ޓޫރިޒަމްގެ ނަފާ ރާއްޖެއަށް މިހާރަށް ވުރެ ބޮޑަށް ހޯދޭނެ: އޭޑީބީގެ ރައީސް

އޭޑީބީގެ ރައީސް އާއި ފިނޭންސް މިނިސްޓަރު ދެއްވި ޕްރެސް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ޓޫރިޒަމް އަކީ ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިއްމު އެއް ސިނާއަތް ކަމަށާއި އެ ސިނާއަތުގެ ފައިދާ މިހާރަށް ވުރެ ބޮޑަށް ރާއްޖެއަށް ހޯދޭނެ ކަމަށް އޭޑީބީގެ ރައީސް ޓަކިހީކޯ ނަކާއޯ ވިދާޅުވެއްޖެ އެވެ.

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން އޭޑީބީގެ ރައީސް ވިދާޅުވީ ޓޫރިޒަމްގެ ނަފާ މިހާރަށް ވުރެ ބޮޑަށް ހޯދޭނެ ގޮތްތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"ދޮޅު މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރާ އިރު، ދިވެހިންނަށް ވަޒީފާތައް އިތުރުނުވާ ނަމަ، އެ ސިނާއަތުގެ ފައިދާ ރާއްޖެއަކަށް ނުކުރާނެ. ޖީޑީޕީ އަށް ރަނގަޅު އަސަރެއް ކުރާނެ ކަމެއް، ރިސޯޓުތަކުން ލިބޭ ފައިދާ ދިވެހި އާއިލާތަކަށް ވެސް ލިބޭ ނަމަ،"

އޭޑީބީގެ ރައީސް ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގެ ފައިދާ ރާއްޖެއަށް މިހާރަށް ވުރެ ބޮޑަށް ކުރާނީ އެސިނާއަތުން ތިމާވެއްޓަށް ކުރާ އަސަރު ވެސް ކުޑަކޮށްގެން ކަމަށެވެ.

"ގެސްޓުހައުސްތަކުގެ ނަފާ ރަށްރަށުގެ ރައްޔިތުންނަށް މިހާރަށް ވުރެ ބޮޑަށް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ވެސް މިއަދު މަޝްވަރާ ކުރެވުނު،" އޭޑީބީގެ ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ އަކީ މިހާރަށް ވުރެ ބޮޑަށް ރާއްޖެއަށް އާމްދަނީ ލިބޭ ސިނާއަތަކަށް ހެދުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން ރައީސް ސޯލިހާއި މަޖިލިސް ރައީސް ނަޝީދު އަދި ފިނޭންސް މިނިސްޓަރާ އެކު މަޝްވަރާ ކުރެވުނު ކަމަށް އޭޑީބީގެ ރައީސް ނަކާއޯ ވިދާޅުވި އެވެ.

"މަސްވެރިކަމަކީ ރާއްޖެއަށް އާމްދަނީ ލިބެނެ ސިނާއަތެއް. ވަޒީފާގެ ފުރުސަތުތައް ހުރި ދާއިރާއެއް. ގައުމަށް އިތުރު އާމްދަނީ ލިބޭނެ ގޮތްތައް މަސްވެރިކަމުގެ ސިނާއަތުން ހޯދުމަށް ވެސް މިއަދު މަޝްވަރާ ކުރެވުނު. އެގޮތުން 'ފިޝް ފާމިން' ކުރިއެރުވުމާ ގުޅޭ ގޮތުން ވަނީ ވާހަކަ ދެކެވިފައި،"

ކުނިމެނޭޖު ކުރުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް އޭޑީބީ އިން ދަނީ ރާއްޖެއަށް އެހީ ދެމުންނެވެ. ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް އޭޑީބީ އާއެކު މާދަމާ ސަރުކާރުން ބާއްވާނެ އެވެ.

އޭޑީބީގެ ރައީސް ނަކާއޯ ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ އާއި އަޅާބަލާ އިރު ގައުމުގެ ދަރަނި ބޮޑު ކަމަށެވެ.

"ކޮމާޝަލް ބޭނުންތަކަށް ސަރުކާރުން ގެރެންޓީ ދީފައިހުރި ލޯނުތަކާ އެކު ދަރަނި މިވަނީ ބޮޑުވެފައި. ފިސްކަލް ޑެފިސިޓް ކުޑަކުރުމަށް ވެސް ވަނީ ސަރުކާރާ އެކު މަޝްވަރާ ކުރެވިފައި،" އޭޑީބީ އިން ލަފާކުރާގޮތުއި 2019-2020 އަށް ރާއްޖޭގެ ޖީޑީޕީ ހުންނާނީ 6.4 ޕަސެންޓުގަ އެވެ.

ހިލޭ އެހީ އާއި ލޯމނުގެ ގޮތުގައި އޭޑީބީ އިން މިހާތަނަށް 277 މިލިއަން ޑޮލަރު ދީފައިވާ އިރު ހިލޭ އެހީގެ ބަދަލުގައި ކުރިއަށް އޮތްތަނުގައި ކޮންސެޝަނަލް ލޯނު ދޭ މިންވަރު އިތުރުކުރާނެ ކަމަށް އޭޑީބީގެ ރައީސް ވިދާޅުވި އެވެ. އެ ބޭންކުން ރާއްޖެއަށް ކުރިއަށް އޮތްތަނުގައި ވެސް ގިނަ އެހީ ދޭން ނިންމާފައި ވަނީ ރިނިއުއެބަލް އެނާޖީ އަދި ވޭސްޓް މެނޭޖުމެންޓުގެ ދާއިރާ އިންނާއި އެސްއެމްއީ ވިޔަފާރިތައް ކުރިއެރުވުމަށް ކަމަށް އޭޑީބީގެ ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް