ހިޒްބުﷲ ގެ އިންޒާރާއެކު އިސްރާއީލު ސިފައިން ކުއްލި ހާލަތަށް ގެނެސްފި

ނަތަންޔާހޫ

ޓެލްއަވީވް (އޮގަސްޓް 28): އިސްރާއީލުން ލުބްނާނާދެކޮޅަށް ހިންގި އުދުވާނަށް ރައްދު ދޭނެކަމުގެ އިންޒާރު ހިޒްބުﷲ އިން ދިނުމާއެކު އެކަމާ ކުރިމަތިލުމުގެ ގޮތުން ސިފައިން ތައްޔާރީ ހާލަތަށް ގެނަސްފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ލުބްނާނާއި އިސްރާއީލުގެ ސަރަހައްދީ ރޮނގުގެ ކައިރީގައާއި އިސްރާއީލު ވެރިވެގެންފައިވާ ސޫރިޔާގެ ގޯލާންގެ ބިންތަކުގައިވާ އިސްރާއީލުގެ ސިފައިން ކުއްލި ހާލަތަށް ގެނަސްފައިވާ ކަމާއި އެނޫންތަންތަނުގައި ތިބި އިސްރާއީލު ސިފައިންގެތެރޭގައިވެސް ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން މިދިޔަ އާދީއްތަ ދުވަހު ތިން ޑްރޯން ބޭނުންކޮށްގެން ލުބްނާނަށް އުދުވާނީ ހަމަލާތަކެއް ދީފައިވެއެވެ. އޭގެތެރެއިން އެއްޑްރޯން ވައިގެ ތެރޭގައި ގޮވައި ކުދިކުދިވެފައިވާއިރު ދެވަނަ ޑްރޯން ވަނީ ލުބްނާނުގެ ހިޒްބުﷲ ގެ އޮފީހެއްގެ ކައިރިއަށް ވެއްޓިފައެވެ. ތިންވަނަ ޑްރޯނުން ހަމަލާދިނީ ލުބްނާނުގައި މަރުކަޒުކޮށްފައިވާ ފަލަސްތީނު މުޖާހިދުންގެ ޖަމާއަތެއްކަމަށް ޕޮޕިއުލާ ފްރަންޓްގެ މަޒުކަޒަކަށެވެ.

ބައިރޫތުގެ ކައިރިއަށް ވެއްޓުނު ދެ ޑްރޯންއަކީ އަމިއްލައަށް ވެއްޓިގަނެގެން ހަމަލާދޭ ބާވަތުގެ ދެޑްރޯން ކަމަށް ހިޒްބުﷲ އިން ބުނެއެވެ. މި އުދުވާނާ ގުޅިގެން ހިޒްބުﷲ ޖަމާއަތުގެ ލީޑަރު އައްޝައިޚް ހަސަން ނަސްރުﷲ ވަނީ އިސްރާއީލުގެ ކޮންމެތަނަކަށްވެސް ރައްދު ހަމަލާދީ އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު ލުބްނާނަށް އޮތްކަމަށް ވިދާޅުވެ އެކަމަށް ތައްޔާރުވެ ތިބުމަށް އިސްރާއީލަށް އިންޒާރު ދެއްވާފައެވެ.

ނަސްރުﷲ ވިދާޅުވީ އިސްރާއީލުގެ އަސްކަރީ ބޯޓުތަކުން ލުބުނާނުގެ ވައިގެ ސަރަހައްދަށް ބޭނުންއިރަކުވަދެ ގޮސް ބޮން އެޅި ޒަމާން މާޒީވެފައިވާ ކަމަށާ އިސްރާއީލުން ލުބްނާނަށް ދޭ ކޮންމެ އުދުވާނަކަށް ހިޒްބުﷲ އިން ރައްދު ދޭނެކަން ޚުދު އިސްރާއީލުގެ ހަރުކަށި ވެރިންނަށް އެނގޭނެ ކަމުގައެވެ. އިސްރާއީލުގެ އުދުވާނާ ގުޅިގެން ލުބްނާނުގެ ރައީސް މިޝައިލް އަވްން ވަނީ ލުބްނާން ސަރުކާރުގެ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ.

އެބައްދަލުވުމުގައި އަވްން ވިދާޅުވީ އިސްރާއީލުގެ އުދުވާންގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ހައްގު ލުބްނާނަށް ލިބިފައިވާ ކަމަށާ އަމިއްލަ ނަފްސު ދިފާއުކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ލުބްނާނުން އަޅާނެ ކަމުގައެވެ. މިއާއެކު އދ. ގައި ހުންނަވާ ލުބްނާނުގެ ދާއިމީ މަންދޫބު ވަނީ އިސްރާއީލުން ދިން އުދުވާނުގެ މައްސަލައިގެ ޝަކުވާ އދ. އަށް ހުށަހަޅުއްފައެވެ.

