ކުޑަކުދިންނަށް އަދުލުގެ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް: ކުޑަކުދިންގެ އަދުލުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭނާ -- ފައިލް ފޮޓޯ/ މަޖިލިސް

ކުޑަކުދިންނަށް ހާއްސަ އިސްލާހީ މަރުކަޒުތަކެއް ހަދަން ލާޒިމު ކުރާ ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވައިފި އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުންގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު އެވެ. އެ ބިލް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެ ވަޑައިގަތް 66 މެންބަރުން ވެސް ވަނީ ވޯޓު ދެއްވާފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް އަދި ކަރެކްޝަނަލް މަރުކަޒެއް ގާއިމް ކުރަން ޖެހޭނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ބިލުގައި ވަނީ ބުނެފަ އެވެ.

އަދި އެ މަރުކަޒުތައް ހިންގުމުގައި ކުޑަކުދިންގެ ރައްކާތެރި ކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ގުޅިގެން އެކަން ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ. އަދި މިނިސްޓްރީއިން އެ މަރުކަޒުތައް ގާއިމް ކުރުމުގެ އިތުރުން އަމިއްލަ ފަރާތަކުން އެފަދަ މަރުކަޒެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފި ނަމަ އެފުރުސަތު ދޭންވާނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކުދިންނަށް ހާއްސަ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ގާއިމް ކުރަން ވާނެ ކަމަށް އެ ބިލުގައި ވަނީ ބުނެފަ އެވެ.

ކުޑަކުދިންގެ އަދުލުގެ ބިލުން ކުށުގެ ތުހުމަތު ކުރެވޭ ކުއްޖާއަށް ނުވަތަ ހުކުމެއް ތަންފީޒު ކުރަމުންދާ ކުއްޖާއަށްވެސް ގިނަ ހައްގުތަކެއް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ކުއްޖާގެ ކަރާމާތް ގެއްލޭ ފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ

comment ކޮމެންޓް