އެމްޑީޕީ ޔޫތު ކޮންގްރެސްގެ ހަވާސާގައި މުހިންމު ހަރަކާތްތަކެއް

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދލަުވުމުގެ ތެރެިން -- ފޮޓޯ/ އެމްޑީޕީ

މި ހަފްތާ ބަންދުގައި އެމްޑީޕީގެ ފުރަތަމަ ޒުވާނުންގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ކޮންގްރެސްގެ މައި ބައްދަލުވުމުގެ ކުރިން ހަވާސާގައި މުހިންމު ހަރަކާތްތަކެއް ހިނގާނެކަން އެ ޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިތްވަރު ގޮފިން އިންތިޒާމުކުރާ ޒުވާނުންގެ ކޮންގްރެސް ހުޅުމާލޭ ހުރަވީ ސްކޫލުގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ހިނގަމުންނެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީން ބާއްވާ ޔޫތު ކޮންގްރެސްގެ ޑިރެކްޓަރު އައިކް އަހްމަދު އީސާ މިއަދު ވިދާޅުވީ ކޮންގްރެސްގެ ހަރަކާތްތައް މާދަމާ މެންދުރު ފެށުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނެއްގެ މައްޗަށް އެކުލެވޭ ވޯކްޝޮޕަކުން ކަމަށެވެ.

"ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު"ގެ މައްޗަށް އޮންނަ ފުރަތަމަ ސެޝަން ނަންގަވައިދެއްވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެވަނަ ސެޝަނަކީ ސަރުކާރުގެ ސިޔާސަތުތަކާ ބެހޭގޮތުން، ރައީސް އޮފީހުގެ ޕޮލިސީ ޑިރެކްޓަރު އަދި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ކުރީގެ ރައީސާ އައިމިނަތު ޝައުނާ ނަންގަވައިދެއްވާ ސެޝަނެކެވެ.

އައިކް ވިދާޅުވި ގޮތުގައި ތިންވަނަ ސެޝަނަކީ އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ތިން އަހަރުގެ ތަސައްވަރެއް އެކުލަވާލުމަށްޓަކައި އޮންނަ ސެޝަނެކެވެ.

"ޒުވާނުންގެ ގޮފި ކުރިއަށް އޮތް ތިން އަހަރު ދުވަހު މަސައްކަތް ކުރާނެ ގޮތުގެ ތަސައްވަރެއް ކަނޑައެޅުމަށް ކޮންގްރެސްމަނުންގެ ޚިޔާލާ އެއްކޮށް ސެޝަން ކުރިއަށް ދާނީ. މި ތަސައްވަރު ހޮނިހިރު ދުވަހު ފާސްކުރާނެ،" އޭނާ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ޕެނަލްގައި ހިމެނެނީ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުޅާދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު ހިސާން ހުސައިން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

"އަޅުގަނޑުމެންގެ އާ ގަވައިދާއެކު ޒުވާނުންގެ ގޮތްޕަށް އިތުރުވާ ސަބް ކޮމިޓީތަކަކާށް ރިއާއަތްކޮށްފައި ޕެނަލިސްޓުން ހޮވާފައިވަނީ. އެބޭފުޅެއްގެ އޭރިއާ އޮފް އެކްޕަޓީސްއަށް ވާހަކަ ދައްކަވާނެ،"

ކޮންގްރެސް ޑިރެކްޓަރު ވިދާޅުވީ އެ ދާއިރާތަކުގެ އިތުރުން، ޒުވާނުންނަށް ދިމާވާ ގިނަ ކަންކަން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސިޔާސަތުތައް ކަނޑައެޅި ހައްލު ކުރެވޭނެ ކަމަށެވެ. އަދި ޚާއްސަކޮށް ރައޔްިތުންގެ މަޖިލީހުގެ ދެ ބޭފުޅަކު ޕެނަލްގައި ހިމެނީ މަޖިލީހުގެ ތެރެއިން ޒުވާނުންނަށް ހާސިލުކޮށްދޭން އެދޭ ކަންކަން ފާހަގަކޮށް ހޯދުމަށް ކަމަށެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގެ ރަސްމީ ބައިތައް އޮންނާނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ހެނދުނު އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ކޮންގްރެސްގެ މައި ބައްދަލުވުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރުއެވެ.

އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި 403 ފަރާތަކުން ބައިވެރިވުމަށް ޝަރުތު ހަމަވާކަމަށް އެމްޑީޕީން ބުންޏެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެއް ވަޒީރާއި މަޖިލީހުގެ ހަތް މެމްބަރަކާއި 147 ކައުންސިލަރުންވެސް ހިމެނެއެވެ.

comment ކޮމެންޓް