ކަންބޮޑުވުން ހުއްޓަސް ޕީޕީއެމްގައި މިހުރީ ސާބިތުކަމާއެކު: ހަލީލު

ހަލީލު ރައީސް ޔާމީީންއާ ސަލާމް ކުރައްވަނީ: ޕީޕީއެމްގައި ހުރީ ސާބިތުކަމާއެކު ކަމަށް ހަލީލު ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ މެދު ކަންބޮޑުވުންތައް ހުއްޓަސް އެ ޕާޓީގައި މި ހުރީ ސާބިތު ކަމާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާ މެމްބަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.

ހަލީލު ޕީޕީއެމްއިން ވަކިވެ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަންވަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރުނެއެވެ. އަދި ރޭ ޖޭޕީ އިން ބޭއްވި ޖަލްސާގައި ހަލީލު ސޮއި ކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، އެ ޖަލްސާއަށް އޭނާ ހާޒިރުވެފައެއް ނުވެއެވެ.

ހަލީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ އާންމު މެމްބަރުންގެ ގާތަށް ގޮސް އާންމު މެންބަރުންގެ ކަންބޮޑުވުންތައް އަޑުއަހަން ޖެހޭ ކަމަށެވެ. އަދި ޕާޓީ ވަރުގަދަ ވަނީ ޕާޓީގެ ހިންގުމަށް ބޮޑެތި ބަދަލު އައިސްގެން ކަމަށް ހަލީލު ވިދާޅުވި އެވެ.

"އަޅުގަނޑު މިހުރީ ސާބިތުކަމާއެކު ޕީޕީއެމްގައި. ޕީޕީއެމްގެ ހިންގުމާމެދު ކަންވުން އެބަހުރި،" ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްކަންވެސް ކުރެއްވި ހަލީލު ވިދާޅުވި އެވެ.

ޕީޕީއެމްގައި ސާބިތުކޮށް ހުންނެވި ކަމަށް ހަލީލު ވިދާޅުވި ނަމަވެސް، އިނގުރާދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި އިބްރާޙިމް ފަލާހު އިއްޔެ "ސަން" އަށް ވިދާޅުވީ، ހަލީލުވެސް ޖޭޕީއަށް ސޮއި ކުރުމަށް ރޭ ހަމަޖެހިފައިވާ ކަމަށެވެ. ހަލީލު ރޭގެ ޖަލްސާއަށް ނައިސްގެން ޖަލްސާ ލަސްކުރަން ވެސް ޖެހުނު މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. ހަލީލު ފަހު ވަގުތު ނިންމުން ބަދަލުކޮށްލީ ކަމެއް ނުވަތަ އެނާއާ ގުޅޭ ގޮތުން ދޮގު ވާޙަކަތަކެއް ފެތުރުނީކަމެއް ސާފެއް ނޫނެވެ.

ރޭ ޖޭޕީއަށް ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތަކެއް ފުރުއްވި ބޭފުޅުންތަކެއް ޖޭޕީއަށް ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އަދި ޕީއެންސީގެ ނައިބު ރައީސް ކަމުން އިއްޔެ އިސްތިއުފާ ދެއްވި ޕީޕީއެމްގެ ކުރީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ވެސް ހިމެނެ އެވެ. އޭގެ އިތުރުން ޕީޕީއެމް އަށް ނިސްބަތްވި ކުރީގެ އިތުރު މެމްބަރުންތަކެއް ވެސް ހިމެނެ އެވެ.

comment ކޮމެންޓް