މަހަށް ގޮސްގެން އުޅެނިކޮށް ބިދޭސީއަކު ކުއްލިއަކަށް މަރުވެއްޖެ

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މަސްވެރިކަން ކުރާ އއ. ތޮއްޑޫގެ ދޯންޏަކުން މަހަށް ނުކުމެ އުޅުނު ބިދޭސީ އަކު ކުއްލިއަކަށް މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަހަށް ގޮސްގެން އުޅެނިކޮށް ކުއްލިއަކަށް މަރުވި ބިދޭސީ މީހާ މިހާރު ވަނީ ހއ. ތުރާކުނަށް ގެންގޮސްފަ އެވެ.

ތުރާކުނު ކައުންސިލުގެ ނައިބު ރައީސް ތޯހާ އަލީ ވިދާޅުވީ މިއަދު 4:15 އެހައިކަންހާއިރު ތޮއްޑޫ މަސްދޯންޏަކުން މަހަށް ދިޔަ ބިދޭސީއަކު މަރުވެގެން އެރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ މިހާރު އޮތީ ތުރާކުނު ސިއްހީ މަރުކަޒުގައި ކަމަށް ތޯހާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ދޯނީގައި ހުއްޓައި މެއަށް ތަދެއް އެރި ކަމަށް. ޑޮކްޓަރުން ބުނާ ގޮތުން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައި އޮތީ،" ތޯހާ ވިދާޅުވި އެވެ.

މަރުވީ އެ ދޯނީގައި މަސްވެރިކަން ކުރާ 40 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށް ތޯހާ ވިދާޅުވި އެވެ. އަދި މިހާރު ފުލުހުންނަށް އެކަން އަންގާފައިވާ ކަމަށްވެސް ތޯހާ ވިދާޅުވި އެވެ.

އެ ދޯނި މަހަށް ނުކުމެ އުޅޭތާ ހަފްތާއެއް ވެއްޖެ ކަމަށް މައުލޫމާތު ލިބެ އެވެ. މިއަދު ބަންގްލަދޭޝް މީހާ މަރުވެފައިވަނީ ތުރާކުނާ ދިމާލު ހަ މޭލު ބޭރުގައި ދޯނި އޮއްވައިކަންވެސް ވަނީ އެނގިފަ އެވެ.

comment ކޮމެންޓް