ސިޔާސީ މައިދާނުގައި ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި: އަދުރޭ

ރައީސް ޔާމީންއާއި އަދުރޭ: ސިޔާސީ މައިދާނުގައި ދެމިހުންނަވާނީ ރައީސް ޔާމީނާއެކު ކަމަށް އަދުރޭ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ މައިދާނުގައި ދެމިހުންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ކަމަށް އެމަނިކުފާނުގެ އަރިސް، އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ކުރީގެ ގިނަ މެމްބަރުންތަކެއް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގަންވާއިރު އަދުރޭވެސް ގުޅިވަޑައިގަންނަވާ ކަމުގެ އަޑުވަނީ ފެތުރިފަ އެވެ. ނަމަވެސް އަދުރޭ އެކަން ދޮގުކުރެއްވި އެވެ.

މިވަގުތު މެލޭޝިއާގައި ހުންނެވި އަދުރޭ "ސަން" އަށް ވިދާޅުވީ، ޕީއެންސީ ވަކިވެވަޑައި ނުގަންނަވާ ކަމަށާއި މިރޭ ޖޭޕީއަށް ސޮއި ނުކުރައްވާނެ ކަމަށެވެ.

"ސިޔާސީ މައިދާނުގައި ދެމިހުންނެވިހާ ހިނދަކު ހުންނަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި" އަދުރޭ ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު ވާހަކަ އަދުރޭ ނުދައްކަވައެވެ.

މިރޭ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި އޮންނަ ޖަލްސާގައި ކުރީގެ ސަރުކާރަށް ނިސްބަތްވާ ކުރީގެ މަޖިލިސް މެމްބަރުންތަކެއް އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

ސިޔާސީ ދާއިރާގައި ދެމިހުންނަވާނީ ރައީސް ޔާމީންގެ އަރިހުގައި ކަމަށް އަދުރޭ ވިދާޅުވި ނަމަވެސް މިރޭ ޖޭޕީއަށް ސޮއި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު "ސަން" އަށް ވިދާޅުވީ، އަދުރޭވެސް ޖޭޕީއަށް ސޮއި ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އަދުރޭ ޖޭޕީއަށް ސޮއި ކުރައްވާނީ އަންނަ ހަފްތާގައި ކަމަށެވެ.

"ރަށުން ބޭރުގައި ހުންނެވީތީ މިރޭ އަދުރޭ ސޮއި ނުކުރައްވާނެ. ނަމަވެސް އަންނަ ހަފްތާގައި އަދުރޭ ޖޭޕީ އަށް ސޮއި ކުރައްވާނެ،" އަދުރޭއާ ގާތް ގުޅުމެއް އޮންނަ ފަލާހު ވިދާޅުވިއެވެ.

ފަލާހުގެ އިތުރުން މިރޭ ޖޭޕީއާ ގުޅިވަޑައިގަންނަވާނީ، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ޕީއެންސީގެ ނައިބު ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި، ޕީޕީއެމްގެ ކުރީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް "ސަން" އަށް ވިދާޅުވެފައިވަނީ، މިރޭ ޖޭޕީ އަށް "ހައި ޕްރޮފައިލް" ބޭފުޅުން ސޮއި ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބޭފުޅުންނެއް ކަމެއް އަލީ ސޯލިހް ވިދާޅެއް ނުވެއެވެ.

https://sun.mv/123469

comment ކޮމެންޓް