ސިޔާސީ ކުރިމަގު އޮތީ ގާސިމާއެކު ކަމަށްބުނެ ކުރީގެ މެމްބަރުންތަކެއް ޖޭޕީއަށް!

ޕީޕީއެމްއިން ބޭއްވި ޕުރެސް -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ސިޔާސީ ކުރިމަގު އޮތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު ކަމަށް ބުނެ، ކުރީގެ މަޖިލިސް މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކުރަން ނިންމަވައިއެވެ.

މިހާތަނަށް "ސަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މިރޭ ކުރީގެ މަޖިލިސް މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާނެއެވެ. ސޮއި ކުރައްވާ ތިން މެމްބަރުންނަކީ، އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަބްދުﷲ ހަލީލް އަދި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފެވެ.

އެ ހަތަރު ބޭފުޅުންގެ ތެރެއިން އަލީ އާރިފާއި ފަލާހު ވަނީ ޕީޕީއެމް އިން މިއަދު ވަކިވެވަޑައިގެންފައެވެ. އަދި ނިހާން ވަނީ އޭނާ ނިސްބަވްތާ ޕީއެންސީގެ ނައިބު ރައިސްކަމުންނާއި އެ ޕާޓީގެ މެމްބަރު ކަމުން އިސްތިއުފާ ދެެއްވާފައެވެ.

މިރޭ ޖޭޕީއަށް ސޮއި ކުރަން ނިންމަވާ ފަލާހު މިއަދު "ސަން" އަށް ވިދާޅުވީ، އެ ހަތަރު ބޭފުޅުންވެސް މިރޭ ޖޭޕީއަށް ސޮއި ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް އިން ވަކި ޖޭޕީއަށް ސޮއިކުރަން ނިންމީ، ސިޔާސީ ކުރިމަގު އޮތީ އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމްއާއެކު ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"މިރޭ ނުވައެއް ޖަހާއިރު ޖޭޕީ އަށް ސޮއި ކުރާ ގޮތަށް އޮތީ. އަޅުގަނޑާ ނިހާންއާއި އަލީ އާރިފް [އަދި] ޑރ. ހަލީލާ އަދިވެސް ގިނަ ބަޔަކު [މިރޭ ޖޭޕީއަށް ސޮއި ކުރަނެ،" ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިވަގުތު މި ފެންނަނީ، ޖެޕީ އޮތީ ސަރުކާރާއެކު ދެއްތޯ. އަޅުގަނޑުމެންނަ [ގަބޫލު ކުރެވެނީ] ގާސިމް އިބްރާޙިމްއާއެކު ކަމަށް ސިޔާސީ މަސައްކަތުގައި އެންމެ ރަނގަޅަށް ކުރިއަށް ދެވޭނީ. އެގޮތައް ވިސްނާފައި ނިންމީ [ޖޭޕީއަށް ސޮއި ކުރަން]،"

ގައުމު ތަރައްގީ ކުރުމުގައި ގާސިމްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ކަމަށާއި އެގޮތުން ޖޭޕީއާއެކު ކުރިއަށް ދާނީ ސާރުކާރަށްވެސް ތާއީދު ކުރަމުން ކަމަށް ފަލާހު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް "ސަން" އަށް ވިދާޅުވީ، މިރޭ ޖޭޕީ އަށް "ހައި ޕްރޮފައިލް" ބޭފުޅުން ސޮއި ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮންބޭފުޅުންނެއް ކަމެއް އަލީ ސޯލިހް ވިދާޅެއް ނުވެއެވެ.

"ހައެއްކަ ބޭފުޅުން ސޮއި ކުރާނެ ހައި ޕްރޮފައިލް،" އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ސޯލިހް ވިދާޅުވީ، ހައި ޕްރޮފައިލް ބޭފުޅުންގެ ތެރޭގައި ގައުމުގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނާއި މިނިސްޓަރުކަން ކުރައްވާފައި ތިބި ބޭފުޅުން އަދި މެމްބަރުކަންވެސް ކުރައްވާފައި ތިބި ބޭފުޅުންވެސް ސޮއިކުރާ މީހުންގެ ތެރޭގައި ހިމެނިދާނެ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއި ކުރުމަށް ބާއްވާ ޖަލްސާ އޮތީ މިރޭ 9:00 ގައި އެ ޕާޓީގެ މައި އިދާރާ މ. ކުނޫޒުގައެވެ.

https://sun.mv/123465

comment ކޮމެންޓް