ސްޕެއިންގައި ވައިގެ ތެރޭގައި ދެ އުޅަނދު ޖެހި، ހަތް މީހަކު މަރުވެއްޖެ

މަޔޯކާއަށް ދެ އުޅަނދު ވެއްޓުމުގެ ކުރިން ދެ އުޅަނދުގައިވެސް ރޯވި ކަމަށް އެރަށުގެ ނޫސްތަކުން ބުނޭ -- ފޮޓޯ: ޓުވިޓާ

މެޑްރިޑް (އޮގަސްޓް 26): ސްޕެއިންގެ މަޔޯކާ މަތިން ދަތުރު ކުރަމުން ދިޔަ ހެލިކަޕްޓަރަކާއި ކުޑަ މަތިންދާބޯޓެއް ޖެހި، ހަތް މީހަކު މަރުވެއްޖެ އެވެ.

މަޔޯކާގެ ނޫސްތަކުގައިވާ ގޮތުން އެރަށުގެ އުތުރަށް ދެ އުޅަނދު ވެއްޓުމުގެ ކުރިން ދޭތީގައިވެސް ވަނީ ރޯވެފަ އެވެ. އަދި އެހާދިސާ ހިނގި ވަގުތު މޫސުން ރަނގަޅު ކަމަށާއި އެކްސިޑެންޓުވި ސަބަބު އަދި ނޭނގޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ހާދިސާގައި އެކްސިޑެންޓުވި ހެލިކަޕްޓަރަކީ ޖަރުމަނުގެ ކުންފުންޏަކަށް ނިސްބަތްވާ އުޅަނދެކެވެ. އެ ހެލިކަޕްޓަރުގައި ތިބީ ޖަރުމަނުގެ ދެމަފިރިންނާއި އެމީހުންގެ ދެކުދިންނާއި އިޓަލީގެ ޕައިލެޓެކެވެ. އަދި އެކްސިޑެންޓުވި މަތިންދާބޯޓުގައި ތިބީ ސްޕެއިންގެ ޕައިލެޓަކާއި އޭނާގެ އެކުވެރިއެކެވެ.

އެ ހާދިސާގައި ދެ އުޅަނދުގައި ތިބި މީހުންވެސް މަރުވި އެވެ. އަދި ދެ އުޅަނދު ވެއްޓުނީ ހުސް ދަނޑަކަށް ކަމުން އިތުރު މީހަކަށް އަނިޔާނުވެ އެވެ.

ޖަރުމަނުގެ އޭވިއޭޝަން އޮތޯރިޓީ އާއި ސްޕެއިންގެ އޮފިޝަލުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް