މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

ފެނުނު ވީޑިއޯއެއްގެ ސަބަބުން އޭނާގެ މުޅި ދުވަސް ހަރާބުކޮށްލައިފިއެވެ. އޭނާ ޖެހޭނީ ޔާސިރު ޖެހިހާ ބެރަކަށް ނަށަންހެއްޔެވެ؟ ނޫނެކެވެ. ދެރައީ ޔާސިރުއާ ދެކޮޅަށް ބޭނުންކުރެވޭނޭ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތީތީއެވެ. ހެކި ހުރީ އޭނާއާ ދެކޮޅަށެވެ. އަނެއްކޮޅުން ޔާސިރު އަކީ ބާރުގަދަ މީހެކެވެ. ޔާސިރު އާ ދެކޮޅަށް ތެދުވުމަކީ ފަސޭހަކަމެއްވެސް ނޫނެވެ.

ޔާސިރުވެސް އެގޭން ނުކުމެގެން ގޮސް ކާރަށް އެރިއެވެ. ފޯނެއް އައުމާއެކު އޭނާ ފޯނު ނަގާ ބަލާލިއެވެ. ނަވީންގެ ފޯނަކަށް ވުމާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލީ މީހާ ހަމައަކަށް އެޅެމުންނެވެ.

ކޮބާ ކިހިނެތް ތިކޮޅުގެ ކަންތައްތައް ދަނީ؟" ޔާސިރު ސުވާލުކޮށްލިއެވެ.

"ބަރާބަރު. ކުރަން އައި ހުރިހާކަމެއްވެސް ވެއްޖެ... އެހެންވީމަ މާދަމާނޫން އަނެއްދުވަހު ތިކޮޅަށް ދާން ވެގެން މިއުޅެނީ.. މާދަމާގެ ބާރައިގެ ކުރިން ބައްޕައަށް ފޮނުވާފަ ހުރި މެއިލްތަކަށް ޖަވާބެއް ބޭނުންވާނެ" ނަވީން ހަނދާންކޮށްލަދިނެވެ.

"އާނ އެންމެ ރަނގަޅު... މިއަދު އެވެސް ބަލާލައިފިން... ވަގުތެއްނުވެގެން މިއުޅެނީ..." ޔާސިރު ބުނެލިއެވެ. ނަވީންއާ ވާހަކަދައްކާފައި ފޯން ބޭއްވުމަށްފަހު ޔާސިރު ގޮނޑީގައި ލެނގިލިއެވެ.

"ކަލެއާ އެއްބައިވެގެން އަހަރެން ކޮންމެ ކަމެއްކޮށްފައިވިނަމަވެސް އަހަރެންނާ ދެކޮޅަށް ކަލޭއަކަށް ލާހިކެއްނޫން އެއްވެސްކަމެއް ކުރާކަށް ޝަކީބު... އެއަށްވުރެ ބޮޑަށް ކަލޭ ބަލިކަށިވާނެ..." ޔާސިރު ހިތާ ހިތުން ކިޔާލިއެވެ.

"މާހިރާ... މާހިރާ ދުނިޔެދޫކޮށް ދާންޖެހުނީވެސް އެކަންތަކުގެ ތެރެއަށްވަނީމައެއްނޫންތަ؟ ނަވީން އެކަނި ވާން ޖެހުނީވެސް އެހެންވީމައޭ... މަންމައެއްގެ ލޯބިން ނަވީން މަހުރޫމުވީ ވެސް ހަމަ މާހިރާގެ ސަބަބުން...ޕުއާރ ނަވީން..." ފެންކަޅިވަމުންދިޔަ ޔާސިރު ކުއްލިއަކަށް ނުލަފާ ހިނިގަނޑެއްޖަހާލައިފިއެވެ. އޭނާގެ ވޮލެޓް ނަގާ މާހިރާގެ ފޮޓޯގަނޑަށް ބަލާލިއެވެ. އެއަށްފަހު އަނެއްކާވެސް އަންނަމުން ދިޔަ ކަރުނައިގެ ތެރެއިން އޭނާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. ވެރިވަމުން ދިޔަ ހިޔާލުން އޭނާ ފޮޓޯގަނޑު ބޮނޑިކޮށްލިއެވެ.

*****

ކުޑަދޮރު ކައިރީގައި ހުރި ނަވީން ފޯނަށް އަތުން ބާރު ކޮށްލިއެވެ.

"އަހަންނަށް ވަރަށް ބައިވަރު ހަޤީގަތް އެނގޭ ޔާސިރު.... ވެއިޓް އެންޑް ވޮޗް... އައި އެމް ގޮއިންޓު ގެޓް މައި ރިވެންޖް" ނަވީން ފައިން ޖެހި ޖެހީނުން އެތަނުގައި ހުރި ޕޮޓް ވައްޓާ ތަޅާލައިފިއެވެ.

"ނަވީން... ނަވީން އެއްޗެއްސަށް ގެއްލުން ދިނަސްކަމެއް ހައްލެއް ނުވާނެއެއްނޫންތަ؟ ނަވީން ޖެހޭނީ މަންމައަށް އެހާލު ޖެހުނީ ކާކުގެ ސަބަބުންކަން އޮޅުން ފިލުވަން ބޭނުންވަންޏާ ކެތްތެރިވާން... " ދާދި ގާތުން އިވުނީ އާހިލްގެ އަޑެވެ. އެމީހުން ތިބީ ފަނަރަ ބުރީގެ ހޮޓަލުގެ އެގާރަ ވަނަ ފަންގިފިލާއިން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެން ތިބިއިރު ރީތިކޮށް އެހެން އިމާރާތްތައް ފެނެއެވެ. ބަލާލަން ކިތަންމެ ހިތްގައިމު މަންޒަރަކަށް ވިޔަސް ނަވީންއަށް އެއިން އެއްވެސް ހިންހަމަޖެހުމެއް ނުލިބެއެވެ. އިތުރަށް ހިތް ނުތަނަވަސްވުން ނޫންކަމެއްނުވެއެވެ.

"އަހަރެން ގެ ސިކުނޑި ހަމަ ރަނގަޅަށްވެސް ފަޅައިގެން ގޮސްދާނެ އާހިލް.... ބައްޕައޭ ކިޔަން ވެސް ހާދަ ލަދުގަނެޔޭ... މަޖުބޫރުވީމަ އަހަރެން މިހެން އުޅުނެއްކަމަކު އެ ނުބައި ފިރިހެނާ އާ ދެމެދު އަހަރެންގެ ހިތުގައި ނަފްރަތު ނޫން އެއްޗެއް ނުވޭ... " ނަވީން ވާހަކަދެއްކިއެވެ.

"ނަވީން... ނަވީންއަށް ގަބޫލުކުރެވޭތަ ޝަކީބު ދައްކާ ހުރިހާ ވާހަކައަކީ ތެދެއްކަމަށް؟" އާހިލް ބުނެލިއެވެ.

"އަހަރެން އޭނާގެ ބަހަށް ފުރިހަމައަށް އިތުބާރެއް ނުކުރަން... އެކަމަކު ސިކުނޑި މަޖުބޫރު ކުރުވާ އެހުރިހާ ވާހަކައެއްވެސް ގަބޫލުކުރަން... ނޭނގެ ކީއްވެކަމެއް... އޭނަ ބުނިތަނުގައި އަހަރެންގެ މަންމަ ދުނިޔޭގައި ހުރި... އެހެންވީމަ ކަންނޭނގެ އަހަރެންގެ ސިކުނޑި މިހުރިހާ އެއްޗެއް ގަބޫލުކުރުވަން މަޖުބޫރު ކުރުވަނީ...." ނަވީން ފުންނޭވާއެއްލި އެވެ. އާހިލް ނަވީންގެ ކޮނޑުގައި ޖަހާލިއެވެ.

"ނަވީން ކުރާ ކޮންމެ ކަމެއްވެސް ވިސްނުން ތެރިކަމާއެކު ކުރައްޗޭ އަހަރެން ބުނާނީ! އަންނަ ރުޅީގައި ފޯނާ ގޭގައި ގެންގުޅޭ އެއްޗެހި ހަލާކު ކުރުމަކީ ހައްލެއްނޫން... އަހަރެން ކިތައްފަހަރުތަ ނަވީން ކައިރީގަ ބުނަންވީ! އަނެއްކޮޅުން އަދި ތިއުޅެނީ މިއަދު އިބާއަށް ވެސް ނުގުޅާ.... " އާހިލް ބުނެލިއެވެ.

"އެބުނާހެން... ދީބަލަ އިބާއަށް ގުޅަން ވެއްޖެއެއްނު... ފޯނުގަ ލާރިއެއްނެތޭ! މިއަދު އެއްގޮތަކަށް ވައިފައިއާ ކަނެކްޓެއްވެސް ނުވި ފޯނެއް...މަންމަގެ ހާލުވެސް ބަލާލަން ޖެހޭނެ..." ނަވީން އާހިލްއަށް ބަލާލިއެވެ. އާހިލް ހުރީ ލާނެތް ފާޑަކަށް ހިނިއައިސްފައެވެ.

"ކިހިނެތްވީ؟" އާހިލް ހުރި ގޮތުން ނަވީންއަށް އަހާލެވުނެވެ.

"ތިއުޅެނީ ހަމަ މަންމަގެ ހާލު ބަލަން އެކަނިތަ؟ އިބާގެ ހާލު ބަލާހިތެއްނުވޭތަ؟" އެއްލޯ މަރާލަމުން އާހިލް ނަވީން އާ ދިމާކޮށްލިއެވެ. އޭނާ ބޭނުންވީ ނަވީންގެ މޫޑު ރަނގަޅުކޮށްލާށެވެ. ނަވީން އާހިލްއަށް ދެލޯ އަޅާލުމާއެކު އާހިލް ދޫނެރިލިއެވެ.

ދެން ލޯބި ހުށައަޅާބަލަ... ދެން ކީކުރަންތަ ތިހެން އުޅެންވީ... ލޯބިން ނިކަން ކައިވެންޏެއްކޮށްގެން ޒަވާޖީ ހަޔާތެއް ފަށައިގެން ދަރިން ހޯދާފަ....."

"އޭތް އޭތް ހުއްޓާލާ..." އާހިލް މާ މައްޗަށް ދާންފެށުމުން ނަވީން ބުނެލިއެވެ. އެއަށްފަހު އޭނާ އާހިލްއަށް ބަލާލިއެވެ. އާހިލް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. ނަވީންވެސް ހީގަތެވެ.

އާހިލް އޭނާގެ ފޯނު ނަވީންއަތަށް ދީފައި އެތެރެއަށް ހިނގައިގަތެވެ.

"މަގޭ ފޯނު ތަޅާލައިފިއްޔާ ނިމުނީ... އައި ވިލް ކިލް ޔޫ... މަ އަދި ނިމިދިޔަ ހަފްތާގަ ގަތް ފޯނެއް... ވެއްޖެއެއްނު މިތަން ސާފުކުރަންވެސް މީހަކު ގެންނަން..."ތެޅިފައިވާ ޕޮޓަށް ބަލާލަމުން އާހިލް ހެމުން ހެމުން ބުނެލިއެވެ. ނަވީން އިބާގެ ނަންބަރު ޖަހާލާފައި އިބާއަށް ގުލާލިއެވެ. ދެފަހަރަކު ގުޅުމުންވެސް ފޯން ބިޒީ ވަނީއެވެ.

"އިބާ އަނެއްކާ އެހާ ގިނައިރު ކާކަށް ގުޅައިގެން..." ފަނަރަ މިނިޓް ފަހުން ގުޅިއިރުވެސް އިބާގެ ފޯނު ބިޒީއެވެ. ނަވީންގެ ހިތަށް ނުބައިގޮތެއްވިއެވެ. އާދަޔާ ހިލާފަށް އެ ހިތް ތެޅިލިއެވެ. އިބާ އަނެއްކާ އެހެންމީހަކާ ގުޅުމެއް އޮންނަނީހެއްޔެވެ؟ އޭނާގެ ހިތުގައި އިބާ އާ މެދު ވި އިޙްސާސްތަކަށް ދޭނެ ނަމެއް ނޭނގުނުނަމަވެސް އެނގޭހާވެސް އެއްޗަކީ އިބާ އެހެންމީހެއްގެ ޙައްގަކަށް ވާން އޭނާ ނޭދޭކަމެވެ. އަބަދާ އަބަދު ކުރެވެނީ އިބާގެ ހިޔާލުތަކެވެ. އިބާއާ މެދު އޭނާ ކަންބޮޑުވާ ކަންބޮޑުވުން އެކަކަށްވެސް ނޭނގޭނެއެވެ. އިބާ ފެންނާނޭ އިރަކަށް އޭނައަށް ހާދަ އިންތިޒާރެއްކުރެވެއެވެ. އިބާގެ ދެލޮލަށް ބަލާލާ ކޮންމެ ފަހަރަކު އެ ހިތުގެ ތެޅުން ވެސް އަވަސްވެއެވެ. އިބާ ދެކޭހިތުން ބޭގަރާރު ވާފަހަރުވެސް އާދެއެވެ.

ފޯނު ކަންފަތާ ތިރިކޮށްލިތަނާ އިބާގެ ފޯނު ކޯލެއް އައެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

"ހެލޯ އިބާ... ފޯނު ހާދަ ބިޒީއޭ..." ނަވީން ސުވާލުކޮށްލިއެވެ.

"އާނ... އެ ޑޮކްޓަރު ގުޅައިގެން އުޅުނީ... ނަވީން މަންމަގެ ބޭސްތައް ބަދަލުކުރަން ޖެހެޔޭ ބުނީ... މިއަދު ނެގި ބޭސްތައް ކެއިފަހުން އެނބުރުން އަރާތީ ނުވެސް ތެދުވޭ" އިބާ އޮޅުން ފިލުވައިދިނެވެ. ނަވީން ވެސް އިތުރު އެއްޗެއް ނުބުނެއެވެ. އޭނާ ވަރަށް އަވަހަށް މާލެ ދާނެ ކަމަށާއި މަންމައަށާއި އިބާވެސް އަމިއްލައަށް ފަރުވާތެރިވުމަށް ބުންޏެވެ.

ނަވީންއާއި ވާހަކަދައްކާލާފައި ފޯނު ބޭއްވުމަށްފަހު އިބާ އެނދުގައި އިށީނދެލިއެވެ. އޭރު އޭނާގެ މޭގަނޑު ހީވަނީ އަތަށް އައިސްފާނެހެންނެވެ. އެމީހަކަށް އިބާގެ ފޯނު ނަންބަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ހާސްކަން ވެރިވިއެވެ. ދެންމެ އޭނާ ގުޅައިގެން ހުރީ ޑޮކްޓަރަށް ކަމަށްވިނަމަވެސް މީގެ ފަނަރަ މިނިޓް ކުރިން އޭނާއަށް ގުޅީ އެ ދުވަހުވެސް އޭނާ އާއި ދިމާކުރި ޒުވާނާއެވެ. އިބާ އުޅޭތަން ވަރަށް އަވަހަށް ހޯދައިގެން އިބާ ބަލާ އަންނާނަމޭ އެބުނީ ކީއްވެހެއްޔެވެ؟

ހިންދިރުވާލަމުން އޭނާ ފޯނަށް ބަލާލިއެވެ. ނޭނގިނަމަވެސް ނަވީންގެ ހިމާޔަތަށް އެދެވެން ފެށިއެވެ. އެމީހާގެ ކިބައިން އިބާއަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ދެވޭނީ ނަވީންއަށްކަން އިބާއަށް ވިސްނެއެވެ. ނަވީންގެ މުއްސަނދިކަމާ ބަލާފައި ނަވީންއަކީ ސާދާ މިޒާޖެއްގެ މީހެކެވެ. ބޮޑާކަމާއި ކިބުރުވެރިކަމެއް ނަވީންގެ ކިބަޔަކު ނުވެއެވެ. އަންހެން ކުއްޖަކު ގަޔާވާނޭ އެތަކެއް ފިރިހެންވަންތަ ސިފަތަކެއް ނަވީންގެ ގައިގައި ހުއްޓަސް އެފަދަ ގޮތަކަށް ފިރިހެނަކާމެދު ވިސްނަން އިބާ ޖެހިލުންވެއެވެ. އޭނާ ތަހައްމަލް ކޮށްފައިވާ ވޭނީ ދިރިއުޅުމުގެ ބާބު ލައްޕާލާފައި ކުރިއަށް ދިޔުމަކީ ނާދިރުކަމެއްކަމުގައި ސިކުނޑި ބުނަން ފެށި ހިސާބަކީ އަލުން އެ ޒުވާނާއާއި ދިމާވި ހިސާބެވެ. އޭނާގެ މާޒީގެ ހިތި ހަޤީގަތްތައް ހުދު ނަވީންއަކަށްވެސް ނޭނގޭނެއެވެ. ބިރާ ސިހުމަކީ އޭނާގެ ގާތް އެކުވެރިއެކެވެ. އޯގާތެރިކަމާއި ލޯތްބާއި އަޅާލުމަކީ އޭނާއާ ބީރައްޓެހި އެއްޗެއްސެވެ.

މަޑުމަޑުން އެނދުން ތެދުވެގެން ގޮސް އިބާ ނުކުތީ ބެލްކަންޏަށެވެ. އަދިވެސް ފެންނަނީ ވިއްސާރައިގެ ކުލަވަރުތެކެވެ. ރޭގަނޑު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ރޭގަނޑުގެ ފިނިކަން މުޅި މާހައުލު ހިސާރުކުރަމުން ދިޔައެވެ. އިބާ ކުޑަކޮށް ހީކަރުވާގޮތްވިއެވެ. ދެއަތް މޭގައި ހުރަސްކޮށްލުމާއެކު ދެކޮނޑު ކުޑަކޮށް އުފުލާލިއެވެ. ދެލޯ މަރާލީ އެ ނަފްސުގައި އަނދަމުންދިޔަ ބިރުވެރިކަމުގެ ހުޅުކޮޅު ކުޑަކޮށް ނިވޭތޯއެވެ. އަމިއްލަ އަށް މީހާ ހިތްހަމަޖައްސާލުމުގެ ބޭނުމުގައެވެ.

*****

ކާރުގައި ގޮސް ގޭގެ ގޯތިތެރޭގައި ޕާރކުކޮށްލިއެވެ. އެއަށްފަހު ނުކުމެ އަތުގައި ހުރި ބާރުލާފައި ދޮރު ލައްޕާލިއެވެ. ޝަކީބުގެ މޫނުމަތީގައިވެސް އަދިވެސްވަނީ ރުޅިވެރިކަމެވެ.

އަހަނަންނާ ކަލޭ ތި ކުޅެނީ ޔާސިރު.... ޝަކީބުއާ.... ކަލޭ ހަނދާންނެތުނީ އެނގޭ ހަޤީގަތެއްގެ ސަބަބުން ކަލެއާ ދެކޮޅަށް އަރާނެ ދަރިއަކު ހުރިކަން... އަހަރެން ކުރަން ބޭނުންވާ ކަންތައް ކަލޭގެ ދަރި ކޮށްނިންމާނެ... ކަލޭގެ ހަލާކަކަށް މެދުވެރިވާނީ ކަލޭގެ ދަރި... އެ ވެސް ކަލޭގެ ލޮލުގައި އަނދުން އަޅުވައިގެން ހުރެ... " ޝަކީބު ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ. ވެރިވި ހިޔާލުން އޭނާ އަމިއްލަ ނަފްސަށް ފަހުރުވެރިވިފަދައެވެ. ޝަކީބު ގޮސް ގެއަށް ވަތްއިރު ވާރޭ އަނެއްކާވެސް ބޯ ކޮށްލައިފިއެވެ.

ނަވީންމެން ރާއްޖެއައި ދުވަހަކީ ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރަ ވެސް ހުއްޓާލި ދުވަހެވެ. ކޮންމެވެސް ވަރަކަށް އަވިވެސް ދެއެވެ. މަގުމަތި ހަލަބޮއްޔެވެ. ހިނގާބިނގާނެ އުޅޭމީހުންނާއި ދުއްވާ އެއްޗެހިވެސް އެހާ ގިނައެވެ. އާހިލްއާއި ނަވީން އާއި ދެމީހުން ފުރަތަމަވެސް ދިޔައީ އޮފީހަށެވެ. ގައިގަނޑަކަށް ގަޑިއެއްހާއިރު އޮފީހުގައި މަޑުކުރުމަށްފަހު ދެމީހުން ވެސް ނިންމީ ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން އަރާމުކޮށްލުމަށެވެ. އާހިލް ގެއަށް ލާފައި ނަވީން ގެއަށް ދިޔުމުގެ ބަދަލުގައި އެންމެ ފުރަތަމަ ދިޔައީ މަންމަ ކައިރިއަށެވެ. މަންމަގެ ހާލު ބަލާލުމަށްފަހު އޭނާ ކަންތައްތައް ދިޔަ ގޮތާ ބެހޭގޮތުން އިބާއާވެސް ކުޑަކޮށް ވާހަކަ ދައްކާލިއެވެ. ދެމީހުން ސޯފާގައި ތިއްބާ އިބާއަށް ފޯނެއް އައެވެ. ނަންބަރު ބަލާލާފައި އިބާ ފޯނު ކަނޑާލިއެވެ. ދެން އައީ މެސެޖެކެވެ.

މެސެޖްގައި އޮތީ ފޯނު ނުނަގައިފިނަމަ އޭނާ އިބާ އުޅޭތަނަކަށް އަންނާނަމޭ ބުނެފައެވެ. އެހެން ފޯނަށް ބަލަހައްޓައިގެން އިންދާ ދެވަނަ ފަހަރު ގުޅައިފިއެވެ. ނަވީންއަށް ބަލާލުމަށްފަހު އިބާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެއަށްފަހު ނަވީންއާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

"ހާދަ ބިރުތިގަތީ؟ އަހަރެން އިބާ އުޅޭތަނަށް ގޮސްފާނެތީތަ؟ އަދި އަހަރެންނަށް ތިތަން ހޯދޭވަރެއްނުވޭ... އެކަމަކު ވަރަށް އަވަހަށް ހޯދާނަން... އަހަރެންގެ ކިބައިން އެހާ ފަސޭހައިން ސަލާމަތްވެދާނެޔޭ އިބާ ހީނުކުރައްޗޭ... އެއީ ވުމަށްވުރެ ނުވުން ގާތްކަމެއް" ޖަހާލި ނުލަފާ ހިނިގަނޑާއެކު އެކޮޅުން ވާހަކަ ދެއްކިއެވެ.

އިބާއަށް ބިރުން ހިންދިރުވާލެވުނެވެ. ފަރުވާތެރިކަމާއެކު އިބާއަށް ބަލަން އިން ނަވީން ކޮޅަށް ތެދުވިއެވެ. އިބާގެ މޫނުމައްޗަށް އެރި އަސަރުތަކުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް ނަގައިގަނެވުނީއެވެ. އެހެންކަމުން އޭނާވެސް ކަންބޮޑުވީއެވެ.

މަޑުމަޑުން އިބާ އާ ދާދި ގާތަށް އައިސް އިބާގެ އަތުން ފޯނު ދަމައިގަންނަމުން ކަންފަތުގައި ޖައްސާލިއެވެ.

"ހަހަ... ވަރަށް ބިރުން ދޯ ތިހުރީ... ކުރިން ފަހަރު އައިހެން ހީރޯއެއް ކޮންމެ ފަހަރަކު އިބާ ސަލާމަތް ކުރާކަށް ނާންނާނެ...."

ވާހަކަދައްކަމުން ދިޔަ މީހާއަށް ބުނެވުނީ އެހާވަރަށެވެ. ނަވީން ފޯނު ކަނޑާލީއެވެ. އޭނާ އެ ނަންބަރުން އައިސް ހުރި މެސެޖްތައްވެސް ބަލާލިއެވެ. އެއަށްފަހު ނަންބަރު ބްލޮކް ކޮށްލުމަށްފަހު އިބާ އަތަށް ފޯނު ދިނެވެ. އިބާއަށް ބަލަން ހުރެފައި ނަވީން އައިސް އިށީނީ ސޯފާގައެވެ. އޭނާ އިބާއަށް އިޝާރާތްކޮށްލުމާއެކު އިބާވެސް އައިސް ސޯފާގައި އިށީނެވެ.

"އަހަރެން ގާތު އިބާ ކީއްވެ ނުބުނީ އޭނަ އުނދަގޫ ކުރާ ވާހަކަ؟" ނަވީން އަހާލިއެވެ. އިބާ އިސްޖަހާލައިގެން އިނީއެވެ.

"އެހެން އުޅޭނެ މަގުމަތީގައި އެތައް ބަޔަކު..."

"އެއީ މަގުމަތީގައި އެހެން އުޅޭ ކޮންމެ ކޮންމެ މީހެއްނޫން" ނަވީންގެ ވާހަކަ ހުއްޓުވާ މަޑުމަޑުން އިސްޖަހާލަމުން އިބާ ބުނެލިއެވެ. ނަވީން ދުރުބަލާލިއެވެ.

"އިބާ.... އަހަރެން އިބާއަށް ޔަގީންކަން ދިނިން އަހަރެން އިބާ ރައްކާތެރިކުރާނެކަމުގައި ... އަހަރެން އެ ވައުދު ފުއްދާނަން... އޭނާއަށްވެސް އަދި އެހެންމީހަކަށްވެސް އިބާއަށް ގެއްލުމެއް ދޭކަށް ނުކެރޭނެ" ނަވީން ޔަޤީންކަން ދިނެވެ.

"އެއި ކިހާވަރެއްގެ މީހެއްކަމެއް ނަވީންއަކަށް ނޭނގޭނެ... އެހެންނޫނަސް އަހަރެންމީ ނަވީންއާއި އެއްވެސް ގުޅުމެއް ހުރި މީހެއްނޫން ނަވީން އަހަރެން ރައްކާތެރިކުރަން" އިބާ ވާހަކަދެއްކިއެވެ.

