އޭޝިއަން ފައުންޑޭޝަނުން ރާއްޖޭގެ ސްކޫލުތަކުގެ ލައިބްރަރީތަކަށް 6000 ފޮތް ހަދިޔާކޮށްފި

އޭޝިއަން ފައުންޑޭޝަނުން ފޮތް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޭޝިއަން ފައުންޑޭޝަނުން ރާއްޖޭގެ ސްކޫލުތަކުގެ ލައިބްރަރީތަކަށް 6000 ފޮތް ހަދިޔާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފޮތްތަކާ ހަވާލުވެލެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު "ސަން" އަށް ވިދާޅުވީ މިއީ މިނިސްޓްރީއާއި އޭޝިއަން ފައުންޑޭޝަންއާއެކު ކުރެވުނު މަޝްވަރާތަކުގެ ދަށުން ހަދިޔާ ކުރި ފޮތްތަކެއް ކަމަށެވެ.

"މިނިސްޓަރު ރަށްރަށުގެ ސްކޫލުތަކަށް ޒިޔާރަތްކުރިއިރު ވަރަށް ބޮޑަށް ފާހަގަވި ސްކޫލުތަކުގެ ލައިބްރަރީތަކުގައި އެކަށީގެންވާ ވަރަށް ފޮތްތައް ނެތްކަން. އޭޝިއަން ފައުންޑޭޝަންއާއެކު ކުރި މަޝްވަރާތަކުގައި އެބޭފުޅުން ވިދާޅުވި ކުރިއަށް އޮތް ތަނުގައި އަދި ފޮތް ހަދިޔާ ކުރައްވާނެކަމަށް. މިއީ ފުރަތަމަ ޝިޕްމަންޓް އަދި،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެ ފޮތްތައް ހަދިޔާ ކުރުމުގެ ކުރިން ސްކޫލުތަކަށް އެންގި ކަމަށެވެ. އަދި ހަދިޔާ ކުރި ފޮތްތައް ފުރަތަމަ ދޭނީ އެ ފޮތްތަަކަށް އެދުނު ސްކޫލަކަށް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަދިޔާ ކުރި ފޮތްތަކުގެ ތެރޭގައި ޕްރައިމަރީ އަދި ސެކެންޑްރީ ލެވެލްގެ ދަރިވަރުންނާ ގުޅޭ ފޮތްތަކާއި ޓީޗަރުންނަށް ހާއްސަ ފޮތްތައްވެސް ހިމެނެއެވެ.

އޭޝިއަން ފައުންޑޭޝަނުން މީގެ ކުރިންވެސް ރާއްޖޭގެ ސްކޫލުތަކުގެ ލައިބްރަރީއަށް ފޮތްތައް ހަދިޔާކޮށްފައެވެ.

comment ކޮމެންޓް