. ނޮޅިވަންފަރުން ފުރައިގެން ހަނިމާދޫ އެއާޕޯޓަށް ދަތުރު ކުރި ލޯންޗެއް ބަންޑުން ޖަހާލައި ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފަ އެވެ. އެގޮތުން 23 ފޫޓު ހުރި އެ ލޯންޗުގައި ދަތުރުކުރި، 10 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފަ އެވެ. މަރުވެފައި ވަނީ އެއް އާއިލާއެއްގެ ހަތަރު މީހުންނާއި އިތުރު އަންހެނެކެވެ. އެއް އާއިލާއެއްގެ ހަތަރު މީހުންނަކީ ދެމަފިރިންނާއި އެ މީހުންގެ ކާފަ ދަރިއެއް އަދި އެ ކުއްޖާގެ މަންމަ އެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ލޯންޗުން ދަތުރުކުރި މީހުން ތިބީ ލައިފް ޖެކްޓް ނާޅަ އެވެ. ކިތަންމެ ކުރު ދަތުރެއް ނަމަވެސް ލައިފް ޖެކެޓް އެޅުމަށް އެމްޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކަނޑުމަތީގެ ހިތަމަވެރި ހާދިސާއެއް މިއަދު ހިނގާފައިވާއިރު ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކޮށް މޫސުމަށް ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން:

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވޭ.
  • ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ.
  • ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ.
  • އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ.
  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާ 55 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ.
  • ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ، އެހެން ސަރަހައްދުތައް އާންމުކޮށް ވެސް ގަދަވާނެ
comment ކޮމެންޓް