"އަހަރެން ޖެހޭނީ އޭނަ އައިމަ ދާން..." އިބާއަށް ރޮވެން ފެށުނެވެ. މަލަން އަޅާފައިވާ ފާރުގަނޑު އަލުން ތާޒާ ވަމުންދިޔަފަދަ އިހްސާސްއެއް އިބާއަށް ކުރެވެން ފެށިއެވެ. އެމީހެއްގެ އަނިޔާވެރި ވަކިތަކުގެ ތެރެއިން ސަލާމަތްވާން އުޅޭ ކޮންމެ ފަހަރަކު އޭނާއަށް ލިބޭ އަނިޔާ ހިތުން ފިލައިގެނެއް ނުދެއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު އަނިޔާތަކާހެދި ދިރިއުޅުމުގެ އެއްވެސް އުންމީދެއް އިބާގެ ނުވެއެވެ.

އިބާގެ ދުލުން އެހެން ބުނިނަމަވެސް އެހެންމީހެއްގެ ރައްކާތެރިކަމާއި ހިމާޔަތަށް ބޭނުންވެފައިވާވަރު އިބާގެ ދެލޮލުން ނަވީންއަށް އެނގި ހާމަވަމުންދެއެވެ. ގިނަފަހަރު މިފަދަ ހާލަތުގައި ދުލުން ބޭރުވާނީ ހިތުގައި އޮންނަ ގޮތަކަށް ނޫނެވެ. ދިމާ އިދިކޮޅަށެވެ. އެވަރު އަނެއްމީހާ ނުވިސްނައިފިކަމުގައި ވަނީނަމަ ހަލާކުރެތެރެއަށް ވެއްޓި ހިނގައިދާނެއެވެ. ނަވީން އަކީ އެހެންމީހުންގެ އިޙްސާސްތައް ދަންނަ ޒުވާނެކެވެ. އެހެންމީހުންގެ އިޙްސާސްތަކަށް ގަދަރުކުރާ ޒުވާނެކެވެ.

އިބާ އިތުރަށް އެ މައުލޫއަށް ވާހަކަދައްކަން ބޭނުންނުވުމާއެކު ނަވީން ވެސް އިބާއަށް މަޖުބޫރުކުރާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ދެން ދައްކަން ފެށީ މަންމަގެ ވާހަކައެވެ. ނަސީބަކުން އިބާވެސް ހަމައަކަށް އެޅިލައިފިއެވެ.

މަންމަ ގާތުގައި މަޑުކޮށްލާފައި ނަވީން ދެން ދިޔައީ ގެއަށެވެ. ގޭން އޭނާއާއި ކުރިމަތިލީ ލައިލާއެވެ.

"ކޮބާ ދަތުރު ކިހިނެތްތަ؟" ލައިލާގެ ސުވާލާއެކު ނަވީން ދެލޯ އަޅާލިއެވެ. އެއަށްފަހު އެއްޗެއް ނުބުނެ މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

*****

ހަފްތާތައް މަސްތަކަށް ބަދަލުވަމުން ގޮސް ފަސްމަސް ފާއިތުވެ ހިނގައްޖެއެވެ. މާހިރާގެ ހާލު ކުރިއަށް ވުރެވެސް ރަނގަޅުވިއެވެ. އެހެންނަމަވެސް އަދިވެސް ކުރީގެ ބައެއް ކަންތައްތައް ހަނދާނަކު ނެތެވެ. އެއްފަހަރު ފެންނަ މީހަކު ދެވަނަ ފަހަރު ފެނުނަސް ހަނދާން ހުންނަ ކަމަކަށް ނުވެއެވެ. އަނެއްކޮޅުން ނަވީން އާއި އިބާއާއި ނޫން އިތުރު މީހެއްނަމަ އަދިވެސް މޫނުމަތިން ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ފެނެއެވެ. މަންމައަށް އަންނަމުން ދިޔަ ކުރިއެރުމާއެކު ނަވީން ވެސް ހުރީ ހިންހަމަޖެހިފައެވެ. އަނެއްކޮޅުން މިވީ ދުވަސްތަކުގައ ހާސްވާން ޖެހޭ އެއްވެސް ކަމެއް ކުރިމައްޗެއް ނުވެއެވެ. އެހެންނަމަވެސް ހަޤީގަތް ހޯދުމަށް ކުރާ އެއްވެސްކަމެއް ނަވީން ހުއްޓައެއް ނުލައެވެ. ކެނޑި ނޭޅި އެކި މީހުންގެ ގާތުން މައުލޫމާތު އޮޅުން ފިލުވަމުން ދިޔައެވެ. އިބާއާއި ދިމާކުރާ ޒުވާނާގެ ހަބަރެއްވެސް ނުވެއެވެ. ޔާސިރުއާއި ޝަކީބުއާ ދެމެދުވެސް މާބޮޑުކަމެއް ނުހިނގައެވެ.

