ފަސް އަހަރު ތެރޭ ޓޫރިޒަމަށް އެންމެ ބޮޑު ކުރިއެރުމެއް މިއަހަރު

ރިސޯޓެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ: --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފާއިތުވި ފަސް އަހަރަށް ބަލާއިރު ފަތުރުވެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެމްއެމްޕީއާރުސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ބަލާއިރު ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމަކީ 2013 އިން ފެށިގެން މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އެގޮތުން މި މުއްދަތުގައި ރާއްޖޭގެ ޓޫރިޒަމް 19 ޕަސެންޓް ކުރިއަށް ޖެހިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގައި ބޭއްވި ފެއާއެއްގައި ރާއްޖޭ އިޝްތިހާރު ކުރަނީ- ފޮޓޯ: އެމްއެމްޕީއާރުސީ

"ފުރަތަމަ ހަ މަސްތެރޭ މި އައި ބަދަލަށް ބަލާއިރު، މިދިޔަ ފަސްއަހަރުގެ ތެރޭ އައި އެންމެ ރަނގަޅު ގްރޯތެއް މިއަހަރުގެ ފުރަތަމަ ހާފް ތެރޭގައި އައިސްފައި މިވަނީ. އެއީ 19 ޕަސެންޓްގެ ގްރޯތެއް. މިއީ 2010 ވަނަ އަހަރުން ފެށިގެން ފުރަތަމަ ހަ މަސް އެންމެ ރަނގަޅަށް ގޮސްފައިވާ އަހަރު. މިއަހަރުގެ ޖެނުއަރީ އިން ޖޫން އަށް 19 ޕަސެންޓުގެ ގްރޯތެއް މިދިޔަ އަހަރާ އަޅާބަލާއިރު އައިސްފައިވޭ،" ތޮއްޔިބު ވިދާޅުވި އެވެ.

ފަތުރުވެރިން ދަތުރުކުރާ ގޮތްތަކަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބަދަލުއައިސްފައިވާކަމަށް ތޮއްޔިބު ފާހަގަކުރެއްވި އެވެ.

އެންމެ ރަނގަޅު ކުރިއެރުން ހޯދި މާކެޓްތައް:

  • އިޓަލީ: 33 ޕަސެންޓުގެ ކުރިއެރުމެއް
  • ޖަރުމަނު: 19.7 ޕަސެންޓުގެ ކުރިއެރުމެއް
  • އިނގިރޭސިވިލާތް: 12.6 ޕަސެންޓްގެ ކުރިއެރުމެއް

އިޓަލީ މާކެޓަށް އައިސްފައިވާ ބޮޑު ކުރިއެރުމަކީ އެގައުމުގެ އިގްތިސާދަށް އަންނަ ހެޔޮ ބަދަލާއި، އެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ޕީއާރު ފާމްތައް މެދުވެރިކޮށް ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

މީގެ އިތުރުން އިންޑިއާ މާކެޓަށް ބަލާއިރު ފާއިތުވި ހަ މަސްތެރޭ 100 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

"އަދިވެސް މަސައްކަތް ހުއްޓައެއް ނުލަން، މި ބަދަލު ހިފެހެއްޓޭތޯ މި ބަލަނީ. އެންމެ އުނދަގޫވާނީ މި ކުރިއެރުން ހޯދާފައި މި ގޮތުގައި ހިފެހެއްޓުން،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ ފުރަތަމަ ހަ މަސްތެރޭ އިންޑިއާ އިން 82،140 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

އަދިވެސް ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތީ ޗައިނާ ކަމަށާއި އެ މާކެޓުން އަންނަ ފަތުރުވެރިން މިދޭތެރެއިން މަދުވި ނަމަވެސް އަނެއްކާވެސް އިތުރުވެއްޖެކަން ތޮއްޔިބު ފާހަގަ ކުރެއްވި އެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ 140،265 ފަތުރުވެރިން ޗައިނާ އިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

މާބޮޑު މަސައްކަތެއް ނުކުރިނަމަވެސް އޮސްޓްރޭލިއާ އަދި އެމެރިކާ މާކެޓަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވަމުންދާ މާކެޓެއް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭ އޮސްޓްރޭލިއާ އިން 20،084 ފަތުރުވެރިން އައިސްފައިވާއިރު 27،684 ފަތުރުވެރިން އެމެެރިކާ އިން ރާއްޖެ އައިސްފައިވާކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

"މާ ބޮޑު މަސައްކަތެއް ނުކުރި ނަމަވެސް އެރައިވަލްސް ފިގާސް އިން މި ގްރޯތް ފެންނަން ފަށައިފި. މިކަމަށް އަޅުގަނޑުމެން އިތުރު ސަމާލުކަމެއް ދޭން އެބަޖެހޭ. މުސްތަގުބަލުގައި އަޅުގަނޑުމެންގެ ސްޓްރެޓެޖީތަކުގައި މި ދެ މާކެޓަށް ވިސްނަން އެބަޖެހޭ،" ތޮއްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޕްރޮމޯޝަން ހަރަކާތްތައް:

  • 12 މާކެޓެއްގައި، 15 ފެއާގައި ބައިވެރިވެފައި
  • 13 މާކެޓެއްގައި ފަސް ރޯޑް ޝޯ ކުރިއަށް ގެންގޮސްފައިވޭ
  • 13 މީޑިއާ ފޭމް ޓްރިޕްސް
  • މިޝަންތަކާއި އެމްބަސީތަކާއެކު އިތުރު ހަރަކާތްތައް
  • އެކި ސަރަހައްދުތަކުގައި ތިބޭ ޕީއާރު އެޕްރެޒެންޓޭޓިވުންނާ ގުޅިގެން 11 ހަރަކާތެއް
  • 12 ޖޮއިންޓް ޕްރޮމޯޝަން
  • ބޭރުގެ މުހިއްމު ކުންފުނިތަކާއެކު ދެ ކެމްޕެއިން
  • ޑެސްޓިނޭޝަނެއްގެ ގޮތުގައި އަށް އެވޯޑު
  • ހަ ނެޓްވޯކިން ޓްރިޕް
  • 12 އެންޑޯޒްމެންޓް
  • ގެސްޓްހައުސްތަކަށް ޓްރެއިނިން ޕްރޮގްރާމް

މިހާރު ކުރިއަށްދާ މަސައްކަތަކީ އަންނަ އަހަރަށް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި، އަންނަ އަހަރަށް ޕްލޭން އެކުލަވާލާއިރު، މިއަހަރު ރަނގަޅަށް ކުރެވުނު ކަންތައްތަކާއި ގޯސްކޮށް ކުރެވުނު ކަންތައް ބަލައި، ގޯސްކޮށް ކުރެވުނު ކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

މިއަހަރުގެ ކުރިއަށް އޮތް ދުވަސްތަކަކީވެސް ރާއްޖެ ޕްރޮމޯޓު ކުރުމަށް ގިނަ ހަރަކާތްތައް ހިންގާނެ ދުވަސްތަކެއް ކަން ތޮއްޔިބު ފާހަގަ ކުރެއްވިއެވެ. އެގޮތުން ގިނަ ފެއާތަކަކާއި ރޯޑް ޝޯ ތަކުގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް