ގަލްފް އޮފް އަދަން ކައިރިއަށް އީރާނުން މަނަވަރެއް ފޮނުވައިފި

އީރާންގެ މަނަވަރު ސަހަންދު---

ޝިބުހު އަރަބި ޖަޒީރާ ނުވަތަ އެރެބިއަން ޕެނިންސިއުލާއާއި އެފްރިކާއާ ދެމެދު އޮންނަ ގަލްފު އޮފް އަދަން ސަރަހައްދަށް އީރާނުން މަނަވަރެއް ފޮނުވައިފި އެވެ.

އީރާނުން ބުނީ އެ ސަރަހައްދަށް ފޮނުވާފައިވަނީ ސަހަންދު ކިޔާ ހަނގުރާމައިގެ މަނަވަރެއް ކަމަށެވެ. އަދި އެ މެނަވަރު ފޮނުވީ އެ ސަރަހައްދުގައި ކަނޑުފޭރުމުގެ އަމަލުތައް ހިނގާތީ އެ ސަރަހައްދުން ދަތުރުކުރާ އެގައުމުގެ އުޅަނދުތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަަމަށްވެސް އީރާނުން ބުންޏެވެ.

އެ މަނަވަރުގައި މިސައިލްއާއި އެއާ ޑިފެންސް ސިސްޓަމަކާއި އަދި ޓޯޕީޑޯއެއްވެސް ހުރެ އެވެ.

އީރާނުން އެ ސަރަހައްދަށް މަނަވަރެއް ފޮނުވީ އެގައުމާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އީރާންގެ ތެޔޮ ޓޭންކަރެއް އިނގިރޭސިވިލާތުން ހިފެހެއްޓުމުން އީރާނުންވެސް ރައްދުގައި ވަނީ އިނގިރޭސިވިލާރުގެ ޓޭންކަރެއް ހިފަހައްޓައިަފަ އެވެ. ނަމަވެސް ޖިބްރޯލްޓާގެ ކޯޓުން ވަނީ އީރާންގެ ޓޭންކަރު ދޫކޮށްލައިފައެވެ.

ދޫކޮށްލި ތެޔޮ ޓޭންކަރު މިހާރު މިސްރާބު ޖަހަފައިވަނީ އިރުމައްޗާ ދިމާއަށެެވެ. އެ ޓޭންކަރު ގްރީސް އަދި ތުރުކީއަށްވެސް މަޑުކުރަން އުޅުނެވެ. ނަމަވެސް އެމެރިކާގެ ފިއްތުމާގުޅިގެން އެ ޓޭންކަރަށް ވަނީ އެ ގައުމުތަކަށް ބަނދަރުކުރަން ހުރަސް އެޅިފަ އެވެ.

އީރާންއިން ބުނީ އެ ތެޔޮ ޓޭންކަރުގައި ހުރި ބައެއް ތެޔޮ މިހާރު ވިއްކާފައިވާ ކަމަށެވެ. ނަަމަވެސް ވިއްކީ ކޮންބަޔަކަށް ކަމެއް ހާމައެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި އެ ޓޭންކަރުގެ މިސްރާބު ހުރީ ސުއޭޒް ކެނަލްގެ ތެރެއިން ލާފައި ގޮސް އީރާންއަށް އެނބުރި ދިއުމަށެވެ. ސުއޭޒް ކެނަލްގެ ތެރެއިން ވަނުމަށް ތެޔޮ ޓޭންކަރުން ބައެއް ތެޔޮ ކޮންމެވެސް ވަރަކަށް ހުރަސް ކުރަން ޖެހޭނެ އެވެ. ސަބަަބަކީ އެހާ ބަރުކޮށް ސުއޭޒް ކެނެލްގެ ތެރެއިން ދަތުރުނުކުރެވޭނެތީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް