އެމެރިކާ އާއި ތާލިބާނުން ސުލްހައިގެ އެެއްބަސްވުމެއްގައި ސޮއިކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތާލިބާނުންގެ ލީޑަރު މައުލަވީ ހިބަތުﷲ އަޚުން ޒާދާ

ދައުޙާ (އޮގަސްޓް 27): އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން އެމެރިކާއާއި ތާލިބާނުން ތައްޔާރުވަމުން ދާކަމަށް ތާލިބާނުން ބުނެފިއެވެ.

ތާލިބާނުންގެ ތަރްޖަމާން ސުހައިލް ޝާހީން ބުނީ އަފްޣާނިސްތާނުގައި ސާދަމަސްދުވަހުގެ އިންތިގާލީ މަރްހަލާއެއް ގާއިމް ކުރުމަށާއި އެ އިންތިގާލީ މަރްހަލާ ގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން އެއްކޮށް ބޭލުމަށް ގަތަރުގެ ވެރިރަށް ދައުޙާގައި ކުރިޔަށްގެންދާ އަފްޣާން ސުލްޙައިގެ ނުވަވަނަ ބުރުގެ ވާހަކަތަކުގައި އެމެރިކާއާއެކު އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އާދެވިއްޖެ ކަމުގައެވެ. މިހާރު ކުރިޔަށްދަނީ މިއެއްބަސްވުން ފުރިހަމަކޮށް އޭގެ ދެލިކޮޕީ އެކުލަވާލުމުގެ މަސައްކަތް ކަމަށްވެސް ޝާހީން ބުންޏެވެ.

ގަތަރު މެދުވެރިއެއްގެބައި އަދާކޮށްގެން އެގައުމުގެ ވެރިރަށް ދައުޙާގައި ކުރިޔަށްގެންދާ އަފްޣާން ސުލްޙައިގެ ނުވަވަނަ ބުރުގެ ވާހަކަތައް ފެށުނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އަފްޣާން ސުލްޙައިގެ ނުވަވަނަ ބުރުގެ ވާހަކަތަކުގައި އެމެރިކާއާއި ތާލިބާނުންވަނީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށްޓަކައި 14 މަސްދުވަހުގެ އިންތިގާލީ މަރްހަލާ އަކަށް މިދިޔަ ހޮނިހިރުދުވަހު އެއްބަސްވެފައެވެ. މިހާރު އެމެރިކާގެ މަންދޫބުންނާއި ތާލިބާނުންގެ މަންދޫބުން މަޝްވަރާ ކުރަމުން ގެންދަނީ އިންތިގާލީ މަރްހަލާގައި ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމުގެ މަސައްކަތެވެ.

ތާލިބާނުންގެ ކުރިމަތީގައި އެމެރިކާ ދޫދޭންޖެހުނީ އެޖަމާއަތުގެ ހަރުކަށި ކަމާއި ގޮތް ދޫނުކުރުމުގެ އިތުރުން އެޖަމާއަތުގެ ހަނގުރާމަވެރިންގެ ނުބައިކަމާ އަދި ހިއްވަރުވެސް ގަދަކަމުންނެވެ. ތާލިބާނުން އަފްޣާން އާންމުންނަށް ހަމަލާދީ ޓެރަރިޒަމްގެ އަމަލުތައް ހިންގާއިރު އެމެރިކާއަކީވެސް އަފްޣާން އާންމުންނަށް ހަމަލާދީ ގަސްދުގައި ޓެރަރިސްޓް އަމަލުތައް ހިންގާ އަނިޔާވެރި ހަރުކަށި ގައުމެކެވެ.

ތާލިބާނުންވަނީ ސުލްހައިގެ އެއްބަސްވުން ފައިނަލް ކުރުމުގެ ކުރިން އެމެރިކާ ސިފައިން އަފްޣާނިސްތާނުން އެއްކޮށް ބާލާނެ ތާރީޚެއް ކަނޑައެޅުމަށް އެމެރިކާގެ ކިބައިން އެދިފައެވެ. އަފްޣާނިސްތާނުގައި މިހާރު ތިބީ އެމެރިކާގެ 13 ހާސް ސިފައިންނެވެ. އެމީހުން 14 މަސް ތެރޭގައި އަފްޣާނިސްތާނުން ބޭލުމަށް އެމެރިކާގެ މަންދޫބުންވަނީ އުސޫލެއްގެ ގޮތުން އެއްބަސްވެ ވަޑައިގެންފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދާދިފަހުންވަނީ ތާލިބާނުންނާއެކު އެމެރިކާ ކުރިޔަށްގެންދާ ސުލްޙައިގެ ވާހަކަތަކާމެދު ހިތްޕުޅު ހަމަޖެހޭކަމާއި އެވާހަކަތައް ދަނީ ރަނގަނޅު މިސްރާބަކަށް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެމެރިކާ، ތާލިބާނުން ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. އެމެރިކާއިން ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ފެށީ އެމެރިކާ ސިފައިން އަފްޣާނިސްތާނަށް ފޮނުވައިގެން 18 އަހަރުވަންދެން ހަނގުރާމަ ކޮށްގެންވެސް ތާލިބާނުން ބަލިކޮށްލުމުގެ ނާކާމިޔާބުވެ ގޮތް ހުސްވުމުންނެވެ.

މިހާރުވެސް ތާލިބާނުންނާ އެއްބަސްވުމަކަށް ނައިސް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބާލައިފިނަމަ ތާލިބާނުން މަދުދުވަސްކޮޅެއްގެ ތެރޭގައި އަފްޣާން ސަރުކާރު ވައްޓާލައި އެގައުމުގެ ވެރިކަމަށް ގަދަބާރުން އަތްގަދަ ކުރުމުގެ ބާރާއި ގާބިލްކަން ތާލިބާނުންނަށް ލިބިފައިވާކަމަށް އެމެރިކާ ގަބޫލުކުރެއެވެ. އެމެރިކާއާއި ތާލިބާނުން ސުލްޙައިގެ އެއްބަސްވުމަކާ ހަމައަށް ދިޔަނަމަވެސް ތާލިބާނުން ގެންދަނީ އަފްޣާން ސަރުކާރަކީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށްބުނެ އެސަރުކާރާ ވާހަކަ ދެއްކުމަށް ދެކޮޅު ހަދަމުންނެވެ.

އަފްޣާން ސުލްޙައިގެ އިންތިގާލީ މަރްހަލާގައި ތާލިބާނުންނާއި އަފްޣާން ސަރުކާރުވެސް ވާހަކަ ދައްކައިގެން ސުލްޙައިގެ އެއްބަސްވުމެއް ގާއިމް ކުރުމާއި ތާލިބާނުން ހަތިޔާރު ދޫކޮށް ސިޔާސީ ޖަމާއަތަކަށް ބަދަލުކުރުމަށް އެމެރިކާ ބޭނުންވެއެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމަށް ނިންމައި އެކަން ތާވަލުކުރުމުން މިކަމަށް އެއްބަސްވާނެ ކަމުގެ އިޝާތްތައް ތާލިބާނުންވަނީ ދީފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް