އާ ކާގޯ ޓާމިނަލް ނިމުމަކާ ގާތަށް

އާ ކާގޯ ޓާމިނަލްގެ އެންމެ ފަހުގެ މަސައްކަތް -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫއުގެ ތެރޭ ހިމެނޭ ކާގޯ ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނީ ކާގޯ ޓާމިނަލްގެ ސްޓީލް ސްޓްރަކްޗާގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި ކޮންކްރީޓް ސްލެބްސްއާއި ކްލެޑިންގެ މަސައްކަތް ކުރިއަށް އެބަދާކަމަށާއި ލޭންޑް ސައިޑް ކެނޮޕީ މަސައްކަތްތައްވެސް ނިމިފައިވާކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ހުޅުލޭގައި ހުންނަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގް ސާވިސަސް ހިންގާ އިމާރާތާ ޖެހިގެން އޮންނަ ބިމުގައި ތަރައްގީ ކުރާ އާ ކާގޯ ޓާމިނަލްގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)ންނެވެ. ވީއައިއޭގައި ތަރައްގީކުރި އާ ރަންވޭގެ މަސައްކަތްވެސް ކުރީ އެ ކުންފުނިންނެވެ.

އެމްއޭސީއެލްއިން މީގެ ކުރިން ބުނީ އާ ކާގޯ ޓާމިނަލްއާއެކު އަހަރަކު 120،000 ޓަނުގެ އެއާ ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭ ހިމެނެ ފިއުލް ފާމުގެ މަސައްކަތްވެސް ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ފިއުލް ފާމުގެ ފަޔާ ފައިޓިން ޕަމްޕް ސްޓޭޝަނުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ އިރު ފަޔާ ފައިޓިން ޕްލެޓްފޯމުގެ ޝީޓް ޕައިލްކުރުމާއި ޑީޕް ވޯޓާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް