ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓްލާ މަރުކަޒަށް ފޯން ވެއްދޭނެ ގޮތް ހަދަން އިސްލާހެއް

މަޖިލިސް އިންތިހާބުގެ ތެރެއިން: ކެނޑިޑޭޓުންގެ ބަންދޫބުންނަށް ވޯޓުލާ މަރުކަޒަށް ފޯނު ވެއްދޭ ގޮތް ހަދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކެންޑިޑޭޓުންގެ މަންދޫބުންނަށް އިންތިހާބުގެ މަރުކަޒަށް ފޯނުވެއްދޭގޮތް ހެދުމަށް ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން އިންތިހާބުގެ މަރުކަޒަށް ފޯނު ވެއްދޭނީ ހަމައެކަނި މޮނީޓަރުންނާއި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނަށެވެ.

މިއަދު ކޮމިޝަންގެ އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އޮބްޒާވަރުންނަށާއި ކެންޑިޑޭޓުންގެ މަންދޫބުންނަށް ލުއިތަކެއް ދިނުމަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އިންތިހާބުގެ މަރުކަޒަށް ކަރުދާހާއި ފޯނު ވެއްދޭގޮތް ހެދުމަށް ގާނޫނަށް އިސްލާޙު ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

"އިންތިހާބުގެ ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އަޅުގަނޑުމެން އެބަ ވިސްނަން އޮބްޒާވަރުންނާއި މަންދޫބުންނަށް އަދި މޯނިޓަރުންނަށް، ކަރުދާސް، ފައިލް ނުވަތަ ލިސްޓް ވެއްދޭނެ ކަމަށް. އަދި ކަރުދާސް ގެންނަން ބޭނުން ނުވާކަމުގައި ވާނަމަ ސޮފްޓް ކޮޕީގެ ޒަރިއްޔާއިން ފޯނު، އައިޕެޑް ނުވަތަ ޓެބްލެތް ފަދަ އެއްޗެހި ވޯޓުލާ މަރުކަޒަށް ވެއްދި ދާނެ ކަމަށް. މިފަހަރު ގާނޫނަށް އެ އިސްލާހު ހުށަހަޅާނަން،" ޝަރީފު ވިދާޅުވި އެވެ.

މިއަދު އިލެކޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވާހަކަ ދައްކަަވަނީ: ކެންޑީޑޭޓުންގެ ބަންދޫބުންނަށް ފޯނު ވެއްދޭނެ ގޮތް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅާނެ ކަަމަށް ވިދާޅުވި --- ފޮޓޯ/ އީސީ

ޝަރީފު ވިދާޅުވީ، އެގޮތަށް ބަދަލުގެނައުމުން ވޯޓުލާ ފަރާތްތަކާއި ކެންޑިޑޭޓުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ގާނޫނުން އެފަދަ އިސްލާހުތައް ގެނައުމުން ރައްޔިތުންގެ އިތުބާރު އިންތިހާބުތަކަށް އޮންނާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

މިހާރު އިންތިހާބާ ބެހޭ ގާނޫނު އޮންނަ ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓާޒް ލިސްޓް ވޯޓްލާ މަރުކަޒަށް ނުވެއްދެވެ. ނަމަވެސް އޮބްޒާވަރުންނަށް ލިސްޓް ނުވަތަ ކަރުދާސް ވެއްދުމަށް އެ ގާނޫނު ހުރަހެއް ނާޅަ އެވެ.

އެ އިސްލާހުތަކާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ކޮމިޝަގެ ތަރުޖަމާނު އަދި ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިންތިހާބުގެ އެެންމެ މުހިންމު ރޯލަކީ، ކެންޑިޑޭޓުން ކަމަށާއި އެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓުލާ މީހުންގެ ލިސްޓް ވެއްދޭނެ ގޮތް ހެދުމަކީ އެ ކޮމިޝަނުން ބޭނުންވާ ކަމެއް ކަމަށެވެ.

"މިހާރު ގާނޫނު އޮންނަ ގޮތުން [ކެންޑިޑޭޓުންގެ މަންދޫބުންނަށް] ވެއްދޭނީ އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާން ކުރާ ލިސްޓް. މާނައަކީ ފުރަރަމަ އެ ނެރޭ ހުރިހާ ރަށެށްގެ ލިސްޓް އެއްކޮށް ކަމަށް ވައްދަން ވާނީ. ގާތްގަނޑަކަށް އެ ވެދާނެ ހަތަރު ފޮށީ ފުރާ ކަރުދާސް ކަމަށް. އެކަން ހައްލު ކުރުމަށް [ގާނޫނަށް އިސްލާހު ހުށަހަޅަނީ]،" އަކްރަމް ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓުލާ މީހުންގެ ލިސްޓް އިންތިހާބީ މަރުކަޒަށް ނުވެއްދޭ ގޮތަށް އޮތުމުން ކެންޑިޑޭޓުން އަބަދުވެސް ޝަކުވާކުރެ އެވެ.

comment ކޮމެންޓް