އިންސްޕެކްޝަނެއް ހެދުމަށް ބުރިޖުގެ ހުޅުލެ-މާލެ ލޭން ބަންދުކުރަނީ

ސިނަމާލެ ބުރިޖު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސިނަމާލެ ބުރިޖު ބޭނުންކުރާތާ އެއް އަހަރު ވުމާ ގުޅިގެން ބުރިޖުގެ އެނުއަލް އިންސްޕެކްޝަން ހެދުމަށް، ބުރިޖުގެ މާލެ އިން ހުޅުލެއަށް ދާ ދެ ލޭން ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުލެ-މާލެ ދެ ލޭން ބަންދު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހާއި، ހޮނިހިރު ދުވަހުގެ އިތުރުން ސެޕްޓެމްބަރު ހައެއް ވާ ހުކުރު ދުވަހު ކަމަށެވެ.

މި ދުވަސްތަކުގައި ދެ ލޭން ބަންދު ކުރާނީ ހެނދުނު 08:00 ން މެންދުރު 14:00 ށް ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

ޓްރާންސްޕޯޓުން ބުނީ ބުރިޖު ބަންދުކުރެވޭ ގަޑިތަކުގައި ހުޅުލެ އިން މާލެ އަށް އަންނަ ލޭން ވަގުތީ ގޮތުން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއް އެ ލޭނުން ދުއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ބުރިޖު މަތިން ދަތުރުކުރުމަށް ގެނެވުނު ބަދަލުތަކާއި އެއްގޮތަށް އަމަލުކުރުމަށާއި އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

comment ކޮމެންޓް