މާއުނގޫދޫ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމަށް ނިންމައިފި

ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް---ފޮޓޯ: މާއުނގޫދޫ ކައުންސިލް

ށ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމްގެ އިތުބާރު ނެތް ކަމަށް އެރަށު ކައުންސިލްއިން ނިންމައިފި އެވެ.

އެ ރަށު ކައުންސިލްގެ މެމްބަރު، މުހައްމަދު އިބްރާހިމް "ސަން" އަށް ވިދާޅުވީ ސަލީމް ކައުންސިލްގެ ޒިންމާތައް އަދާކުރުމުގައި ފަރުވާ ކުޑަކުރާކަން ފާހަގަކުރެވި އަދި އޭނާގެ މައްޗަށް ޖިނާއީ ކުށެއް ވެސް ދާދި ފަހުން ސާބިތުވެފައިވާ ކަމަށެވެ.

ސަލީމް ކައުންސިލްއަށް ހޮވި ވަޑައިގަތީ ޕީޕީއެމްގެ ސްލޮޓެއްގަ އެވެ. ނަމަވެސް އޭނާ ފަހުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މާއުނގުދޫ ކައުންސިލްގައި ދެން ތިއްބަވަނީ މުޅިން ވެސް ޕީޕީއެމްގެ ބޭފުޅުންނެވެ.

ސަލީމްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

އިބްރާހިމް ވިދާޅުވީ ސަލީމްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އެކަން ލޯކަލް ގަވާމަންޓް އޮތޯރިޓީއަށް ވެސް މިހާރު އަންގައިފައިވާ ކަމަށެވެ. ނަމަވެސް އަދި ޖަވާބެއް ނުލިބޭ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 121 ވަނަ މާއްދާގައި ބުނާ ގޮތުން ކައުންސިލްގެ ރައީސް އަދި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ މީހަކު މަގާމުން އިސްތިއުފާ ދޭންޖެހެ އެވެ. އަދި ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރެވުނު ނަމަވެސް ކައުންސިލްގެ މެންބަރުކަން ނުގެއްލޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.

comment ކޮމެންޓް