ސޯޝަލް ޕްރޮޓެކްޝަން ސްކީމުން ފައިދާ ކުރޭތޯ ބަލަން ޝިދާތާ ގޭގެއަށް

މިނިސްޓަރު ޝިދާތާ ޝަރީފް ގޭގެއަށް ޒިޔާރަތް ކުރުން --- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ސަރުކާރުން ކުރިއަށް ގެންދާ ސްކީމްތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ފައިދާކުރާ މިންވަރު ދެނެގަތުމަށްޓަކައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ގޭގެއަށް ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން މިއަދު މިނިސްޓަރު ވަނީ މާލެއާއި ވިލިމާލޭގެ ހަތަރު ގެއަކަށް ޒިޔާރަތް ކުރައްވައިފައެވެ. މިނިސްޓަރާއެކު މިނިސްޓްރީން އެކުލަވައިލައިފައިވާ އިންޓަވެންޝަން ކޮމިޓީގެ މެންބަރުން ވެސް ވަނީ ބައިވެރިވެފައެވެ.

އިންޓަވެންޝަން ކޮމިޓީއަކީ ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ދެނެގަނެ، އެ ބާވަތުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން އުފައްދައިފައިވާ ކޮމިޓީއެކެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ މި ޒިޔާރަތް ހާއްސަކުރެވިފައި ވަނީ ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ގޮންޖެހުންތައް ހުރި މާލީ ތަނަވަސްކަން ކުޑަ، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެކަނި ދަރިން ބަލަހައްޓާ ފަރާތްތައް ދިރިއުޅޭ އާއިލާތައް ދިރިއުޅޭ ގެތަކަށް ކަމަށެވެ.

ސަރުކާރުން ކުރިއަށް ގެންދާ ސޯޝަލް ޕްރޮޓެކްޝަން ސްކީމްތައް:

- މެޑިކަލް ވެލްފެއާ އާއި ހުސްނުވާ އާސަންދަ ސްކީމް

- އުމުރުން ދުވަސްވީ މީހުންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

- ދާންމަތިވެފައިވާ ދޮށީ އުމުރުގެ މީހުންނަށް ކުރިއަށް ގެންދާ ހޯމް ވިޒިޓިން ޕްރޮގްރާމް

- ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

- ފަގީރު ހާލަތުގައި ދިރިއުޅެމުން މައިން ބަފައިންގެ އެހީތެރިކަމެއް ނެތި ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް

- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

- ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް

ޖެންޑާ މިނިސްޓްރީ އިން ބުނީ މިހާރު ފަށާފައިވާ ޒިޔާރަތްތަކުގެ ސަބަބުން މި ސްކީމްތަކުން އާއިލާތަކަށް މަންފާކުރާ މިންވަރު ދެނެގަތުމާއި، މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ ހައްލު ކުރެވިގެންދާނެ ކަމަށެވެ.

މީގެ ކުރިން ބާޒާރުމަތީ ސަރަހައްދުގައި ބައެއް މީހުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ ސަލާންޖަހާކަން ފާހަގަކުރެވިގެން މިނިސްޓަރު ޝިދާތާ ވަނީ އެފަރާތްތަކާ ބައްދަލުކޮށް، ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައިފައެވެ.

އެގޮތުން ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުތު ހަމަވާ، އެހެން ނަމަވެސް މިހާތަނަށް އެފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް އެލަވަންސްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެލަވަންސް ލިބޭނެ މަގުފަހިކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެއެވެ.

ހަމައެއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ ގުޅުވައިދިނުމާއި، ވަޒީފާ ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދީފައިވެއެވެ.

އަދި އާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ އާއިލާތަކާ ވާހަކަދައްކައިގެން، އެފަދަ މައްސަލަތައް ހައްލުކުރުމާއި، އާއިލާއާ ހަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުނެއެވެ.

comment ކޮމެންޓް