ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް މަޖިލީހަށް ބަލައިގެންފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވައިލުމުގެ ބިލް މަޖިލީހަށް ވަނީ ބަލައިގަނެފައި --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ފަރާތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަލުން އެކުލަވައިލުމުގެ ބިލް މަޖިލީހަށް ބަލައިގެންފި އެވެ.

އެ ބިލް މަޖިލީހަށް ބަލައިގެންފައި ވަނީ 73 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ބިލް ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ސަރުކާރުން އެ ބިލް މަޖިލީހަށް ހުށަހަޅައިފައި ވަނީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަގުފަހިކޮށްދުނުމުގެ ގޮތުންނާއި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުންނެވެ.

މި ބިލުގައި ކުޑަކުދިންގެ ހައްގުތަކާއި، ކުޑަކުދިންގެ ޒިންމާތަކާއި، ބެލެނިވެރިންގެ ޒިންމާތަކާއި، ދައުލަތުގެ ޒިންމާތަކާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތައް ވަނީ ބަޔާންކޮށްފައެވެ.

ބިލުގައި ކަނޑައަޅައިފައިވާ ކުޑަކުދިންގެ ހައްގުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި، އުނގެނުމުގެ ހައްގާއި، ދިރިހުރުމާއި ހެދިބޮޑުވުމުގެ ހައްގާއި، ރައުޔު ކާމަކުރުމުގެ ހައްގާއި އަޅާލުމާއި ހިމާޔަތް ލިބުމުގެ ހައްގާއި، ޖިންސީގޮތުން ނާޖާއިޒް ބޭނުންހިފުމާއި ގޯނާކުރުމުން ރައްކާތެރިވުމުގެ ހައްގާއި، އަނިޔާއާއި އާޅާނުލުމުން ރައްކާތެރިވުމުގެ ހައްގު ހިމެނެއެވެ.

ހަމައެއާއެކު ނޭދެވޭ އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ރައްކާތެރިކޮށްދިނުމުގެ ހައްގާއި އުފަންވުން ރަޖިސްޓްރީވުމާއި ނަމާއި ގައުމިއްޔަތުގެ ހައްގާއި އަމިއްލަވަންތަކަން ދެމެހެއްޓުމުގެ ހައްގުގެ އިތުރުން މައިންބަފައިން އެނގުމާއި އެމީހުންގެ އަޅާލުން ލިބުމުގެ ހައްގު އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ ހައްގު ވެސް ހިމެނެއެވެ.

މި ބިލުގެ ދަށުން ކުޑަކުދިންގެ ކައިވެނިކޮށްދިނުން މަނާކުރެއެވެ. ބިލުގައި ބުނެފައި ވަނީ ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއްވަރަށް ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީ އާއި ކުޑަކުދިންނަކީ ދައުލަތާއި، އާއިލާ އަދި މުޖުތަމައުގެ ފަރާތުން އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ވާތީ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި ކޮށްދީގެން ނުވާނެ ކަމަށެވެ.

މި ބިލުގައިވާ ގޮތުން އުމުރުން 16 އަހަރު ނުވާ ކުއްޖަކު އެކުއްޖާގެ ތައުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީނު ދިނުމަށް މެނުވީ ވަޒީފާއެއްގައި ނުވަތަ މަސައްކަތެއްގައި ގެންގުޅުމަކީ މަނާކަމެކެވެ. ނަމަވެސް އެކުއްޖާގެ ރުހުމާއެކު އާއިލާއިން ކުރާ މަސައްކަތެއްގައި ބައިވެރިވުން މީގެ ތެރެއިން އިސްތިސްނާވެއެވެ.

ހަމައެއާއެކު ކުޑަކުދިންނަކީ ބޮޑެތި މީހުންނާ އެއްވަރަށް ސިއްހީގޮތުންނާއި ނަފްސާނީ ގޮތުން ހެދިބޮޑުވެފައިވާ ބަޔަކަށް ނުވާތީ އާއި ކުޑަކުދިންނަކީ ދައުލަތާއި، އާއިލާ އަދި މުޖުތަމައުގެ ފަރާތުން އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެންޖެހޭ ބަޔަކަށް ވާތީ 15 އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައި ނުބެލެވޭނެ ކަމަށް ވެސް ބިލުގައިވެއެވެ.

އަދި ކުޑަކުއްޖަކަށް މަރުގެ އަދަބު ދިނުން ވެސް މި ބިލުން މަނާކުރެއެވެ. މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެކުއްޖަކަށް ދޭންވާނީ، އެ ކުށަށް ދެން ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަ ތިންބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރުން މި ބިލުން ލާޒިމުކުރެއެވެ.

ބެލެނިވެރިންގެ ޒިންމާތަކުގެ ގޮތުގައި ބިލުގައި ބަޔާންކޮށްފައި ވަނީ ކުއްޖާ އުފަންވުމުން ރަޖިސްޓްރީ ކުރުމާއި، ކުއްޖާ ތަރުބިއްޔަތުކޮށް އުނގަންނައިދިނުމާއި ހަރަދު ދިނުމާއި ކުއްޖާ އެހެން ފަރާތަކަށްދޭ އަނިޔާއަށް ޒިންމާވުން ފަދަ ކަންކަމެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ ޒިންމާގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދީ ޒިންމާދާރު ކުރުވުމާއި، ކުޑަކުދިންނާ ގުޅޭ ނިންމުންތައް ނިންމުމުގައި އެކުދިންގެ ބައިވެރިވުން ހޯދުމާއި މައުލޫމާތު އާންމު ކުރުމެވެ.

ގައުމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ބިލުގައި ވަނީ ބުނެފައެވެ.

އެގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ކައުންސިލެއް އުފައްދަން ޖެހޭނެއެވެ.

ހަމައެއާއެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް އާއިލާއެއްގެ ލޯތްބާއި އަޅާލުމާއެކު ބޮޑުވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި، އެކުދިން ފޮސްޓާ ކުރެވޭނެ އުސޫލުތައް ބަޔާންކުރުމާ އަދި އެހީތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތައް ތައާރަފްކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މިއަދު ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ބިލަށް ތާއީދު ކުރި ނަމަވެސް ބިލުގައި އިސްލާހު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. އަދި ކޮމިޓީ މަރުހަލާގައި އެކަންކަން އިސްލާހު ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

comment ކޮމެންޓް