އިންފޮމޭޝަން ކޮމިޝަނަރުކަމަށް މީހަކު ހޮވުމުގައި އާންމުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލިސް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކާ ބެހޭގޮތުން އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ފޮނުވި ނަންތައް މަޖިލީހަށް ފޮނުވުމުން، 29 ޖުލައިގައި އެ ނަންތައް ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ރައީސް ފޮނުއްވި ނަންތަކަކީ:

  • ފިޔާޒު މޫސާ، އަތަމާގެ، ތ. ވިލުފުށި
  • އަހުމަދު ފަޔާޒް ހަސަން، މ. ހާޒާރީވިލާ، ކ. މާލެ
  • އަހުމަދު އާހިދު ރަޝީދު، ހ. ގުރުވަ، ކ. މާލެ
  • ފާތިމަތު ސައުސަން، މ. ވެންކޫވަރ، ކ. މާލެ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރަން ފޮނުވި ނަންތަކާ ބެހޭގޮތުން އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ އެ މަޖިލީހުގެ ގަވައިދުގެ 201 ވަނަ މާއްދާގެ (ރ)ގެ ދަށުން އިއުލާނުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ އެ ނަންތަކާ ބެހޭގޮތުން ޝަކުވާއެއް އޮތް ނަމަ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން މަޖިލީހުގެ ކޮމިޓީތަކުގެ މެއިލް އެޑްރެސް ([email protected])އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވައިދޭން އެދޭ ކަމަށެވެ.

އެންމެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރު، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެ މަގާމަށް އައްޔަން ކުރީ 2014 ޖުލައި 22 ގައެވެ. މި އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުން އެ މަގާމު މިހާރު އޮތީ ހުސްކޮށެވެ.

comment ކޮމެންޓް