އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ތިނަދޫ ކައުންސިލްގެ ރައީސް މަގާމުން ވަކިކޮށްފި

ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުން ވަކި ކުރެވުނު އިބްރާހިމް އައްސަދު --- ފޮޓޯ: އައްޑޫ ލައިވް

އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަސްއަދު އެ މަގާމުން ވަކިކޮށްފި އެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ފަސް މެންބަރުން ތިއްބަވާ ތިނަދޫ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އަސްއަދު ވަކި ކުރުމަށް ފާސްކޮށްފައިވަނީ ހަތަރު މެންބަރުންގެ އިއްތިފާގުންނެވެ.

ތިނަދޫ ކައުންސިލްގެ މެންބަރު އަލީ އަމްޖަދު 'ސަން' އަށް ވިދާޅުވީ، މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި އޮތީ ރައީސްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމުން ކަމަށާއި އެ ޖަލްސާ ފައްޓަވައި ދެއްވީ ވެސް ރައީސް ކަމަށެވެ.

"ޖަލްސާ ފައްޓަވައި ދެއްވާފައި އަމިއްލަ ކަމެއްގައި ރައީސް ނިކުމެވަޑައިގަތީ ބޭރަށް. ދެން ބައްދަލުވުން ކުރިއަށް ގެންދެވީ ކައުންސިލްގެ ނައިބް ރައީސް. ހުރިހާ މެންބަރުންގެ އިއްތިފާގުން ރައީސް ވަކި ކުރުމަށް ފާސްކުރީ،" އަލީ އަމްޖަދު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް މަގާމުން ވަކި ކުރީ ވަކި މީހަކު އެ މަގާމަށް ގެނައުމަށް ނޫން ކަން އަމްޖަދު ފާހަގަ ކުރެއްވިއެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ކައުންސިލް އެހެން މެންބަރުންނާ އޮންނަ ގުޅުން ކުޑަވުމާއި މަޝްވަރާ ނުކުރުންކަން އަމްޖަދު ފާހަގަ ކުރެއްވި އެވެ.

"ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކަކީ ވަކި ކަމެއް. އެޖެންޑާ ކުރެވިގެން ކުރިއަށް ގެންދާ ބައްދަލުވުންތަކެއް. އެ ބައްދަލުވުންތަކުގައި އެކަނި ކައުންސިލް ރައީސްއާ މަޝްވަރާ ކުރެވެނީ އެއީ ވަކި ކަމަކަށް. އެއީ ނޫން ދެއްތޯ ލާމަސީލް ގޮތަށް ކައުންސިލް ހިންގުމަކީ،" އަލީ އަމްޖަދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 121 ވަނަ މާއްދާގައި ބުނާ ގޮތުން ކައުންސިލްގެ ރައީސް އަދި ނައިބްރައީސްގެ މައްޗަށް އިތުބާރު ނެތްކަމަށް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ އެ މީހަކު މަގާމުން އިސްތިއުފާ ދޭންޖެހެއެވެ. އަދި ކައުންސިލްގެ ރައީސް ނުވަތަ ނައިބުރައީސް ކަމުގެ މަގާމުން ވަކި ކުރެވުނު ނަމަވެސް ކައުންސިލްގެ މެންބަރުކަން ނުގެއްލޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެއެވެ.

comment ކޮމެންޓް