އިސްރާއިލުން އާދީއްތަދުވަހު ލުބްނާނަށް ދިން ހަމަލާއަކީ އިސްރާއީލާއި ހިޒްބުﷲއާ ދެމެދު 2005 ވަނަ އަހަރު ހިނގި ހަނގުރާމަ އަށްފަހު އިސްރާއީލުން ލުބްނާނާދެކޮޅަށް ހިންގި ފުރަތަމަ އުދުޥާނެވެ. 2005 ވަނަ އަހަރު އިސްރާއީލާއި ހުޒްބުﷲ އާ ދެމެދު ހިނގި ހަނގުރާމައިގާ ހިޒްބުﷲ ވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ ކައިރީގައިވާ އެތަށް އަވަށަކަށާ އިސްރާއިލުގެ އެތަށް ސިޓީއަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ.

ހިޒްބުﷲ މިސައިލް ހަމަލާތައް ހުއްޓުވުމުގައި އިސްރާއިލު ނުކުޅެދިފައިވާއިރު އިސްރާއީލުގެ އެތަށް ހާސްބަޔަކުވަނީ އެމީހުންގެ ވިލެޖްތަކާއި ރަށްތައް ދޫކޮށް ރެފިއުޖީންގެ ގޮތުގައި އިސްރާއީލުގެ ދުރު ހިސާބުތަކަށް ހިޖްރަކޮށްފައެވެ.

އިސްރާއީލުން އެހަނގުރާމަ ފެށީ ހިޒްބުﷲ ވުޖޫދުން ފުހެލާނެކަމުގެ އިންޒާރާއެކުގައި ކަމަށްވިޔަސް ހަނގުރާމަ ހުއްޓާލަން އިސްރާއީލަށް މަޖްބޫރުވީ ހަނގުރާމަ ފެށިއިރަށްވުރެ ވަރުގަދަ ހާލަތުގައި ހިޒްބުﷲ ވަނިކޮށެވެ. އަދި ހިޒްބުﷲ ގެ މިސައިލްތައް އިސްރާއީލުގެ ކަންކޮޅުތަކަށް އަރަމުންދިޔައިރު އެއިން ސަލާމަތްވުމަށް ނުކުޅެދިފައިވާ ހާލަތުގައެވެ. ނަމަވެސް އިސްރާއީލަކީ އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު އެންމެގިނައިން ހުރި އަދި މެދުއިރުމަތީގައިވާ އެންމެ ބާރުގަދަ ލަޝްކަރުކަމަށް ބުނާ ލަޝްކަރު އޮންނަ ގައުމެވެ.

އެއަށްފަހު މިވީ 13 އަހަރު ތެރޭގައި ލުބްނާނަށް ކުޑަވެސް ގޯނާއެއްކުރަން، އިސްރާއީލަށް ކެރިފައެއްނުވެއެވެ.

އިސްރާއީލުން އާދީއްތަ ދުވަހު ލުބްނާނަށް ދިން އުދުވާނަށް ރައްދޭނެކަމަށް ހިޒްބުﷲ ބުނުމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ ވަނީ ކަންބޮޑުވެ ވަޑައިގެން ރުޅި މަޑުކުރެއްވުމަށާއި މައިތިރިވުމަށް ހިޒްބުﷲ ގެ ލީޑަރު ނަސްރުﷲ އަށް ގޮވާލައްވާފައެވެ.

ތަނަންޔަހޫ ލުބްނާނަށް ހަމަލާދިނީ އިސްރާއީލުގެ އިންތިޚާބަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި އިސްރާއީލުގެ ބާރުދައްކާލައިގެން ރައްޔިތުންގެ ތާއިދު ހޯދުމުގެ އުންމީދުގައި ކަމަށްވިޔަސް ހިޒްބުﷲ އިސްރާއީލަށް ދޭން ތައްޔާރުވާ ހަމަލާއިން އިސްރާއީލަށް ކުޑަވެސް ގެއްލުމެއް ލިބިއްޖެނަމަ ރައްޔިތުންގެ ތާއީދު ގެއްލިދާނެކަމުގެ ބިރު ނަތަންޔަހޫ އިހްސާސް ކުރައްވަމުން ގެންދަވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް