ރާއްޖެއަށް ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

ކުރިމިނަލް ކޯޓް: ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައި --- ސަން ފައިލ ފޮޓޯ: މުހައްމަދު އަފްރާހް

މީގެ ދެ އަހަރު ކުރިން ސްރީލަންކަން އެއާލައިންސް އިން ރާއްޖެއައި ޕާކިސްތާންގެ ރައްޔިތެއް އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ ސާބިތުވެ އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށް އުމުރުން 42 އަހަރުގެ ޝަރަފަރު މަސިހުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޝަރަފަރުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، 2017 ވަނަ އަހަރުގެ އޮކްޓޯބަރ 25 ވަނަ ދުވަހު ސްރީލަންކަން އެއާލައިންގެ ފްލައިޓުން އޭނާ ރާއްޖެ އައިއިރު، އޭނާގެ ލަގެޖް އިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރުމުން ބަލައި ޗެކް ކުރި ކަމަށެވެ. އެގޮތުން އޭނާ ގެނައި ބެކްޕެކްގެ ފަހަތު ސްޕޮންޖުގަނޑު ދޭތެރެއިން ޓޭޕް އޮޅާފައިވާ ރަބަރުގަނޑެއްގެ ތެރޭގައި 387.4 ގްރާމް ޑައިމޯފިން ހުރި ކަމަށް ތަހްލީލް ރިޕޯޓުން ދައްކާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭނާ މަސްތުވާތަކެތި ހިފައިގެން ރާއްޖެއައީ ކޮން ގައުމަކުން ކަން ހުކުމުގައި ބުނެފައެއް ނުވެއެވެ.

ޝަރަފަރުގެ މައްޗަށް އުފުލި ދައުވާއަށް އޭނާ ވަނީ އިއުތިރާފް ވެފައެވެ. އަދި ޝަރީއަތުން ވަނީ ތަރުޖަމާނެއްގެ އެހީގައި ވެސް އެކަން ކަށަވަރު ކޮށްފަ އެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ދިފާއީ ވަކީލް ހުސްނީ މުބާރިކް ވިދާޅުވެފައިވަނީ، ޝަރަފަރު ބޭނުންވަނީ މައްސަލައިގެ ހުކުމް އަވަސް ކޮށްދިނުމަށް ކަމަށެވެ.

ޑައިމޯފިން ޓްރެފިކް ކުރި ކަމުގެ ދައުވާއަށް ޝަރަފަރު އެއްބަސް ވެފައިވާއިރު އޭނާގެ މައްޗަށް އެކުށް ސާބިތުވެ ކޮށްފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އެއްލައްކަ ރުފިޔާއިން ކުރި ޖޫރިމަނާ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި މޯލްޑިވަސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ހަލާސް ކުރުމަށް ވެސް ވަނީ ހުކުމް ކޮށްފަ އެވެ.

comment ކޮމެންޓް