ޔާސިރު އިނީ ސްޓަޑީގައެވެ. ފޯނު ވައިބްރޭޓްވުމާއެކު ނަގާ ބަލާލިއެވެ. އާއްމުކޮށް އޭނާ ގުޅާ އުޅޭ ބޭރު ނަންބަރަކަށް ނުވުމާއެކު އޭނާ އިނީވެސް ދެ ހިޔާލެއްގައެވެ. ފައިލުގެ އެންމެ ފަހު ގަނޑުގައި ސޮއިކޮށް ނިއްމާލުމަށްފަހު ފޯނު ކަންފަތުގައި ޖައްސާލާ ހަލޯ އޭ ކިޔާލައިފިއެވެ.

އެކޮޅުން ބުނެލި ވާހަކައިން ޔާސިރުގެ އަތުން ގަލަން ދޫވުމާއެކު ކުއްލިއަކަށް ކޮޅަށް ތެދުވެވިއްޖެއެވެ. ފޯނު ކަންފަތާ ދުރުކޮށްލަމުން އޭނާ ގޮނޑީގައި އިށީނެވެ. އެއަށްފަހު އޭނާ ފޯނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އެހެން އިނދެފައި ފޯނުން ކޮންމެވެސް މީހެއްގެ ނަންބަރަކަށް ގުޅާލިއެވެ. ހިތްއަވަސްވެފައި ވާހާލު އެކޮޅުން ފޯނު ނަގާނެ އިރަކަށް އިންތިޒާރުކުރިއެވެ.

"ހަލޯ... ކަލޭ ކައިރީގައި މަށަށް ނުބުނެވޭތަ ރަނގަޅަށް ބަލަން..." އެކޮޅުން ފޯނު ނެގުމާއެކު އިނގިރޭސިން ޔާސިރު ބުނެލިއެވެ.

"މާހިރާ ކޮބާހޭ؟ ކަލެއަށް އޭނަ ދިޔަތަނެއް އެނގެން ޖެހޭނެ... " ޔާސިރުގެ މޫނުމަތިން ރުޅިވެރި އަސަރުތައް ފެންނަމުން ދިޔައެވެ. ދަތްކުނޑި ވިކައިގެން ހުރެ ޔާސިރު ވާހަކަ ދައްކަން ފެށިއެވެ.

"ކާކު އޭނަ ނެރުނީ؟ މަ މި އަހަނީ ކާކުހޭ އޭނަ ނެރުނީ؟" ޔާސިރުގެ އަޑު ފަހަރެއް ފަހަރެއް ބާރުވަމުން ދިޔައެވެ. އޭރު އޭނާއަށް މިހުރެވެނީ އަމިއްލަ ގޭގައިކަންވެސް ރޭކާނުލިއެވެ. އެހާ ސިއްރުކޮށްގެން އުޅުނު ކަންތައް މީހަކަށް ފަޅާއަރައިފިކަން އެނގުމުން ޔާސިރުގެ ދުނިޔެ ހުއްޓުނު ފަދައެވެ. ރުޅިވެރިކަމުން އޭނާގެ ނަފްސު ތުރުތުރު އަޅަމުންދިޔައެވެ. އެ ވަގުތު އެތެރެއަށް ވަންނަން އައި ނަވީންއަށް މިފަހަރުވެސް އެވާހަކަ އިވުނީ އިއްތިފާގަކުންނެވެ. ޔާސިރުގެ ސުވާލާއެކު އޭނާއަށްވެސް މަޑުޖެހިލެވުނެވެ. އެކޮޅުން އޭނާގެ ނަންބުނެފިނަމަ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ. ހިތް ތެޅެން ފެށީ އެހާ ބާރަށެވެ.

"ކާކުހޭ... އަހަރެންގެ އަތުން ކަލޭ މަރުނުވަނީސް ތެދަށް ޖަވާބުދީ؟" ޔާސިރު އަޑު މަޑުކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިވުނު ހަބަރަކުން އޭނާގެ ނަފްސަށް ވެސް ގުޑުން އަރައިފިއެވެ.

(ނުނިމޭ...)

https://sun.mv/123393

comment ކޮމެންޓް